ރާއްޖޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ވަކި ފަރާތަކަށް ނުވަތަ ވަކި މީހަކަށް ވީތީ ނުބަލާ ދޫކޮށްލާފަ ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.
އޭސީސީއާ އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެންޓި ކޮރަޕްޝަން ގައުމީ މަހާސިންތާ ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލުތުފީ ވިދާޅުވީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ބައެއް ފަރާތްތައް ހާޒިރުކޮށް ސުވާލު ކުރާތީ އާއި ވަކި ފަރާތްތަކަށް ވީތީ މައްސަލަތައް ނުބަލާ ދޫކޮށްލާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވާ ނަމަވެސް ކޮރަޕްޝަންގެ މައްސަލަ ބެލުމުގައި ވަކި ފަރާތްތަކަށް ކޮމިޝަން ޖެހިފައި ނޯންނާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ސާބިތު ކުރުމަކީ ވަރަށް ގިނަ ހަރުފަތްތަކެއް ގިރާ ކުރަން ޖެހޭ އުނދަގޫ މަސައްކަތެއް ކަމަށާއި އެކަމަށް ގިނަ ދުވަސްތަކެއް ވެސް ހޭދަވާ ކަމަށެވެ.
ލުތުފީ ވިދާޅުވީ ކޮރަޕްޝަންގެ ވަކިތަކުން އެއްވެސް ގައުމެއް ސަލާމަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދައިގެ އަމަލުތަކާ ގުޅޭ މައްސަލަތައް ހޯދައި ބަލައި، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަން އޭސީސީ އަބަދުވެސް ދެމި ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވި ގޮތުގައި ދެ ދުވަހުގެ މުއްދަތަށް އޭސީސީ އާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ބާއްވާ މަހާސިންތާގެ ބޭނުމަކީ އޭސީސީގެ ތަހުގީގުތައް ހަރުދަނާ ކުރުމާ ގުޅޭ މަޝްވަރާތައްކުރުމެވެ.
މީގެ އިތުރުން ދައުވާ އުފުލުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމާއި ކޮރަޕްޝަންގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ވީ އެންމެ އަވަހަކަށް ހޯދައި އަވަސް ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ