ކ. މާލެ
|
4 ޖޫން 2021 | ހުކުރު 23:23
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް  ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އަލްޖަޒީރާ
ފޭސްބުކުން ޓްރަމްޕް ބޭން ކުރުން
2023އާ ހަމައަށް ޓްރަމްޕަށް ފޭސްބުކް ބޭނުމެއް ނުކުރެއްވޭނެ
މީގެ ކުރިން ޓްރަމްޕް ވަނީ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް އުފައްދަވާނެ ކަމަށް ވިދާޅުވެފައި
ޓްރަމްޕް ފޭސްބުކާއި އިންސްޓަގްރާމުން ބޭރު ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 2023އާ ހަމައަށް ފޭސްބުކް ބޭނުން ނުކުރެއްވޭނެ ކަމަށް ފޭސްބުކުން ބުނެފިއެވެ.

ފޭސްބުކުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޖެނުއަރީ 2023 އާއި ހަމައަށް ޓްރަމްޕަށް ފޭސްބުކް ބޭނުން ނުކުރެއްވޭނެ ކަމަށާއި، ދެ އަހަރު ދުވަހަށް ފޭސްބުކުން އޭނާ ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފޭސްބުކުން ބުނީ އެ ޕްލެޓްފޯމް ބޭނުންކުރާ ސިޔާސީ ފަރާތްތަކުން މުޖުތަމައުގައި ބިރުވެރިކަން އުފައްދައި ދޮގު ޚަބަރު ފެތުރުމަށް ފުރުސަތު ނުދޭނެ ކަމަށާއި، އަދި އެގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ފޭސްބުކުން ޓްރަމްޕްގެ ސަސްޕެންޝަން ދިގު ދަންމާލިއިރު، 10 މިލިއަނަށްވުރެ ގިނަ މީހުން އޭނާ ފޮލޯ ކުރެއެވެ. ފޭސްބުކްގެ އިތުރުން ޓްވިޓަރއިން ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ޓްރަމްޕް ސަސްޕެންޑް ކޮށްފައެވެ.

އެއާއެކު ޓްރަމްޕް ވަނީ މީގެ ކުރިން އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފެއްދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޓްރަމްޕް ވަނީ ޓްވިޓަރއަށާއި ފޭސްބުކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.  

ފޭސްބުކް އަދި އިންސްޓަގްރާމުން ޓްރަމްޕު ބޭން ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އޭރު ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ކެޕިޓޯލް ތެރެއަށް ވަދެ ބޮޑެތި ހަމަނުޖެހުންތައްވެސް ހިންގާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލިސްކުރާ އިމާރާތް ހުންނަ ކެޕިޓޯލްގައި ހިނގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވާ މޭރުމަކުން ޓްރަމްޕްގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން އެދުވަހު ޕޯސްޓްކުރެއްވުމުން، އެ ޕްލެޓްފޯރމްތަކުން ވަނީ ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކޮށްފައެވެ.

އޭގެ އިތުރުން، ކޮވިޑާ ގުޅިގެން ސައްހަ ނޫން މައުލޫމާތުތައް ފަތުރައި، ފޭސްބުކްގެ ޕޮލިސީއާ ޚިލާފުވި ކަަމަށް ބުނެވެސް ޓްރަމްޕްގެ އެކައުންޓް މީގެ ކުރިން ސަސްޕެންޑް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް