ނިއުޒިލަންޑަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމަށް ހިޖްރަ ކުރާމީހުން ނަގަންޖެހޭ ވިސާގެ އުސޫލުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.
މިހާރު ހަމަޖައްސާފައިވާ ގޮތުން ސެޓްފިކެޓެއް ނުވަތަ ތަމްރީނެއް ނެތް ފަރާތްތަކުން މިހާރު އިގިރޭސި ބަހުގެ ޓެސްޓެއް ހަދަން ޖެހެއެވެ. އަދި އެފަދަ މީހުންނަށް މިހާރު ވިސާ ދޭނީ ތިން އަހަރުދުވަހުގެ މުއްދަތަށެވެ. މީގެ ކުރިން ފަސް އަހަރަށް ވިސާދެއެވެ.
އެގައުމުގެ އިމިގްރޭޝަން މިނިސްޓަރ އެރިކާ ސްޓެންފޯޑް ވިދާޅުވެފައިވާ ގޮތުގައި އިމިގްރޭޝަންގެ ކަންތައް ހަމަޔަކަށް އެޅުވުމަކީ ގައުމުގެ އިގްތިސާދު އަލުން ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންގެ މުހިންމު ބައެކެވެ.
މިދިޔަ އަހަރު 173,000 މީހުން ނިއުޒިލަންޑަށް ހިޖްރަ ކޮށްފައި ވެއެވެ. އިސްލާހު ކުރެވުނު ގަވާއިދުގެ ދަށުން، ވަރކް ވިސާ އަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުނަރާ އެކުއެކީ މަސައްކަތުގެ ތަޖްރިބާ ހުރުންވެސް މުހިންމެވެ. އަދި މިފަދަ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތްތަކުން އެމީހުންގެ މިޝަރުތުތައް ފުރިހަމަވޭތޯ ބަލާ އެކަމުގެ ޒިންމާ ނަގަން ޖެހެއެވެ. "ފާސްޓް ޓްރެކް ރެސިޑެންސީ" ދޭނެ ކަމަށް ކުރިން އޮތް ވެލްޑަރުން ފަދަ 11 ދާއިރާ އެއްގެ މަސައްކަތް ތެރިން މިހާރު ވަނީ އުނި ކޮށްފައެވެ.
މިބަދަލު ތަކަކީ މިހާރަށް ވުރެ "ސްމާޓް" މަސައްކަތުގެ ޕްރޮގްރާމް އަކާއި ހަރުދަނާ ވިސާ ގަވާއިދު ތަކެއް ގާއިމް ކުރުމުގެ ފެށުން ކަމަށް އިމިގްރޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ބޭރުގެ މަސައްކަތް ތެރިންނަށް އެކިފަރާތްތަކުން ލަނޑު ދިނުމާ މިފަދަ ކަންކަންވެސް ހުއްޓޭނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ފޯކަސް ކުރަނީ ސެކަންޑަރީ ޓީޗަރުން ފަދަ ބޮޑަށް ތަމްރީން ވެފައިވާ ފަރާތްތައް ގެންދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ނިއުޒިލަންޑް ގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސޯން ވެސް ވަނީ އެގައުމުގެ އިމިގްރޭޝަން ގަވާއިދު ތަކުގައި މައްސަލަ ތަކެއް އުޅޭ ކަމަށް ވިދާޅުވެފައެވެ.
5.3މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ނިއުޒިލަންޑަށް މީހުން ހިޖްރަ ކުރުމުގެ މައްސަލަ ވަނީ 2022ން ފެށިގެން ބޮޑު މައްސަލަ އެއްގެ ގޮތުގައި ފާހަގަ ކުރެވިފައެވެ.
ނިއުޒިލަންޑަށް ހިޖްރަ ކުރާ މީހުންގެ މައްސަލަ ބޮޑުވެފައިވާއިރު އެގައުގެ ރައްޔިތުން އަވަށްޓެރި އޮސްޓްރޭލިޔާފަދަ ގައުމުތަކަށް ބަދަލުވުމުގެ މައްސަލަވެސް ސަރުކާރަށް ވަނީ ބޮޑުވެފައެވެ.
މިދިޔަ އަހަރު އޮސްޓްރޭލިޔާގެ 47،000 މީހުން ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖްރަ ކޮށްފައެވެ. މިއީ އެގައުމަށް ގެއްލޭ ސްކިލްޑް މަސައްކަތް ތެރިންނެވެ.