ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 16:03
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
އަވަސް
ރައްޔިތުންގެ މަޖިލިސް
މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަންވީ، ދައުރު ފުރިހަމަކުރުމުން ދޭ އެލަވަންސް ވެސް ކަނޑާލަންވީ!
 
މެންބަރުންގެ މުސާރަ އާއި އިނާޔަތް އިސްލާހު ކުރާ ބީދައިން، އަޅުގަނޑުމެންގެ ބައެއް ކަންކަން ވެސް އިސްލާހު ކޮށްލަން ވީ ނޫންތޯ އެވެ؟

މިދުވަސްވަރު ސޯޝަލް މީޑިއާގައި ވެސް އަދި އާންމުންގެ މެދުގައި ވެސް އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެމުން އަންނަ މުސާރަ ކުޑަ ކުރުމާއި، މަޖިލީހުގެ ދައުރު ހަމަވުމުން އެ މެންބަރުންނަށް ދެމުން އަންނަ އެލަވަންސްތައް ކަނޑާލާ ވާހަކަ އެވެ. މި ކަންކަމަކީ އާންމު ރައްޔިތުން އިންތިހާ އަށް ނުރުހުންވާ ކަންކަމެވެ. މަޖިލިސް މެންބަރުންގެ އިތުރުން، ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް ކުޑަކުރުމަށް ވެސް ގިނަ އާންމުން ދަނީ ގޮވާލަމުންނެވެ.

ތެދެކެވެ. މަޖިލިސް މެންބަރުންނަށް ލިބެމުން އަންނަ މުސާރަ ބޮޑެވެ. މަޖިލީހުގެ މެންބަރަކަށް މަހު މުސާރައިގެ ގޮތުގައި ޖުމުލަ ލިބެނީ 80 ވަރަކަށް ހާސް ރުފިޔާ އެވެ. އެއީ މުސާރަައިގެ ގޮތުގައި ލިބެމުން އަންނަ 62،500 ރުފިޔާ އާއި، ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބެމުން އަންނަ 20،000 ރުފިޔާ އެވެ. މުޅި ޖުމުލަ 82،500 ރުފިޔާ އެވެ.

ދެން އޮތީ ދައުރު ފުރިހަމަ ކުރުމުން މެންބަރުންނަށް ދެމުން އަންނަ އިނާޔަތުގެ ވާހަކަ އެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު ލާޒިމު ކުރާ ގޮތުން، މަޖިލީހުގައި އެއް ދައުރު ފުރިހަމަ ކުރައްވާ މެންބަރުންނަށް މުސާރައިގެ 30 އިންސައްތަ ލިބޭނެ އެވެ. އެއީ މަހަކު 18،000 ރުފިޔާ އެވެ. ދެ ދައުރު ފުރިހަމަ ކުރާ މެންބަރުންނަށް 45 އިންސައްތަ ލިބޭނެ އެވެ. އެއީ މަހަކު 27،000 ރުފިޔާ އެވެ. މެންބަރުންނަށް މި އިނާޔަތް ލިބޭނީ، މަޤާމުން ވަކިވުމަށްފަހު، އަދި އޭނާގެ އުމުރުން 55 އަހަރުވުމަށްފަހު އެވެ.

ރަނގަޅެވެ. މެންބަރުންނަށް ދެމުން އަންނަ މުސާރަ އާއި، ދައުރު ފުރިހަމަ ކުރުމުން ދެމުން އަންނަ އިނާޔަތް ބޮޑު ކަމަށް ބުނެ އާންމުން ދައްކަމުން އަންނަ ވާހަކަ އަކީ ތެދެކެވެ. އެއާއެކު، އަޅުގަނޑުމެންގެ ވެސް ބައެެއް ކަންކަން ބަދަލުކޮށްލުން ކިހިނެއްވާނެތޯ އެވެ؟ މެންބަރުންގެ މުސާރަ އާއި އިނާޔަތް އިސްލާހު ކުރާ ބީދައިން، އަޅުގަނޑުމެންގެ ބައެއް ކަންކަން ވެސް އިސްލާހު ކޮށްލަން ވީ ނޫންތޯ އެވެ؟

ބުނަން މި އުޅޭ ވާހަކަ އަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކަން ހިނގަމުން އަންނަ ގޮތުގެ ވާހަކަ އެވެ. ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން ހޮވަނީ މައިގަނޑު ދެ ސަބަބަކަށެވެ އެއީ ރައްޔިތުންނަށް ބޭނުންވާ ޤާނޫނުތައް ހެދުމާއި، މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، އަޑު އުފުލުމަށެވެ. ނަމަވެސް، މި ކަންތައްތަކަށް ވިސްނައިގެން ނުވަތަ ބަލައިގެން، މެންބަރުން ހޮވުމުގައި ވޯޓު ދެނީ އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔެކެވެ.

މަޖިލިސް މެންބަރުކަމަށް ކުރިމަތިލާ މީހާ، އިންތިޚާބުވުމާ ހަމަ އަށް ވެސް އެތައް ޚަރަދެއް ކުރަން ޖެހެ އެވެ. އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ އެންމެ އާދައިގެ ކަންތައްތަކުން ފެށިގެން، އެންމެ ބޮޑެތި ކަންތައްތަކާ ހަމައަށް ވެސް ކޮށްދޭން ޖެހެނީ އެ މީހާ އެވެ. ވަކި ކަމެއް ދަންނަވާނެ ކަމެއް ނެތެވެ.

މެންބަރުން ހޮވުމުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ރައްޔިތުން ވޯޓު ދެނީ، ބުނާ އަދަދަކުން ފައިސާ ކޮޅު ދޭ މީހަކަށް ނުވަތަ، ބުނާ ބޮޑު ކަމެއް ނުވަތަ ކުޑަ ކަމެއް ކޮށްދޭ މީހަކަށެވެ. އިންތިޚާބަށްފަހު، މެންބަރުކަމަށް ހޮވި، މެންބަރުކަމުގައި ހޭދަކުރާ ފަސް އަހަރުގައި ވެސް މި ކަން އޮންނަނީ މިހެންނެވެ. އަޅުގަނޑުމެންގެ ކޮންމެ ކަމެއްގައި ކަހަލަ ގޮތަކަށް ދަނީ މެންބަރު ގާތަށެވެ. އެކަމެއް ކޮށްދޭން އެދެނީ މެންބަރުގެ ކިބައިންނެވެ.

ކުރިން ވެސް ބުނިހެން، މެންބަރުންގެ މުސާރަ ބޮޑެވެ. ދައުރު ފުރިހަމަ ކުރުމުން ދެމުން އަންނަ އެލަވަންސް ވެސް ބޮޑެވެ. މުސާރަ ކުޑަކޮށް، އެ އެލަވަންސް ވެސް ކަނޑާލަންވީ އެވެ. އެކަންތައްތަކާއެކު، އަޅުގަނޑުމެން ރައްޔިތުން ވެސް މި ބުނި ކަންކަން އިސްލާހު ކޮށްލަމާތޯ އެވެ. މިކަމުގައި ދެކޮޅު ޖެހޭ ގޮތެއް ވާނީ އޭރުން ނޫންތޯ އެވެ!

ރައްޔިތުން ވޯޓުލުމުގައި އިސްކުރަންވީ ޤާބިލު މީހާ އެވެ. ކިޔަވައިގެން ހުރި މީހާ އެވެ. އަޅުގަނޑުމެން ރައްޔިތުންގެ އަތަށް ކޮންމެ އިންތިޚާބެއްގައި ލިބޭ ވޯޓު ކަރުދާސް ކޮޅަކީ، އެކަމަށް ގޮތެއް ނިންމަން ލިބޭ ކަރުދާސް ކޮޅަކަށް ހެދުން ބުއްދިވެރި އެވެ. ކިޔަވައިގެން ހުރި ޤާބިލު މީހާ ހުއްޓާ، އަޅުގަނޑުމެން ރައްޔިތުންގެ ޖަހާ ފާހަގަ މި ދޫކޮށްލަނީ އަމިއްލަ މަންފާ އަކަށެވެ.

މަޖިލީހަށް ކިޔަވައިގެން ތިބި ޤާބިލު މީހުން ވަންނަން ޖެހޭ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އެކަން ކުރުމުގެ ފުރިހަމަ ބާރު އޮތީ އަޅުގަނޑުމެން އަތުގަ އެވެ. ނަމަވެސް ހިތާމަ އަކީ، އަޅުގަނޑުމެން އެގޮތަށް އަމަލު ނުކުރާތީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
- ގުޅުންހުރި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް
ރުހުން ނުލިބުނު ތިން ވަޒީރުންނަށް އައު މަޖިލީހުން ރުހުންދީފި
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ ހެނދުނު ފުރައްސާރަ ކުރުމަށްފަހު، ހަވީރު ފިރުމާ ގޮތަށް!
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު 241 ކޮމެޓީއަށް
ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި