Advertisement
ކ. މާލެ
|
22 ނޮވެންބަރ 2025 | ހޮނިހިރު 18:22
މާލޭ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި އެމްޓީސީސީ އިން ހަރަކާތްތެރިވަނީ
މާލޭ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި އެމްޓީސީސީ އިން ހަރަކާތްތެރިވަނީ
އެމްޓީސީސީ
ދައުލަތުގެ ޚަރަދު
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
2024 ވަނަ އަހަރަށް ބަޖެޓު ކުރި 1,311 މަޝްރޫޢަކަށް 3.2 ބިލިއަން ރުފިޔާ ބަޖެޓު ކުރިއިރު އެ މަޝްރޫއުތައް އޮތީ ހުއްޓާލާފައި
ޕީއެސްއައިޕީ އަށް ފާސްކުރި ބަޖެޓަށް ވުރެ 9 އިން ސައްތަ ބޮޑަށް ހޭދަކޮށްފައިވޭ
ބަޖެޓުގައި ނުހިމެނޭ 100 މަޝްރޫޢަކަށް 1.1 ބިލިއަން ރުފިޔާއާއި 480 މަޝްރޫޢަކަށް ބަޖެޓަށް ވުރެ އިތުރަށް 4.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

ގައުމުގެ ހިންގުން ދޯދިޔާވެ، ގިނަ ބައެއްގެ ފާޑު ކިޔުން މުއިއްޒުގެ ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބަޖެޓަކީ ސަރުކާރުން އެއްވެސް އިހުތިރާމެއް ނުކުރާ، މާނަ އެއް ނެތް އެއްޗެއް ކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓަކުން ހާމަ ވެއްޖެ އެވެ.

އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ގޮތުގައި ހުސްވި 2024 ވަނަ އަހަރަށް ބަޖެޓު ކުރި މަޝްރޫއުތަކުގެ ތެރެއިން 1,311 މަޝްރޫޢެއްގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގޮސްފަ އެއް ނެތެވެ. މިކަން މިހެން އޮތް އިރު އެ މަޝްރޫޢުތަކަށް 3.2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮތެވެ.

އަނެއްކޮޅުން، 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބަޖެޓުގައި ނުހިމެނޭ 100 މަޝްރޫޢު އަކަށް މިނިސްޓްރީން ވަނީ ފައިސާ ޚަރަދުކޮށްފައެވެ. މި މަޝްރޫޢުތަކަށް ޖުމްލަ 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު އެއީ ރައްޔިތުންގެ މަޖިލީހުން އެ މަޝްރޫއުތަކަށް ޚަރަދު ކުރަން ފާސް ކޮށްފައިވާ ފައިސާ އެއް ނޫނެވެ.

އޮޑިޓަރ ޖެނެރަލްގެ ހޯދުންތަކުން އެނގޭ ގޮތުގައި، މަޖިލިހުން ފާސް ނުކުރާ 100 މަޝްރޫޢު އެއް ފެށި އިރު، 480 މަޝްރޫޢު އަކަށް ބަޖެޓަށް ވުރެ އިތުރަށް ވެސް ޚަރަދުކޮށްފައި ވެއެވެ. މި މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް 4.7 ބިލިއަން ރުފިޔާ ވަނީ ފިނޭންސް މިނިސްޓްރީން ހޭދަ ކޮށްފަ އެވެ.

31 ޑިސެމްބަރު 2024 ގެ ނިޔަލަށް 11.9 ބިލިއަން ރުފިޔާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ޚަރަދު ކޮށްފައި ވެއެވެ. އެހެން ނަމަވެސް، އެއަހަރަށް ޕީއެސްއައިޕީ އަށް ފާސް ކުރި ބަޖެޓުގެ އަދަދަކީ، 8.9 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، އެ އަހަރަށް ފާސް ކުރި ބަޖެޓާއި އަދި ފަހުން ފާސް ކުރި ސަޕްލިމެންޓަރީ ބަޖެޓުގައި ޕީއެސްއައިޕީ އަށް ކަނޑައެޅި ޖުމްލަ އަދަދަށް ވުރެ 9 އިން ސައްތަ އިތުރަށް ޚަރަދުކޮށްފައިވާ ކަން އޮޑިޓަރ ޖެނެރަލް ވަނީ، ބަޖެޓް ޕޮސިޝަން ރިޕޯޓް - 2024 ގައި ފާހަގަ ކުރައްވާފަ އެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރަކު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ފާސްކުރާ އަދަދަށް ވުރެ އިތުރަށް ޚަރަދު ކުރުމުގެ މާނައަކީ "އަތުގައި ފައިސާ ނެތި ޚަރަދު ކުރުން" ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި ފައިސާ ނެތި ޚަރަދުކުރުމުން، ބިލުތަކަށް ފައިސާ ދެއްކުން ހުއްޓި، ކޮންޓްރެކްޓަރުންނަށް އިންތިޒާރު ކުރަންޖެހި، ނުދެއްކި ހުރި ފައިސާގެ އަދަދުތައް އިތުރުވެގެންދެއެވެ.

އޮޑިޓަރ ޖެނެރަލްގެ ހޯދުންތަކުން ފާހަގަވާ ގޮތުގައި، ސަރުކާރުން މަޝްރޫއުތަކުގެ ޚަރަދުތައް ރަނގަޅަށް ކަނޑަނާޅާ ކަމާއި، މަޝްރޫއުތައް ތަންފީޒު ކުރާނެ ގޮތުގެ ޓައިމްލައިން ވެސް ރަނގަޅަށް ކަނޑައަޅާފައި ނުހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އޮޑިޓަރ ޖެނެރަލް ވަނީ އެކަންކަން އިސްލާހު ކުރުމަށް ވެސް ސަރުކާރަށް ލަފާ ދެއްވާފަ އެވެ.

- ކޮމެންޓް