މައުމޫން ފައުންޑޭޝަނުން 80 ސްކޯލަރޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވަނީ ޓްވިޓަރގައި މިކަން އިއުލާނުކޮށްފަ އެވެ. މައުމޫން ވިދާޅުވީ، އިންޑިޔާގެ ގަރޑެން ސިޓީ ކޮލެޖުގައި ކިޔެވުމަށް 80 ސްކޮލަރޝިޕްގެ ފުރުސަތު މައުމޫން ފައުންޑޭޝަނުން ހުޅުވާލާފައިވާ ކަމަށެވެ. މި ކޯސްތައް ބަހާލެވިފައިވަނީ 20 ދާއިރާ އަކަށެވެ.
ގަރޑެން ސިޓީ ކޮލެޖަކީ އިންޑިޔާގެ ބެންގަލޫރުގެ ކޮލެޖެކެވެ. މިކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ކޮމަރސް އަދި ޓޫރިޒަމް، ހިސްޓްރީ، ޖާނަލިޒަމް އިންވެސް މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މީގެ އިތުރުން ބަޔޯޓެކްނޮލޮޖީ އާއި ބަޔޮކެމިސްޓްރީ ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފަ އެވެ.
މައުމޫން ފައުންޑޭޝަނުން ކޮންމެ އަހަރަކުވެސް އަންނަނީ ގައުމުން ބޭރުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ރާއްޖޭގެ ކުދިންނަށް ހުޅުވާލަމުންނެވެ.
އެ ފައުންޑޭޝަނުން ހުޅުވާލާ ސްކޮލަރޝިޕް އަކީ ޕާޓް ފަންޑެޑް ސްކޯލަރޝިޕްތަކެވެ. އަހަރީ ފީގެ ގޮތުގައި ދައްކާ، 500 ޑޮލަރާއި އިމްތިހާނުތަކަށް ދައްކާ ފީ އާއި ބެންގަލޫ ޔުނިވަރސިޓީ ރަޖިސްޓްރޭޝަން ފީ އަށް 270 ޑޮލަރު އަހަރު އެއް ފަހަރު ދައްކުން ފިޔަވައި އެހެން ހުރިހާ ހަރަދެއް ބެލެހެއްޓުމަށް ހަމަޖެހިފައިވަނި މައުމޫން ފައުންޑޭޝަނުންނެވެ.