ކ. މާލެ
|
17 ޑިސެންބަރ 2024 | އަންގާރަ 19:22
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
ރާއްޖެއެމްވީ
ބާރުތައް ޖަމާކުރުން
ސިޔާސީ ޕާޓީއެއްގެ ދެތިން މީހެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކޮށްފައި އޮތީ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި އިއާދަކުރަން - ޑީޑީ
ސަރުކާރުން ގެންނަން ރާވާ އަދި ގެންނަމުންދާ ބޮޑެތި ބަދަލުތަކަކީ ރައްޔިތުންގެ ޙައްޤުތަކަށް ވަރަށް ބޮޑު އުނިކަމެއް އަންނަ ކަންކަން
ރައްޔިތުންގެ މަންދޫބުންނަށް ސަރުކާރު ޖަވާބުދާރީވުމުގެ ދޮރު އެއްކޮށް ބަންދުކޮށްފި

ސިޔާސީ ޕާޓީއެއްގެ ދެތިން މީހެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާކޮށްފައި އޮތީ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި އިއާދަކުރައްވަން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ ފެހި ޤާނޫނުއަސާސީ އަކީ ވަރަށް ގިނަ ރައްޔިތުންގެ ބުރަ މަސައްކަތުން ވުޖޫދުކުރެވުނު އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގެ ޒަމާނުއްސުރެ އޮތް ޚުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނެސް ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމަށް ޓަކައި ފެހިގާނޫނުއަސާސީ ގެނެވި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި، އެއްވެއުޅުމުގެ މިނިވަން ކަމާއި، އާސަންދައިގެ ޚިދުމަތާއި، އުމުރުން ދުވަސްވީ ބޭފުޅުންނަށް ކަށަވަރުކޮށްދީފައި ހުރި ޕެންޝަންގެ ޚިދުމަތާއި، ނުކުޅެދޭ ކުދިންގެ ޙައްޤުތަކާއި، އެކަނިވެރި މައިނަށް އެލަވަންސް ދިނުން ގާނޫނަކުން ލާޒިމުކޮށްފައި ހުރި ގާނޫނުއަސާސީން ކަމަށެވެ.

ނަމަވެސް މި ވެރިކަމަށްވީ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގެންނަން ރާވާ އަދި ގެންނަމުންދާ ބޮޑެތި ބަދަލުތަކަކީ ރައްޔިތުންގެ ޙައްޤުތަކަށް ވަރަށް ބޮޑު އުނިކަމެއް އަންނަ ކަންކަން ކަމަށް ޑީޑީ ވިދާޅުވިއެވެ.

ޚާއްޞަކޮށް ރައްޔިތުންގެ މަންދޫބުންނަށް ސަރުކާރު ޖަވާބުދާރީވުމުގެ ދޮރު އެއްކޮށް ބަންދުކޮށްފައި އެ އޮތީ. ހަމަ އެކީ އެކައްޗަކަށް ބަންދުކޮށް އިނގޭތޯ. އެއީ މުޅި ޤާނޫނުއަސާސީގެ ރޫހާ ކަނޑައެޅިގެން ޚިލާފު ކަމެއް. އެއީ ރައްޔިތުންގެ މަންދޫބުން ކޮންމެ ދާއިރާއަކުން ފަސްހާސް ރައްޔިތުން ވޯޓުދީގެން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބަކު އިންތިޚާބުކުރެވެނީ އެބޭފުޅާއި ގާނޫނު އަސާސީން މަތިކޮށްފައި އޮންނަ ދެ ޒިންމާއެއް އަދާކުރުމަށް ޓަކައި. އެއީ ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ހެދުމާއި އޭރަކު އެ އޮންނަ ސަރުކާރެއް ޖަވާބުދާރިކުރުން. އެހެންވީމާ ސަރުކާރު ޖަވާބުދާރީކުރުމާއި އަދި ގާނޫނު ހެދުމުގެ ވެސް އެ ބޭފުޅެއްގެ ފުރިހަމަ އިޚްތިޔާރާ ބާރު މުޅިން ހަމަ ތަޅުއަޅުވާފަ އޮތީ އިނގޭތޯ. ސިޔާސީ ޕާޓީއެއްގެ ދެތިން މީހެއްގެ މުށުތެރެއިން އެ ހުރިހާ ބާރުތަކެއް ޖަމާކޮށްފައި އޮތީ. އެހެންވީމާ މިއީ ހަމަ ސީދާ ރައްޔިތުންގެ އެ ބާރުތައް ކަނޑުވާލައި ޚުދުމުހުތާރު ވެރިކަމަށް މިރާއްޖޭގައި އިޢާދަކުރުމުގެ ވިސްނުންފުޅުގައި ސަރުކާރުން ކުރައްވާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފާހަގަވަނީ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ

ޑީޑީ ވިދާޅުވީ މި ސަރުކާރު ހުދުމުހުތާރުކަން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. ދުނިޔޭ ބައެއް އެހެނިހެން ޤައުމުތަކުގެ ވެސް އޮންނަފަދަ، ނޯތް ކޮރެއާ ކަހަލަ ޤައުމުތަކުގައި އޮންނަ ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފަތަކެއް މަންޒަރުތަކެއް މިހާރު ކަށަވަރުވާން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ވެރިކަން ފެށިގެން އައި ހިސާބުން ފެށިގެން ވެސް އެ މަންޒަރު ފެންނަ ކަމާއި، ކުރީގައި ރައީސް މައުމޫނުގެ ދައުރުގައި އުފެއްދި އެޓޯލްސް މިނިސްޓްރީ ކަހަލަ ވުޒާރައެއް އުފެއްދި ހިސާބުން ފެށިގެން ވެސް އެމަންޒަރު ޔަގީންވާން ފެށިކަމަށް ޑީޑީ ވިދާޅުވިއެވެ.

އެއީ ޔަގީންވަމުން ދަނީ އިނގޭތޯ. އިލެކްޝަން ކޮމިޝަންގެ ފުރިހަމަ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ނެންގެވި ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ޔަޤީންވެއްޖެ މީގެ ކުރީ ޒަމާންތަކުގެ ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރު ދިގުދެމިގެން ގޮއްސައި އޮތީ ވެސް ފުރިހަމަ ކޮންޓްރޯލް އިލެކްޝަން ކޮމިޝަނުގެ ބާއްވައިގެން ނޫންތޯ. އޭރު އަޅުގަނޑުމެން ދައްކަމުން އައީ ވާހަކައަކީ އޭރު އޮންނަނީ ކުޑަކާފަބޮޑުކާފުކުގެ ސަގާފަތަކެއް އިނގޭތޯ. އެ އަތޮޅުތަކަށް ރަށްރަށަށް ސަރުކާރުގެ މުވައްޒަފުން ފޮނުވާ، ކެމްޕޭނަށް ފޮނުވާފައި އެ ބޭފުޅުން ވިދާޅުވާނެ ރައްޔިތުން އެއްކޮށްގެން ކަތީބުންނާ އެކީ ރައްޔިތުން އެއްކޮށްގެން ވިދާޅުވާނެ ދެން އެހާ ބޮޑަށް ނުފެންނަ ކަމަށް ވަންޏާ މިއިން ކުޑަކުޑަ ކާފަ އޮތް ގޮތަށް ފާހަގަ ޖައްސަވާލައްވާށޭ. އެ ބޭފުޅަކަށް މުޅިން ހަމަ ފެނިވަޑައިގަންނަވާނަމަ ރައީސް މައުމޫނު ވެރިކަމުގެ ހުންނަން ފެނިވަޑައިގަންނަވާނަމަ ދެން ބޮޑު ކާފަ ގޮތަށް ރަނގަޅު ފާހަގަ ޖައްސާލަން. މިގޮތަށް ހުރިހާ ރަށެއްގައި އަތޮޅުތަކުގައި ރައްޔިތުންނަށް ކިޔައިދީ ވިސްނައިދީފައި އޮތީ އެ ސަގާފަތް ކުރިއަށް ގެންގޮސްފައި އޮތް ގޮތް އިނގޭތޯ. އެހެންވީމާ އެކަހަލަ ސަގާފަތެއް ގެނައުމުގެ ހުރިހާ މަރުޙަލާތަކެއް މިހާރު ކަޑަތުކުރަމުން މި ގެންދަނީ އިނގޭތޯ. އިލެކްޝަންމ އެންޓިކޮރަޕްޝަން ކޮމިޝަނަށް މިހާރު ވެސް ވަނީ އެތަކެއް ދަޢުވާތައް ރައީސް ޑރ.މުޙައްމަދު މުއިއްޒާ ގުޅޭ އެތަކެއް ދަޢުވާތަކެއް ހުށަހެޅިފައި. ދެން ކިނެތޯ އެކަން ބެލޭނީ އަދި އެހެނިހެން ހަމަ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން ގެ ކޮރަޕްޝަން ގެ ޢަމަލުތައް ކިހިނެއްތޯ ދެން ބެލޭނީ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ

ޑީޑީ ވިދާޅުވީ 2018 އަދި 2019 ގައި އެމްޑީޕީއަށް ސުޕަރމެޖޯރިޓީ ލިބުނު ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމްކުރާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ޓަކައި މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތު ބައްޓަންކުރެވިފައި އޮންނަނީވެސް އެއްގޮތަށް ކަމަށާއި، އެމްޑީޕީއަށް ސުޕަމެޖޯރިޓީ އޮތް އިރަކު ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެވޭ ކަހަލަ އެއްވެސް އަމަލެއް ހިނގާފައި ނޯންނާނެ ކަމަށެވެ.

ޑީޑީ ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނު އޭގެ ޒާތުގައިދެކޮޅެއް ނޫން ކަމަށާއި، އެކަމަކު އެންޓި ޑިފެކްޝަން ގާނޫނު ވުޖޫދުކުރުމުގައި އެމްޑީޕީން ވެސް އެއަށް ތާއީދުކޮށްގެން ގާނޫނެއް ވެސް ފާސްކުރެވި ކަމަށެވެ. ނަމަވެސް އެ ގާނޫނަކު ވެސް ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ގެއްލޭ ގޮތަކަށް ނޯންނާނެ ކަމަށެވެ.

ޑީޑީ ވިދާޅުވީ އެ ގާނޫނުގައި އޮންނާނީ އިންތިޚާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޒިންމާދާރުކުރެވޭ ކަހަލަ ގޮތަކަށް ކަމަށާއި، ބައްޓަންކޮށްފައި އޮންނާނީ އޭނަގެ މޯރަލް ރެސްޕޮންސިބިލިޓީ އޭގައި ނެގޭ ގޮތަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ގާނޫނުއަސާސީއަށް ބަދަލުގެނެސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ކަންކަން ކޮށްފައިވަނީ ރައްޔިތުންގެ ބާރުކަނޑުވާލަން ކަމަށް ޑީޑީ ވިދާޅުވިއެވެ.

- ކޮމެންޓް