ކުރީ ސަރުކާރު ނިމުނުު އިރު ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މުއިއްޒު ސަރުކާރުން ބުނާ އަދަދާ އޮޑިޓު ރިޕޯޓުން ބުނާ އަދަދާ ދިމާ ނުވާކަން ހާމަ ވެއްޖެ އެވެ.
ސަރުކާރުގެ މީޑިއާ ޕީއެސްއެމް ނިއުސް އިން ބުނެފައި ވަނީ ކުރީގެ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ނުދައްކާ ހުރި ބިލްތަކުގެ ގޮތުގައި 583 މިލިއަން އެމެރިކާ ޑޮލަރު (9 ބިލިއަން ރުފިޔާ) ހުރިކަމަށެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ 2023 ވަނަ އަހަރުގެ ދައުލަތުގެ މާލީ ބަޔާނުން ދައްކަނީ މުޅިން އެހެން ހިސާބެކެވެ.
މި ބޮޑު ތަފާތު އޮޑިޓް ދާއިރާގެ ތަޖުރިބާކާރު އިސްމާއީލު ޒަރިޔަންދު ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ޒަރިޔަންދު ފާހަގަ ކުރެއްވި ގޮތުގައި، ދައުލަތުގެ މާލީ ބަޔާނުން ކަށަވަރުކޮށްދޭ ގޮތުގައި 2023 ވަނަ އަހަރު ނިމުނު އިރު ދައުލަތުން ދައްކަންޖެހޭ ޖުމްލަ އަދަދުގެ ގޮތުގައި އޮޑިޓަރ ޖެނެރަލް ކަނޑައަޅާފައިވާ އަދަދަކީ 3.12 ބިލިއަން ރުފިޔާ އެވެ.
ޒަރިޔަންދު ވިދާޅުވީ، މީގެ ކުރިން ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އަހަރު ނިމޭ އިރު ދައްކަންޖެހޭ ފައިސާގެ އަދަދު އާންމުކޮށް ހުންނަނީ އެއް ބިލިއަނާއި ދެ ބިލިއަނާ ދެމެދުގައި ކަމަށެވެ. 2023 ވަނަ އަހަރު މި އަދަދު އިތުރުވެފައިވީ ނަމަވެސް، އެ އަދަދު ހުރީ ޕީއެސްއެމް އިން ރިޕޯޓު ކޮށްފައިވާ 9 ބިލިއަން ރުފިޔާއަށްވުރެ މާ ދަށުގައި ކަން ސާފު ކޮށް ފެންނަން އެބައޮތްކަން ފާހަގަ ކުރެވެއެވެ.