މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސާއި ގުޅިގެން ވާރޗުއަލްކޮށް ބޭއްވި އިންވެސްޓަރ ކޮންފަރެންސް ނިންމާލައިފިއެވެ.
މި ކޮންފަރެންސް އޮތީ ޖޫން 22 ވަނަ ދުވަހުގެ ރާއްޖެ ގަޑިން ހަވީރު 04 އިން 07 އަށެވެ. މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހަކަތައިގެ ދާއިރާގައި ފާހަގަކޮށްލެވޭ އިންވެސްޓަރުން ހިމެނެއެވެ.
މި ކޮންފަރެންސްގައި 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭނުގައި އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވަނީ ތަގްރީރު ކުރައްވާފައެވެ. ކޮންފަރެންސް ފެށުމުގެ ގޮތުން ޚާއްސަ މެހެމާނުންގެ ގޮތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ތަގްރީރު ކުރެއްވިއެވެ. އޭގެ އިތުރުން މި ކޮންފަރެންސްގައި ސީޝެލްސްގެ އެންވަޔަރަމަންޓް މިނިސްޓަރ ފެލްވިއަން ޖޯއުބާރޓް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންފަރެންސްގައި މިހާރުވެސް ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނަރޖީ – އެސްޕަޔަރ ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކާއި ބެހޭ މައުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށްގެންދިޔައެވެ.
ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންވެސް މި ކޮންފަރެންސަގައި ބައިވެރިވެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ކުދި ގައުމުތަކުގެ ކުރިއެރުމަށް ހަކަތައިގެ ދައިރާގެ މުހިއްމު ކަމާއި ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕެނަލްގައި އިންޓަނޭޝަނަލް ރިނުއިއުވަބަލް އެނަރޖީ އޭޖެންސީ – އައިރީނާ އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް – އޭއައިއައިބީ އާއި އިންޓަނޭޝަނަލް ސޯލަރ އެލަޔަންސް – އައިސާއިން ބައިވެރިވިއެވެ. ހަމައެޔާއެކު އިންވެސްޓަރުންގެ ހުރި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަނެއްވެސް ވެސް ކުރިއަށް ގެންދެވުނެވެ. ސުވާލާއި ޖަވާބު ޕެނަލްގައި މިނިސްޓްރީ އޮފް ފިނޭންސް އަދި އިކޮނޮމިކް ޑިވެލޮޕްމްންޓް މިނިސްޓަރީގެ އިތުރުން އެމްއެމްއޭވެސް ވަނީ ބައިވެރިވެފައެވެ.