ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު ދެބަސްވުން އުފެދިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް ސްޓާމާގެ ޕްލޭނާ މެދު އޭނާ ދެބަސްވާ ކަމަށެވެ. މިއީ ޣައްޒާގެ ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަ އެކެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ، ސްޓާމާ އާއި އޭނާ ދެބަސްވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ވަރަށް މަދު ކަންތައްތަކެއް ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމުގެ މައްސަލަ އަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށެވެ.
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވަނީ، އެ ޤައުމުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނާނެ ކަމަށް އިއުލާން ކޮށްފަ އެވެ. އެގޮތުން، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ނުހުއްޓައިފި ނަމަ، މި މަހު އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް ސްޓާމާ ވަނީ އިއުލާން ކުރައްވައިފަ އެވެ.
ސްޓާމާގެ ޝަރުތު ތަކުގެ ތެރޭގައި، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުން ވެސް ހިމެނެ އެވެ. އެ ނިންމުން އިއުލާން ކުރުމުގެ ކުރިން ވެސް، ސްޓާމާ ވަނީ ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ.
އދ ގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަށް ނިންމާފައިވާ ޤައުމު ތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިތުރުން، ފްރާންސް، ކެނެޑާ، އަދި އޮސްޓްރޭލިއާ ވެސް ހިމެނެ އެވެ. ނަަމަވެސް، ޤައުމު ތަކުގެ މި ނިންމުމާ މެދު އެމެރިކާ އިން ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ.
އިނގިރޭސިވިލާތަށް ޓްރަމްޕް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސްޓާމާއާ ބައްދަލު ކުރައްވާފައިވާއިރު، ސްޓާމާ ވިދާޅުވީ ދެ ބޭފުޅުންގެ ބައްދަލުވުމުގައި ޣައްޒާގެ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ސުލްހަވެރިކަން ޤާއިމު ކުރުމަށް ކުރެވިދާނެ މުހިންމު ކަންތައް ތަކަށް މަޝްވަރާކޮށް، ބައެއް ކަންކަމުގައި އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ސްޓާމާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ ވެސް ބޭނުން ވަނީ ހަނގުރާމަ ނިންމުމަށް ކަމަށެވެ. ހަމަ އެހެންމެ، ހަނގުރާމައިގެ ސަބަބުން ރަހީނު ކޮށްފައިވާ މީހުން މިނިވަން ކުރުމަށް ވެސް ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެހެން ނަމަވެސް، ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ގޮވާލަންތޯ ނޫސްވެރިން ސުވާލު ކުރުމަށް، އެ ސުވާލަށް ޓްރަމްޕް ސީދާ ޖަވާބެއް ދެއްވާފައި ނުވެ އެވެ.
އިތުރަށް އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ޣައްޒާގެ މިހާރުގެ ޙާލަތަކީ އިތުރަށް ބަރުދާސަތު ކުރެވޭނެ ޙާލަތެއް ނޫން ކަމަށެވެ. އަދި އެ ސަރަހައްދަށް ބޭނުންވާ އެންމެހައި އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަކީ އިންތިހާ އަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ، 65،000 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދު ކޮށްލައިފަ އެވެ. އެތައް ހާސް ބަޔަކަށް އަނިޔާވެފައިވާއިރު، މީގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަ ކުދިންނެވެ.
އިސްރާއީލް އަށް ހަމަލާ ދިނުމަށް ފަހު ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމުގެ މަޤުސަދުގައި ކަަމަށް ބުނެ، އިސްރާއީލް އިން ވަނީ ޣައްޒާ ސިޓީ އެ މީހުންގެ ބެލުމުގެ ދަށުމަށް ގެނައުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.
އެ އޮޕަރޭޝަންގެ ދަށުން އެ ސަރަހައްދުގައި ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ބައިނަލްއަޤުވާމީ މުޖުތަމައުން ވަނީ އިސްރާއީލްގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.