ކ. މާލެ
|
22 ޑިސެންބަރ 2024 | އާދީއްތަ 18:56
މުއިއްޒު، ފަޒުލް އަދި ފަޒީލް
މުއިއްޒު، ފަޒުލް އަދި ފަޒީލް
ރާއްޖެއެމްވީ ގްރެފިކްސް
މަގޭ ރިޕޯޓް
ވަގުގޯތި މައްސަލައިގާ ރައީސަކީ "ދިގު އަލިފެއް" ކަމަށް ދައްކަން އުޅުނު އުޅުންވެސް ފެނަށް
ވަގު ގޯތިތަކެއް ވިއްކި މައްސަލަތަކެއް ފެންމަތިވެ މުޅި ސަރުކާރުވަނީ ހޫނު ފެނަށް ވެއްޓިފައެވެ. މުޅި ސަރުކާރުން ރައީސަށް ދޭން އުޅުނު މެޑެލްވެސް ޖެއްސުވޭނެ ގޮތެއް ނެތްވަރަށް ކަންކަން ހާމަވެއްޖެއެވެ.

ބައެއް ފަހަރަށް މީހުން ދިމާކޮށްލުމުގެ ގޮތުން ބުނެއުޅޭ މަޖާޒީބަހެއް އޮވެއެވެ. މަލާމާތުގެ ގޮތުން ނުވަތަ އެކުގައި އުޅޭ ރައްޓެހިންނާ ސަކަ ޖެއްސުމުގެ ގޮތުންވެސް އެހެން ބުނެ އުޅެއެވެ. އެއީ "އާން. ކަލޭތީ ތެދަށްހުރި ދިގު އަލިފެކެވެ" ނޫންނަމަ "ހުދު ބޯކިރު ކޮޅެކެވެ".

މިހެން ބުނެއުޅެނީ މާ މާތްމީހެއްކަމަށް ދެއްކެން ނުވަތަ ހެދިގަނެގެން އުޅޭ މީހުންނަށް ނިސްބަތްކޮށެވެ. އޭނާގެ އަސްލަކީ އެއީނޫންކަމަށް ބުނުމުގެ ގޮތުންނެވެ.

ފެންމަތިވެގެން އުޅޭ ވަގުގޯތީގެ މައްސަލައިގެ ބޮޑު މަންޒަރުން ހާމަވަނީ އެފަދަ ކަމެކެވެ. އެއިން ސަރުކާރު ރެކުމަށް ކުރާ މަސައްކަތެވެ. ބަޔަކު މީހުން ގަތްގަނޑެއްގެ ޒިންމާ ސަރުކާރުން ނަގަން ނުޖެހޭނެ ކަމަށް ދެއްކުމަށެވެ. އެއަށްވުރެވެސް ބޮޑަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިޚްލާސްތެރިކަމާއި ވައްކަމަށް ނޫނެކޭ ވިދާޅުވާން ކެރިވަޑައިގަންނަވާނެކަން ދެއްކުމަށެވެ. އެމަނިކުފާނަކީ ބޮލެއް ކަނދުރާއެއް ބެލުމެއްނެތި ވައްކަމާއި ކޮރަޕްޝަން އަދި ފަސާދަ ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވާނެ ބޭފުޅެއްކަން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށެވެ.

ކަންނުކޮށް ނަންކުރުމަށް ސަރުކާރުގެ ބޮޑުން ވަނީ އަރުވާ ޖައްސަވާފައެވެ. އެމަނިކުފާނަށް އެމެޑެލް ދެއްވުމަށް އެންމެ އާދައިގެ ސިޔާސީ މުވައްޒަފުން ފެށިގެން މަޖިލިސް މެންބަރުންނާއި ވަޒީރުންނާ ހަމައިން އެގެންދަވަނީ "ވަތަށްފައިބައިގެން" މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނުގެ އެއިޚްލާސްތެރިކަން ދެއްކުމަށް މުޅި ސަރުކާރު އެއްވާމެއްގައި ތެޅިފޮޅެނީއެވެ. ދިއުޅި ދިގު ނުކޮށް ކުރުކޮށް ފޮނިކޮށް ބުނަންޏާ " އެއީ ރީތި ދިގު އަލިފެއްކަން" ހާމަކުރުމަށް ސަރުކާރުގެ ވެރިންނަށް ކުރެވުނިއްޔާ ކުރެވުނުހާ ކަމެއް އެދަނީ ކުރަމުންނެވެ.

މީހުން ބުނެއެވެ. "ތެޅުނު ވަރަކުން ފައިބާނީ ހުޅުނބެވެ" ފަޅާ ނާރާ އޮތީމާ "ނުބީހެންޏާ ކަނޑާ ހަމަވިއަސް" " ބުޅާ ގޯނިން ބޭރުވެ" އާއްމުންނަށް ހާމަވީމާ ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. އޭރުން އަރުވާ ޖަހާ ހިއްލި ވަރަކަށް ކަޝްފުވާނީ އައުރައެވެ"

އެބީދައިން ވަގު ގޯތީގެ މައްސަލައިގާ ކިތަންމެ ރީތިކޮށް މަންޒަރު ކުރަހާފައި ކުލަޖައްސަން މަސައްކަތް ކުރިވަރަކުން ވަތުބަތާނަ ހިއްލޭލެއް ދަނީ ބޮޑުވަމުންނެވެ. "ކެޔޮކޭވަރު އެނގޭނީ ބިތު ފަންގި ނެގޭ ވަރަކުންނޭ ބުނަނީ އެހެންވެގެންނެވެ. އެއްދޮގު ފޮރުވަން ހަދާ އަނެއް ހާސް ދޮގުން އެދަނީ ބެދޭ މަޅިވެސް ނުފެނި ބާރުވަމުންނެވެ.

ވަގުގޯތި މައްސަލަ ފަޅާއެރުމާއެކު ސަރުކާރުން ދެނެކާ ދެނެއްނެތެވެ. ގުންފައި ޖަހާފައި މުޅި ސަރުކާރު ތެޅިގަތީ އެއީ މުޅިން އެހެން ގޮތަކަށެވެ. ވަގު ތުހުމަތު ރައްދުވި މީހާ ލައްވައި ގައުމީ ޓީވީ އެކަނި ގެނެސްގެން ޑްރާމާއެއް ކުޅުވާށެވެ. އެކަން ފަޅާއެރީމާ ވަރަށް ގަޓުގައި އެދެއްވީ އޭނާ ލައްވާ ލައިވް ބޮޑު ޕްރެސް ކޮންފަރެންސެކެވެ. "ޕްރޮސެސްއާއި އިނިޝިއޭޓިވް" އިން ނުނެއްޓި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ހެއްދެވި ރޯ ބުހުތާނު ދޮގުތައް ފަޅާއެރީ ހަވާލު ނުކުރާކަމަށް ބުނި ގޯއްޗަށް ނޫސްވެރިންގޮސް ރާނާފައިހުރި ފާރުގެ ލައިވް މަންޒަރުތައް ދައްކާލީމައެވެ.

ދެންވެސް ކަންކުރައްވާން އުޅުއްވީ މުޅިން އެހެން ގޮތަކަށެވެ. ފުލުހުންގެ ތަހުގީގް ރަނގަޅަށް ހިނގައި ނުގަންނަނީސް މާ ސިންގާ ބޮޑުޕްރެސް ކޮންފަރެންސެއް ބާއްވައި ފުލުހުންވެސް އަޅުއްވަން އުޅުއްވީ ކުރީ ސަރުކާރުގެ ބޮލުގައެވެ. އޭރު ވަގުގޯތި ލިބިގެން އުޅޭ މީހާއަށް ގޯއްޗެއް ނުލިބޭ ކަމަށް މިސަރުކާރުގެ ހައުސިންގ މިނިސްޓްރީން ފޮނުވި ސިޓީ ލީކުވެފައި އޮތްކަންވެސް ފުލުހުންގެ ހަނދާނަކު ނެތެވެ. ކުރިއާ ޚިލާފް ގޮތަކަށް ފުލުހުން ބޭއްވި އެޕްރެސް ކޮންފަރެންސްއިންވެސް އަތަށް ގޮވިވަރު ވީ ހައްތަހާ ބޮޑެވެ.

ދެންވާ އަތްދަށުން ފަސްމުގޫދޫވެ ނަނުބައި ކޮޅަށް ދިޔައިމާ ނުގޮތަކަށް ޕީސީބީ މެދުވެރިކޮށް އެކަހެރި ކޮށްލާފައި ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރުގެ ސޯޝަލް މީޑިޔާ ކުދިންކޮޅު އެފެށީ ރައީސްއަށް އެއްކަލަ މެޑެލް ދެވޭތޯއެވެ. ފިޔަވަޅު އަޅުއްވާނެކަމަށް ގޮވާ ނަގާށެވެ. މިސަރުކާރުން އެފަދަ ވައްކަމަކަށް އަދި ޖާގަ ނުދެއްވާނެ ކަމަށާއި ކިރިޔާވެސް އެފަދަ ކަމެއް ކުރާ މީހަކަށް ފިޔަވަޅު އަޅާ އެކަހެރި ކުރާނެ ކަމަށް މީހުންނަށް ވިސްނައިދޭށެވެ. އެކަމަކު އެކަމުންވެސް އަނެއްކާވެސް ވީ ފަޟީހަތްވީ ބޮޑެވެ. އެނގޭއިރަށް ފިޔަވަޅު އަޅުއްވާނެޔޭ ރައީސަށް ކެރިވަޑައިގަންނަވާނެޔޭ ބުނެ މުޅި ސޯޝަލް މީދިޔާ ފްލަޑްވާވަރު ކުރިއިރު ބޮލުގައި ނެތް ތެތް ކަމަކީ އެކަން މާ ކުރިން ރައީސް އައްޔަން ކުރެއްވި އެޗްޑީސީގެ ޗެއަރމަން ރައީސްގެ ހިރިޔާ ފާތުރާ ދަށަށް ކަޅާ ހުދުގެ ބޮޑު ތަފްސީލީ ސިޓީއެއް ފޮނުވާފައިވާކަމެވެ. އާޚިރުގައި އެއަށް ބަލާފައި ނަގާ އެއްލާލީ އޭނާއެވެ. އެހެންކަމުން އެޗާންސެއްވެސް ނެގޭކަށް ނެތެވެ. ދިފާއުގައި ކުޅޭނެ ހަމަ އެންމެ ކާޑެއްވެސް ނެތުނީއެވެ. މަނާ މަންތިރިވެ މުޅިމިވައްކަމުގައި ސަރުކާރު އެވަނީ ސައިވެފައެވެ. ކޮނުނު ވަރަކުން ފަސްގިނަވާ ބީދައިން އެވައްކަމާ ގުޅުންހުރި އިތުރު ކަންކަން ތިލަވެ އެދަނީ ފެންމަތިވަމުންނެވެ.

ކޮންމެއަކަސް މުޅި ސަރުކާރުން ރައީސަށް ދޭން އުޅުނު މެޑެލްވެސް ޖެއްސުވޭނެ ގޮތެއް ނެތްވަރަށް ކަންކަން ހާމަވީއެވެ. ކިތައްމެ ވަރަކަށް "ހުދުފޮތި އޮޅާފައި ބޯކިރުކޮޅެއް"ހެން ދައްކަން އުޅުނަސް "ތެދަށްހުރި ދިގު އަލިފެއް"ގެ ގޮތުގައި ދެއްކޭނެ ގޮތެއް ނުވިއެވެ.

- ކޮމެންޓް