ކ. މާލެ
|
26 ޖުލައި 2023 | ބުދަ 11:32
ބިދޭސީން
ބިދޭސީން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
"ތި ގަވާއިދެއްވެސް ބިދޭސީންގެ މައްޗަކަށް ނުހިނގާނެ"
 
ގާނޫނުތަކާއި ގަވާއިދުތައް ހެދިފައި ހުރިނަމަވެސް އެކަންކަން ބިދޭސީންގެ މައްޗަށް ނުހިނގާކަމުގެ ޝަކުވާ ބޮޑު
 
ރާއްޖޭގެ އާބާދީގެ 26 އިންސައްތަ ހިއްސާކުރަނީ ބިދޭސީން

ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު ގެޒެޓްކުރުމުން ލިޔުނު ޚަބަރަށް މީހަކު ކުރި ކޮމެންޓްގައި ލިޔެފައިވެއެވެ. "ތި ގަވާއިދެއްވެސް ބިދޭސީންގެ މައްޗަކަށް ނުހިނގާނެ" މިހެންނެވެ. މިޖުމްލަ ލޮލުގައި އަޅައިގަތީ އަމިއްލަ ގައުމުގައި ދިވެހިންނަށް އެއްވެސް ބާރެއް ނެތްކަމުގެ އިހުސާސް ދިވެހިންނަށް ކުރެވޭކަން މިޖުމްލައިން ދޭހަވާތީއެވެ. ހަގީގަތުގައި އެގޮތަށް އެ އިހުސާސްކުރެވޭ ދިވެހިން ރާއްޖޭގައި އުޅޭނެ ކަން އެއީ ޝައްކު އުފެދޭކަމެއް ނޫނެވެ. ކަންކަން ވަމުންދާ ގޮތާއި ފާއިތުވި ތަނުގައި ކަންކަން ހިނގާފައިވާ ގޮތުން އެގޮތަށް އެ އިހުސާސް ނުކުރެވޭންވީ ސަބަބެއްވެސް ނެތެވެ.

2022 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިޔަށްގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 26 އިންސައްތަ ހިއްސާކުރަނީ ބިދޭސީންނެވެ. ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،122 (ފަސް ލައްކަ ފަނަރަ ހާސް ސަތޭކަ ބާވީސް) އެވެ. އެއީ 382،751 (ތިންލައްކަ އަޑިހަ ދެ ހާސް ހަތްސަތޭކަ ފަންސާސް އެއް) ދިވެހިންނާއި 132،371 (އެއް ލައްކަ ތިރީސް ދެ ހާސް ތިން ސަތޭކަ ހަތްދިހަ އެއް) ބިދޭސީންނެވެ. އެއީ ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެކެވެ. މިއީ ހަމައެކަނި ރަސްމީ ތަފާސްހިސާބެވެ. އެނޫން ގޮތަކަށް ބުނާނަމަ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އެނގޭ އެއްވެސް އިދާރާއެއް މިގައުމަކު ނެތެވެ.

2022 ވަނަ އަހަރުގެ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ބިދޭސީންގެ މައްސަލައަށް ހައްލު ގެނެވޭނެ ގޮތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، އެއް ގައުމަކުން އެއްފަހަރާ އެއްލައްކަ މީހުންނަށްވުރެ އިތުރަށް ނުތިބެވޭނެ ކަމަށް ގާނޫނެއްގައި އޮތް ނަމަވެސް މިހާރުވެސް ބަންގްލަދޭޝްގެ އެކަނިވެސް 91،000 މީހުން އެބަތިބި ކަމަށެވެ. މިއީ ގަވާއިދުން އުޅޭ ލިޔެކިޔުންތައް ހަމަ މީހުން ކަމަށާއި، ގަވާއިދާ ޚިލާފަށް އުޅޭ 23،000 އެއްހާ މީހުން އުޅޭ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، އެއްވެސް މައުލޫމާތެއް ނޭންގޭ މީހުންވެސް އެބަތިބި ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. ގަވާއިދާ ޚިލާފަށް މިހާރު އުޅެނީ ކިތައް މީހުންކަން ދެނެގަނެވޭނެ ނިޒާމެއް ނެތުމަކީ ކަމާބެހޭ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.

ކަރުދާހުގައި ފެންނަން ހުރި އަދަދުތަކާއި އެއްވެސް ކަރުދާހަކުން ފެންނަން ނެތް އަދަދުތަކާއެކު އެނގޭ ކަމަކީ ބިދޭސީންގެ އަދަދު ގިނަ ކަމެވެ. ބިދޭސީންގެ އަދަދު ގިނަވުމާއެކު އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތަައް މައްސަލަތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ދިވެހިންގެ މައްސަލަތަކަށް ސަރުކާރުތަކަށް ހައްލު ހޯދައިނުދެވޭއިރު ބިދޭސީންގެ މައްސަލަތަކަށް އަދި ހައްލު ހޯދައިދެވޭނީ ކިހިނެއްހެއްޔެވެ؟ އޭގެ ނަތީޖާއަކީ ރާއްޖޭގެ ކޮންމެ ކަމެއްގެ ތެރެއިން ބިދޭސީން ފެނިގެންދިޔުމެވެ. ކުށުގެ ވެށިންނާއި ހުރިހާ ޒާތެއްގެ ވިޔަފާރި އާއި މަސައްކަތްތަކެވެ. ކޮންމެ ޒާތެއްގެ ވިޔަފާރިއެއް ކުރިއަސް އެކަމެއްގެ ތެރޭގައި ބިދޭސީން ނޫޅޭ ވިޔަފާރިއެއް މިއަދު ރާއްޖެއަކު ނެތެވެ. ގެ ކައިރީގައި ހުންނަ މާރުކޭޓް ގޮޅި އާއި ފިހާރައިން ފެށިގެން ކުލި ދައްކަންވެސް މިހާރު ޖެހެނީ ބިދޭސީންނަށެވެ. ދިވެހިންގެ ނަމުގައި ރަޖިސްޓްރީކޮށްގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކާއެކު "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު" އެކުލަވާލާ އަމަލުކުރަން ފެށިނަމަވެސް އެކަން ތަންފީޒުވަމުންދަނީ ކިހާވަރަކަށްތޯ އެއީ ދިވެހިން އުފައްދާ ސުވާލެކެވެ.

ބިދޭސީން ގެންނަނީ ދިވެހިންނަށް ނުކުރެވޭ މަސައްކަތްކުރުމަށެވެ. ނަމަވެސް ފެނިގެންދަނީ ހުރިހާ ކަމެއްގެ ތެރޭގައި ބިދޭސީން އުޅެމުންދާތަނެވެ. އެންމެ ކުޑަމިނުން ޓެކްސީއަކަށް އެރިއަސް ފެންނަނީ ބިދޭސީންނެވެ. މިއީ ދިވެހިންގެ ގިނަ ބަޔެއްގެ ކަންބޮޑުވުމެކެވެ. ބިދޭސީންނަށް ދިވެހިންނާ އެއްވަރަށް ކަންކަމުގައި ޝާމިލުނުވެވޭ ގޮތަށް ވަރުވަރުން ގާނޫނުތަކާއި ގަވާއިދުތައް ހަދާފައި އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް ގާނޫނަކާއި ގަވާއިދަކުން އެދެވޭ ނަތީޖާއެއް ފެންނަތަން ނުފެނުމަކީ ގިނަ ބަޔެއްގެ ކަންބޮޑުވުމެކެވެ. އެހެންކަމުން ގަވާއިދެއް ހެދިޔަސް އެގަވާއިދު ބިދޭސީ މީހާގެ މައްޗަށް ނުހިނގާނެކަމަށް ދެކޭ މީހުން ގިނައެވެ. އެއީ ކަންކަން ތަންފީޒުކުރާ އިދާރާތަކަށް އެކަށީގެންވާ މިންވަރަށް އެކަން ނުކުރެވޭތީކަމަށްވެސް ވެދާނެއެވެ. ނޫންނަމަ ގާނޫނާއި ގަވާއިދުތަކުގައި ހުންނަ ލޫޕް ހޯލުތައް މާބޮޑީ ކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތެއްވިޔަސް އެނގޭ ކަމަކީ ބިދޭސީންގެ ކުރިމަތީގައި ދިވެހިންގެ އެއްވެސް ބާރެއް އަމިއްލަ ފަސްގަނޑުގައި ނެތްކަމުގެ އިހުސާސް ދިވެހިންނަށް ކުރެވޭ ކަމެކެވެ. އެކަން އެހެންވާނީ ލައްކަ ތަން ފެނި ލައްކަ ވާހަކަ އަޑުއިވުނީމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
26 ޖުލައި 2023 | ބުދަ 20:25
މުހައްމަދު
ތިކަން ހައްލުކުރެވޭނީ ބިދޭސީން ކުރާމަސައްކަތް ދިވެހިން ކުރަން ފެށުމުން. މައްސަލަޔަކީ ބިދޭސީންގެ މައްސަލައެއް ނޫން. ކަންކަން ރަގަޅުކުރެވޭނީ ރައްޔިތުން އެދޭގޮތަށް މަސައްކަތްކުރާނެ ރައްޔިތުން ބޭނުންވީމާ ކޮންމެ އިރަކުވެސް ވަކިކުރެވޭނެ ތެދުވެރި ގާބިލު ބަޔަކު ގާނޫނުހަދާ މަޖިލިހަށް ވައްވައްދައިގެން.