ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 11:40
އައްޑޫސިޓީގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
އައްޑޫސިޓީގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ޕީއެންސީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
 
މައުލޫމާތު ހޯދުމަށް އާރުޓީއައި އަށް ހުށަހަޅާއިރު ވެސް، ސަރުކާރުން އެ މައުލޫމާތުތައް ހާމަކޮށްފައެއް ނުވޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، އެއްވެސް ކަމެއް ސިއްރުނުކުރައްވާ، ހުރިހާ ކަމެއް ވެސް ހާމަކުރައްވާނެ ކަމުގެ ވައުދުފުޅާ އެކު އެވެ. އެއްވެސް ކަމެއްގެ މައުލޫމާތު ނުލިބިގެން ނޫސްވެރިން އަދި އެއްވެސް ދިވެހި ރައްޔިތަކު ވެސް ޝަކުވާ ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވަމުން ގެންދެވީ ނިކަން އަޑު ހަރުކޮށެވެ. ކުރީ ސަރުކާރުގައި ކަންކަން ސިއްރު ކުރާ ކަމަށް ވިދާޅުވެ، އައު ސަރުކާރުގައި އެކަން އެގޮތަށް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ވެރިކަމުގެ ހުވާ ކުރެއްވުމާއެކު، ފެންނަން ފެށީ މުޅިން އެހެން މަންޒަރެކެވެ. ސަރުކާރުގެ ގިނަ ކަންކަމުގެ މައުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ ހަމަ ކޮންމެ ނޫސްވެރިޔަކު ކަހަލަ ގޮތަކަށް ދަނީ ކުރަމުންނެވެ. ސަރުކާރުން އައްޔަންކުރަމުންދާ ސިޔާސީ މުވައްޒަފުންގެ ތަފުސީލު ނުވަތަ އެ މަގާމުތަކުގެ އަދަދު ވެސް ހާމަނުކުރެ އެވެ. ރާއްޖޭގައި ޤާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު، އަދިވެސް ސަރުކާރަށް ސާފެއް ނުވެ އެވެ. އަދި އެކަން ވެސް ސަރުކާރުން ހާމައެއްނުކުރެ އެވެ.

ރައީސް މުޢިއްޒު އެކުވެރި ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި، އެ ޤައުމުތަކާއެކު ސޮއިކުރައްވާ އެއްބަސްވުންތަކުގެ ތަފުސީލެއް ވެސް ހާމައެއް ނުކުރި އެވެ. ހަމަ އެކަނި އެއްބަސްވުންތަކުގެ އަދަދު ބުނެލުމަށްފަހު، ބައެއް އެއްބަސްވުންތަކުގެ މައުލޫމާތު ތިލަކޮށް ބުނެލަ އެވެ. ބައެއް އެހެން އެއްބަސްވުންތައް ސަރުކާރުން "ސިއްރު" ކުރަނީ އެވެ. އެކަމުގެ ސުވާލު ކުރުމުން ސަރުކާރުން ބުނަނީ، ޤައުމީ ސަލާމަތަށް ނުރައްކާާ ވެދާނެތީ، ސިއްރު ކުރީ ކަމަށެވެ. އެހެން ނަމަވެސް، މިއީ ސަރުކާރުން ޢަމަލު ކުރާނެ ކަމަށް ރައީސް ވިދާޅުވެފައި އޮތް ގޮތެއް ނޫނެވެ.

ސަރުކާރުން އެ މައުލޫމާތުތައް ހާމަނުކުރުމުގެ ސަބަބުން، ނޫސްވެރިން ވެސް ދަނީ އެ މައުލޫމާތު ހޯދުމަށް އާރުޓީއައި ހުށަހަޅަމުންނެވެ. އެހެންނަމަވެސް، ސަރުކާރުން އެ މައުލޫމާތުތައް ހާމައެއްނުކުރި އެވެ. މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުމަކަށް، 21 ދުވަހުގެ ތެރޭގައި ޖަވާބު ދޭން ޖެހޭ ކަމަށް އާރުޓީއައި ޤާނޫނުގައި ބުނެފައި އޮންނައިރު، އެ މުއްދަތު ހަމަވުމުގެ ކުރިން އިތުރު 14 ދުވަހުގެ މުއްދަތަކަށް ވެސް އެދެވެ އެވެ. ރައީސް އޮފީހުން ނުވަތަ ސަރުކާރުން ގިނަ ފަހަރު އެދެނީ އެ މުއްދަތަށެވެ. އެއަށްފަހު ވެސް އެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

ސަރުކާރުން މައުލޫމާތު ހާމަނުކުރާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަޑުއެހުންތައް ވެސް ތާވަލުކޮށްފަ އެވެ. ނަމަވެސް ރައީސް އޮފީހުން ނުވަތަ ސަރުކާރުން އެ އަޑުއެހުންތަކަށް ހާޟިރެއް ނުވެ އެވެ. ބައެއް މައްސަލަތައް ވަނީ ރައީސް އޮފީސް ނުވަތަ ސަރުކާރުގެ ޣައިރު ޙާޟިރުގައި ވެސް ނިންމައިފަ އެވެ. ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަކުރުމަށް ކޮމިޝަނަރުގެ އޮފީހުން އެންގި ނަމަވެސް، އެ މުއްދަތު ހަމަވީއިރު ވެސް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާ އަށް ބޮޑުވެފައިވާއިރު، ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ އެ ސުވާލު ކޮށްފަ އެވެ. އެގޮތުން މައުލޫމާތު ހާމަކުރުމަށް މި ސަރުކާރުން ގެންގުޅޭ ސްޓޭންޑު ބަދަލުވީތޯ ސުވާލު ދެންނެވުމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވަނީ ސަރުކާރުގެ ސްޓޭންޑު ބަދަލު ނުވާ ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުން މި ބުނާ ވާހަަކަ އާންމު ރައްޔިތުން ޤަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟

ސްޓޭންޑް ބަދަލު ނުވިޔަސް، ސަރުކާރަށް އެއްވެސް މައުލޫމާތެއް ހާމަކުރެވޭ ކަމަކަށް ނުވެ އެވެ. ކޮންމެ ވެސް ސަބަބެއް މަތިކޮށް، އެކަން ސިއްރު ކުރަނީ އެވެ. އެންމެ ކުޑަ މިންވަރަކަށް، ސަރުކާރަށް ފަސް މަސް ދުވަހަށް ވުރެ ގިނަ ވެގެންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ ސިޔާސީ މަގާމުތަކުގެ އަދަދު ބުނެ ނުދެންވީ ކީއްވެ ހެއްޔެވެ؟ ސަރުކާރުގެ ސްޓޭންޑު ބަދަލު ނުވެ އެވެ. އެކަމަކު ހާމަ ކުރެވޭކަށް ވެސް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް