މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ސަރވިސް އިންވެސްޓްމެންޓް ޕްރޮގްރާމަށް 1،193.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8,441.5 މިލިއަން ރުފިޔާ އެޕްރޫވްކޮށްފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ސަރުކާރުން ޚަރަދުކޮށްފައި ވަނީ 1،849.5 މިލިއަން ރުފިޔާއެވެ.
ޚަރަދުތައް ކޮށްފައިވާ ދާއިރާތަކަށް ބަލާއިރު، ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް 52 މިލިއަން ރުފިޔާ، ބަނދަރުގެ އެކި މަޝްރޫއުތަކަށް 180 މިލިއަން ރުފިޔާ، އެއަރޕޯޓްގެ އެކި މަޝްރޫއުތަކަށް 50 މިލިއަން ރުފިޔާ، އަދި ބްރިޖުގެ މަޝްރޫއުތަކަށް 23 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 74.9 މިލިއަން ރުފިޔާ، ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 54.4 މިލިއަން ރުފިޔާ، ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް 249.2 މިލިއަން ރުފިޔާ، ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް 176.1 މިލިއަން ރުފިޔާ، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް 14.2 މިލިއަން ޚަރަދުކޮށްފައިވެއެވެ.
އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 46.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 60 މިލިއަން ރުފިޔާ، ބިން ހިއްކުމާއި މަގު ހެދުމަށް 165 މިލިއަން ރުފިޔާ، އަދި މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 30.6 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 9،754 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އާމްދަނީގެ ގޮތުގައި 7،102.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.