ކ. މާލެ
|
24 މެއި 2021 | ހޯމަ 08:00
އައިފޯން ސެޓިންގ އިން ލޮކޭޝަން އޮފްކޮށް، ފޭސްބުކާއި ޝެއާނުކުރުމަށް ބުނެފައިވާއިރު، ފޭސްބުކް ސެޓިން އިންވެސް ލޮކޭޝަން ޝެއަރ ނުކުރާ ގޮތަށް ގިނަ ބަޔަކު ހުންނަނީ ހަދާފައި
އައިފޯން ސެޓިންގ އިން ލޮކޭޝަން އޮފްކޮށް، ފޭސްބުކާއި ޝެއާނުކުރުމަށް ބުނެފައިވާއިރު، ފޭސްބުކް ސެޓިން އިންވެސް ލޮކޭޝަން ޝެއަރ ނުކުރާ ގޮތަށް ގިނަ ބަޔަކު ހުންނަނީ ހަދާފައި
މުހައްމަދު ޝަރުހާން
ފޭސްބުކުން ލޮކޭޝަން ޓްރެކްކުރުން
ފޭސްބުކުން އަދިވެސް ލޮކޭޝަން ޓްރެކްކުރުން ހުއްޓައެއްނުލާ
 
ފޭސްބުކުން ދަނީ ލޮކޭޝަން ޓްރެކްނުކުރެވޭ ގޮތަށް ހަދާފައި އިނަސް ފޯނުން އަޕްލޯޑުކުރާ ފޮޓޯތަކުގެ ޒަރިއްޔާއިން ފޮޓޯގެ ލޮކޭޝަން އަދި އައިޕީ އެޑްރެސް ޓްރެކް ކުރަމުން
 
އިޝްތިހާރުތައް ދައްކަން ފޯނުގެ ޑޭޓާތައް ބަރާބަރަށް ފޭސްބުކުން ރެކޯޑްކުރަމުންދޭ
 
ފޭސްބުކް ބޭނުންކުރާ 80 އިންސައްތައަށް ވުރެ ގިނަ މީހުން، އެމީހުންގެ ލޮކޭޝަން ފޭސްބުކަށް އަންގާކަށް ބޭނުމެއް ނުވޭ

ފޭސްބުކް ބޭނުން ކުރާއިރު، ލޮކޭޝަން އޮންކޮށްގެން ބޭނުންކުރުމަކީ ގިނަ ބަޔަކު ކުރާކަމެކެވެ. އަލަށް ތައާރަފްވެގެން އައި އެޕަލް އައިއޯއެސް 14.5 އާއިއެކު ފޭސްބުކުން ފޯނުގެ ލޮކޭޝަން ބަލަމުން އައި ބެލުމަށް ހައްލެއް ލިބިގެން ދިޔަކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އައިފޯން ގެންގުޅޭ މީހުންގެ ތެރެއިން ފޭސްބުކް ބޭނުންކުރާ 80 އިންސައްތައަށް ވުރެ ގިނަ މީހުން، އެމީހުންގެ ލޮކޭޝަން ފޭސްބުކަށް އަންގާކަށް ބޭނުމެއް ނުވެއެވެ. އައިފޯން ސެޓިންގ އިން ލޮކޭޝަން އޮފްކޮށް، ފޭސްބުކާއި ޝެއާނުކުރުމަށް ބުނެފައިވާއިރު، ފޭސްބުކް ސެޓިން އިންވެސް ލޮކޭޝަން ޝެއަރ ނުކުރާ ގޮތަށް ގިނަ ބަޔަކު ހުންނަނީ ހަދާފައެވެ. އެހެން ނަމަވެސް ފޭސްބުކުން ދަނީ މީހުންގެ ލޮކޭޝަން ޓްރެކް ކުރަމުންނެވެ.

ފޭސްބުކުން ހޯދާ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ އެމީހުން ދައްކާ އިޝްތިހާރުތަކެވެ. އެއިޝްތިހާރުތައް ދައްކަން ފޯނުގެ ޑޭޓާތައް ބަރާބަރަށް ފޭސްބުކުން ރެކޯޑްކުރަމުންދެއެވެ. ވެބްސައިޓަކުން އެއްޗެއް ސަރޗްކޮށްފި ނަމަ އޭގެ މާގިނަ އިރުތަކެއް ނުވަނީސް އެއެއްޗަކާ ގުޅޭ އިޝްތިހާރުތައް ފޭސްބުކުން ފެނެއެވެ. ފޭސްބުކަށް އެކްސެސް ނުވާގޮތަށް ފޯނުގެ ސެޓިންގ ހަދައިފި ނަމަ ފޭސްބުކްގެ ހިލޭ ބޭނުންކުރެވޭ އެޕްތައް ހިލޭ ބޭނުން ނުކުރެވޭނެ ކަމުގެ އިންޒާރު ފޯނަށް އާދެއެވެ. އައިއޯއެސް 14.5 އާއިއެކު ފޭސްބުކުން ފޯނުގެ ލޮކޭޝަން ބަލަމުން އައި ބެލުމަށް 80 އިންސައްތައިގެ ދަށްވުމެއް އައުމާއެކު ލިބެންހުރި އިތުރު ޑޭޓާތަކުން ފައިދާ ހޯދުމުގެ މަސައްކަތް ފޭސްބުކުން ކުރާނެކަމުގެ އެއްވެސް ޝައްކެއްނެތެވެ.

އެޕަލް އިން ފޭސްބުކުން ފޯނުގެ ޑޭޓާ ތާރޑް ޕާޓީ ވެބްސައިޓްތަކުން ނަގާނެގުމަށް ހުއްޓުވުމެއް ގެނަސްފައިވީ ނަމަވެސް ފޭސްބުކް ކުންފުނީގެ އިތުރު ވެބްސައިޓްތައް ނުވަތަ އެޕްތައް މެދުވެރިކޮށް އެކަން ކުރުން އަދި ހުއްޓުވިފައެއް ނެތެވެ. އައިއޯއެސް 14.5 އާއިއެކު ޕްރައިވެސީ ލިބޭނެކަމަށް އުންމީދު ކުރި ނަމެވެސް ފޭސްބުކުން ފޯނުތަކުގެ ޑޭޓާ ބެލުން ހުއްޓާނުލާހާ ހިނދަކު އެކަން ކަށަވަރުވެގެނެއް ނުދާނެއެވެ. އަދި ފޭސްބުކް އެޕް މެދުވެރިކޮށް ޑޭޓާ ނުލިބޭނަމަ ކުރިން ނެގިފަހުރި ޑޭޓާ އާއި އިތުރުގޮތްތަކުން ލިބޭ ޑޭޓާ ފޭސްބުކުން ދާނީ ފަރުވާތެރިކަމާއެކު ރައްކާކުރަމުންނެވެ. އައިިއޯއެސް 14.5 އަށް އަދި މާގިނަ ދުވަސްތަކެއް ވެފައި ނުވާތީ މީގެ ހަގީގީ އަސަރު ދެނެގަންނަށް އަދި ދުވަސްކޮޅެއް ނަގާނެއެވެ.

"ކަލެކްޓް އެންޑް ޕްރޮސެސް"ގެ ނަމުގައި ފޭސްބުކުން ދަނީ ލޮކޭޝަން ޓްރެކް ނުކުރެވޭ ގޮތަށް ހަދާފައި އިނަސް ފޯނުން އަޕްލޯޑުކުރާ ފޮޓޯތަކުގެ ޒަރިއްޔާއިން ފޮޓޯގެ ލޮކޭޝަން އަދި އައިޕީ އެޑްރެސް ޓްރެކް ކުރަމުންނެވެ. ފޭސްބުކަށް ފޮޓޯ އަޕްލޯޑްކުރާ އިރު، ލޮކޭޝަން އޮފްކޮށް ޝެއާރ ނުކުރާގޮތަށް ނިންމިޔަސް ފޭސްބުކުން ފޮޓޯގެ ލޮކޭޝަނާއި އައިޕީ އެޑްރެސްގެ ޑޭޓާ ނަގައެވެ. އަދި ފޮޓޯއެއް އަޕްލޯޑްކުރާ ހިސާބުން އޭގެ ހުރިހާ ޑޭޓާއެއް ނެގުމުގެ މަސައްކަތް ފޭސްބުކުން ކުރެއެވެ. ފޭސްބުކް އަދި އިންސްޓަގްރާމް އިން ފޮޓޯއެއް ސޭވްކުރުމުން އެފޮޓޯގެ ލޮކޭޝަން ފޯނުުގައި ފެންނަން ނެތުމުން ފޭސްބުކް އިން ލޮކޭޝަން ޑިލީޓްކުރީ ކަމަށް ހީކުރެވެއެވެ. ނަމަވެސް ހަގީގަތުގައި އެޑޭޓާ ފޭސްބުކުން ޑިލީޓެއް ނުކުރެއެވެ.

ފޭސްބުކްގެ ޕްރައިވެސީ ސެޓިންގ އަށް ގޮސް، ފޭސްބުކް އިންފޮމޭޝަން ފިއްތާލުމުން އެޕަށް އަޕްލޯޑް ކުރާ ފޮޓޯތަކުުން ފޭސްބުކުން ނަގާފައިވާ ޑޭޓާތަކުގެ ކޮޕީއެއް ޑައުންލޯޑް ކުރެވޭނެ އެވެ. މިގޮތަށް ނަގާފައި ހުންނަ ޑޭޓާތަކުން ފޮޓޯގެ ސީދާ ލޮކޭޝަން އަދި އައިޕީއެޑްރެސް ފެންނަން ހުރެއެވެ. މިއީ ގިނަ މީހުން ޕްރައިވެސީ ސެޓިން ހަދާއިރު، އެއްބަސްވާ ކަންކަމެއް ނޫނެވެ. ލޮކޭޝަން ޝެއާރ ނުކުރުމަށް ނިންމުމުންވެސް މިގޮތަށް ޑޭޓާ ނަގާނަމަ އެއީ ކަންބޮޑުވާ ކަމެއް ކަމަށް މާހިރުން އަދި އެޕް ބޭނުންކުރާ އާންމުންވެސް ދަނީ ބުނަމުންނެވެ. ފޭސްބުކުުން މީހުންގެ ލޮކޭޝަން ޓްރެކްކޮށް، ފޯނުގެ ޑޭޓާ ނަގަނީ މީހުންގެ ފައިދާ އަކަށް ނޫނެވެ. އެކުންފުނީގެ އަމިއްލަ ފައިދާއަށެވެ. އެއީ ހަމަ ފޭސްބުކްގެ "ބިޒްނަސް މޮޑެލް"އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް