ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 21:46
ޗާގޯސްގެ މައްސަލާގައި އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޗާގޯސްގެ މައްސަލާގައި އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ނަޝީދު ފޮނުއްވި ޓީމާއެކު ނަޝީދަށް ދޯކާ!
އާޒިމާ ވިދާޅުވީ ފުށުއަރާ ބައި ހަމަޔަށް ބަހަށް އެންމެ ފުރަތަމަ ކްލެއިމްކުރެއްވީ ރައީސް ނަޝީދުގެ ސަރުކާރުގައި ކަމަށް

ޗާގޯސް މައްސަލާގައި މާ ބޮޑެތި ވާހަކަތަކެއް ހުރިކަމަށް ބުނަމުން، އިދިކޮޅުން ޕްރެސް ކޮންފަރެންސް ބޭއްވީ ބުދަ ދުވަހުއެވެ. ކުރީގެ ބަންޑާރަ ނައިބުންނާއެކު ދެން ތިއްބެވީ ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކެވެ. ވެރިކަން ހިންގާ މައިޕާޓީ ކަމަށްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން ބަލިވި ބޮޑު ބަލި ގަބޫލުނުކުރައްވާން އުޅޭ "ފިކުރެއްގެ ދިރުން"ވެސް އޭގައި ހިމެނުނެވެ.

ނަޝީދު ފޮނުއްވި, ފިކުރެއްގެ ދިރުމުގެ މެންބަރެއްގެގޮތުގައި ޕްރެސް ދޭން ތިބި މީހުންގެ ތެރޭގައި ތިއްބެވީ އެސްޓީއޯގެ ކުރީގެ އެމްޑީއާއި ގާސިމް އިބްރާހީމްގެ ރަނިންގ މޭޓަކަށް ވާނެކަމަށް އަޑުއަރަމުން އަންނަ އަމްރެވެ. އެއް ކަނެއްގައި ނުހަނު ބަސްއަހައިގެން އަމްރު އިންނެވިއެވެ. ޕްރެސް ކޮންފަރެންސްގެ އޯޑިއަންސްގައި ނޫސްވެރިންނަށްވުރެވެސް ގިނައީ ނަޝީދުގެ ހަރަކާތްތަކުން ފެންނަ ނަޝީދުގެ މީހުންކޮޅެވެ. އިދިކޮޅު ޕާޓީތަކުގެ އެހެން މީހުންނާވެސް އެކުގައެވެ.

ޕްރެސްގެ ބޭނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހެއްދެވި ގޮތުން، ނުވަތަ ބަދަލު ކުރެއްވި ސްޓޭންޑުގެ ސަބަބުން ރާއްޖެއިން ބޮޑުބައެއް ގެއްލުނުކަން ހާމަކުރުމެވެ. ރައްޔިތުންވެސް އަޑުއަހަން ބޭނުންވެފައި އޮތީ އެވާހަކައެވެ. ރާއްޖޭގެ ތަނެއްގެ ގޮތުގައި ބުނާ ޗާގޯސް ދޫކޮށްލީތީއެވެ. އެކަން ކުރީ ކާކުކަމެވެ.

ޕްރެސް ކޮންފަރެންސްގެ އެންމެ ފޯރި ގަދަވި ހިސާބެވެ. ނޫސްވެރިންނާއި އޯޑިއަންސްއިން އެންމެ ނޭވާ ހިފަހައްޓާލި ވަގުތުކޮޅެވެ. ކުއްލިއަކަށް އެ ހާމަކުރެއްވީ ވަރުގަދަ އެއްޗެކެވެ. ކުރީގެ ބަންޑާރަނައިބެކެވެ. މާ ފުންނާބު އުސް ގާނޫނީ ވަކީލެކެވެ. އާޒިމާ ޝަކޫރު މުޅި މައްސަލަ ޖެއްސެވީ ރައީސް ނަޝީދުގެ ބޮލަށެވެ. ރައީސް ސޯލިހް ޗާގޮސް ދޫކޮށްލައްވައިގެން އިދިކޮޅުން ރެއާ ދުވާލު ނިންޖެއް ކަމެއްނެތި އެވާހަކަ ދައްކަދައްކައި ތިއްބައެވެ. އެބުނާ ހަސަން ރަސްގެފާނާއި ތާރީޚީ ބޮޑެތި ޗާޓުތައް ހޯއްދަވައިގެން، ނަޝީދަށް ތާއީދުކުރާ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، ޗާގޯސް ވިއްކާލިކަމަށް ގޮވަގޮވައި އޮއްވައެވެ.

އާޒިމާ ވިދާޅުވީ ކީކޭ ކަމަށް ހެއްޔެވެ. މުތުލަގަށް ސާފު ދިވެހި ބަހުން އޭނާ ވިދާޅުވީ "ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ރާއްޖެއިން ފުރަތަމަ ބަލައިގަތީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010"ގައި ކަމަށެވެ.

"2010ގަ މިއޮންނަނީ ކުއްލިއަކަށް ދިވެހިރާއްޖެއިން ޕޮޒިޝަން ބަދަލުކޮށްފަ. 2010ގަ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މިއޮންނަނީ މޮރިޝަސްއަށް ހުށަހަޅުއްވާފަ، މިދޭތެރޭގަ މި ފުށުއަރާ ސަރަހައްދާ ބެހޭގޮތުން ވާހަކަ ދައްކަން. އެއީ ރާއްޖެއިން އެންމެ ފުރަތަމަ މޮރިޝަސްއަށް މިތަނުގެ ކްލެއިމެއް އޮތްކަމަށް ގަބޫލުކުރިކުރުން." އާޒިމާ ވިދާޅުވިއެވެ.

މުޅި އެތި އަނެއް އަތަށް އެނބުރުނީއެވެ. ސަރުކާރުންވެސް ބުނަމުން މިދަނީ މިއީ އިއްޔެއަކު މިއަދަކުގެ ކަމެއް ނޫންކަމަށެވެ. މީން ދުވަހަކުވެސް އެއްވެސް ސަރުކާރަކުން ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ބުނެ ބައިނަލްއަގުވާމީ ކޯޓެއްގައި އަޑު އުފުލާފައި ނުވާކަމަށެވެ. އަދި މޮރިޝަސްއިން ޗާގޯސް ހޯދަން ކުރި މަސައްކަތުގައި ރާއްޖެއިން އޭގެތެރެއަށް ވަންނަން ލިބުނު ފުރުސަތުގައިވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެފުރުސަތު އޮތީ ދޫކޮށްލާފައި ކަމަށެވެ. އަދި ޗާގޯސްއަކީ މޮރިޝަސްގެ ތަނަކަށް ވުމުން، ޗާގޯސްއާ މޮރިޝަސްއާ ދެމެދު އޮންނަ ފުށުއަރާ ކަނޑުގެ ސަރަހައްދާމެދު ގޮތެއް ނިންމަންވާނެކަމަށެވެ. އިހަށް ދުވަހު އެނިމުނީ އެކަން ކަމަށާއި، ނިމުނުއިރު ރާއްޖެއިން ބޭނުންވި ގޮތައް ނިމި ބޮޑުބައި ލިބުނީ ރާއްޖެއަށް ކަމަށެވެ.  

އެކަމަކު ސަރުކާރުގެ އެވާހަކަތައް ގަބޫލުނުކުރާން އެންމެ އަޑު ހަރުކޮށް ވާހަކަދައްކަވާ އެއްބޭފުޅަކީ ރައީސް ނަޝީދެވެ. އަދި ރާއްޖެއިން ބޮޑުބައެއް ގެއްލުވާލީކަމަށް ވިދާޅުވެ، ސަރުކާރާއި ރައީސް ސޯލިހުގެ ބޮލުގައި ލައްކަ ތުހުމަތުތައް ރައީސް ނަޝީދު ގެންދަވަނީ އަޅުއްވަމުންނެވެ. އެކަމަކު އާޒިމާގެ އެ ވާހަކަފުޅުން އެ ބަންދުކޮށްލެއްވީ ސީދާ ރައީސް ނަޝީދުގެ އަނގަފުޅެވެ. ރައީސް ނަޝީދު އެ ޕްރެސް ކޮންފަރެންސަށް ފޮނުއްވި އަމުރު ބެންޗުގައި ބައިންދަވައިގެން، ނުވިތާކަށް މަންޒަރު ބޮޑުކުރަން އޯޑިއަންސްގައި އެމަނިކުފާނުގެ ސަޕޯޓަރުން ބައިތިއްބަވައިގެން އެހާމެ ބޮޑަށް ލަދުގަންނަވާލީއެވެ. ނަޝީދާއި ނަޝީދަށް ތާއީދުކުރާ މީހުންނަށް މިކަމުގައި ދެއްކޭނެ އެއްވެސް ވާހަކައެއް ދެނެއް ނެތެވެ. ޗާގޯސްއާ ރާއްޖެއާ ދެމެދު ފުށުއަރާ ބައި ހަމަޔަށް ބަހަން ފުރަތަމަ އެއްބަސްވީ ރައީސް ނަޝީދުގެ ސަރުކާރުން ކަމަށް އެ ވިދާޅުވީ، ސީދާ އިދިކޮޅު ޕްރެސްގައި، އާޒިމާ ޝަކޫރެވެ. ވަރަށް ހަރުކޮށް އަޑަށް ބާރުލައްވާފައެވެ. ސަރުކާރަކުން ނުވަތަ ރައީސް ސޯލިހެއްވެސް ނޫނެވެ.

ކޮންމެއަކަސް ނަޝީދު ފޮނުއްވި ޓީމާއެކު އިދިކޮޅު ޕްރެސްއިން ރައީސް ނަޝީދާއި އެބުނާ ފިކުރެއްގެ ދިރުމަށް އެދިނީ ވަރުގަދަ ދޯކާއެކެވެ. މުޅި ސޯޝަލް މީޑިޔާގައި އެވަނީ އެވާހަކަ ވައިގައި ހިފާފައެވެ. ރަށްރަށުގެ ހޮޅުއަށިތަކާއި ދޭދޭ މީހުންގެ ދެމެދުގައިވެސް ސަރުކާރުގެ ބަސް ގަބޫލުކުރެވި ރައީސް ނަޝީދާއި އިދިކޮޅު ފަރާތްތައް އަނެއްކާވެސް އިތުރު ލަދުވެތިކަމަކާ ކުރިމަތިލާން މަޖުބޫރުވީއެވެ. ހޭވި ހަޑި ކާމިޔާބުނުވެ ފެއިލްވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް