އެފްރިކާގެ ގައުމެއް ކަމަށްވާ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ ބިތުގައިވާ ބިޔަ އަލިފާންފަރުބަދައެއް ގޮވަން ފެށުމުން އެސަރަހައްދުގައި އުޅޭ އެތައްހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ގޮވަމުންދާ ފަރުބަދަޔަކީ މައުންޓް ނީރަގޮންގޯއޭ ކިޔުނު ފަރުބަދައެވެ. މި ފަރުބަދަ ހުންނަނީ ކޮންގޯގެ އިރުމަތިން ރުވާންޑާގެ ސަރަހައްދީ އިމާ ގާތުގައެވެ. ފަރުބަދަ ގޮވުމުގެ ސަބަބުން ފައިބާ ދިޔާ އަލިފާނުގެ ކޯރުތައް ގޯމާ ސަހަރުގެ އެއަރޕޯޓާ ހަމައަށް މިހާރު ފޯރައިފިކަމަށް އެނގިފައިވެއެވެ. ގެދޮރުދޫކޮށް އެންމެ ގިނަބަޔަކު ފައިމަގުގައި އެތެރެވެފައިވަނީ ރުވާންޑާއަށެވެ.
މައުންޓް ނީރަގޮންގޯ އެންމެފަހުން ގޮވާފައިވަނީ 2002 ވަނަ އަހަރުއެވެ. އެފަހަރު މަދުވެގެން 250 މީހުން މަރުވެ ދޮޅުލައްކަ މީހުންގެ ގެދޮރު ހަލާކުވެގެންދިޔައެވެ. މި ފަރުބަދަޔާއި ޖެހިގެން އޮންނަ އެންމެ ބޮޑު ސަހަރަކީ ގޯމާއެވެ. އެއީ ދެ މިލިޔަން މީހުން ދިރިއުޅޭ ސަހަރެކެވެ. އެ ހިސާބުގެ އާއްމުންނަށް ސަރުކާރުން އަންގާފައިވަނީ ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ކޮންމެހެންވެސް ގެދޮރު ދޫކޮށް ދާންޖެހޭ މީހުން މިވަގުތު ގެދޮރު ދޫކޮށް ނުކުތުމަށެވެ.
އަލިފާންފަރުބަދަ މިފަހަރު ގޮވަން ފެށުމާއެކު ދިޔާ އަލިފާނުގެ ކޯރުތައް އެންމެ ފުރަތަމަ ދަތުރުކުރީ ރުވާންޑާގެ އިމާ ދިމާލަށެވެ. އެކަމަކު ފަހުން އެހެން ކޯރުތައްވެސް އުފެދި މިހާރު މިސްރާބު ހުރީ ސީދާ ގޯމާ ސިޓީއަށް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ގޯމާ އެއަޕޯޓުގައި ހުރި މަތިންދާބޯޓުތައް ވެސް މިހާރު ވަނީ އަވައްޓެރި ގައުމުތަކުގެ އެހެން ތަންތަނަށް ފޮނުވާފައެވެ. ގޯމާ ދޫކޮށް މީހުން ފޭބުމުގެ ކަންކަން އަދި ކުރިއަށްދަނީ އިންތިޒާމެއް ނެތި ބޮއްސުންލާފައިވާ ކަހަލަ ގޮތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މައުންޓް ނީރަގޮންގޯއަކީ އެފްރިކާ ބައްރުގައިވާ އަލިފާންފަރުބަދަތަކުގެ ތެރެއިން ގޮވުންތައް އެންމެ ގިނަ އަދި ގޮވުންތަކުގެ ދޭތެރެވެސް އެންމެ އަވަސް ފަރުބަދައެވެ. ފަހުގެ ތާރީޚެއްގައި މިފަރުބަދަ ގޮވައިގެން އެންމެ ގިނަބަޔަކު މަރުވެފައިވަނީ 1977 ގައެވެ. އެފަހަރު ގާތްގަޑަކަށް 600 މީހުން މަރުވިއެވެ.