ކުޑަކުދިންގެ ދުވަހާއި ގުޅިގެން މާލޭގެ ސްކޫލުތަކުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މާލޭގެ ސްކޫލުތަކުގައި ކުޑަކުދިންގެ ތަފާތު ހަރާކާތްތައް ކުރިއަށްގެންގޮސްފައިވާ އިރު ބައެއް ޕްރީ ސްކޫލުތަކާއި ޕްރައިމަރީ ސްކޫލުތަކުގެ ކުދިން ސްކޫލައް ގޮސްފައިވަނީ ތަފާތު އެކި ކެރެކްޓާރތަކުގެ ކޮސްޓިއުމުތަކުގަ އެވެ.
މިގޮތުން ބައެއް ސްކޫލުތަކަށް ކުދިން ގޮސްފައިވަނީ އެ ސްކޫލަކުން ކަނޑައަޅާ ވަކި ތީމްއަކާއި ގުޅޭ ހެދުން އަޅައިގެންނެވެ. އެ ތީމްތަކާއި ގުޅޭ ގޮތުން ސްކޫލުތައް ޒީނަތްތެރިކޮށްފައިވާ އިރު ތަފާތު އެކި ކަހަލަ ކުޅިވަރުތަކާއި ޓެލެންޓް ދައްކާލާ ހަރަކާތްތައްވެސް ސްކޫލުތަކުގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބްރިޖު ލިޓްލް ލަރނާސް ޕްރީ ސްކޫލުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ. އެ ސްކޫލުގައި 230 ކިޔަވަމުންދާ އިރު މި ވޭތުވެދިޔަ ފަސް އަހަރުގައިވެސް އެ ސްކޫލުން ވަރަށް ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ކަމަށް އެ ޕްރީސްކޫލުން ބުނެ އެވެ.
އެ ސްކޫލުން މިފަހަރު ކަނޑައަޅާފައިވާ ތީމް އަކީ އަންޑަރވޯޓަރ ކަމަށްވާ އިރު ކުރިއަށްގެންދިޔަ ހަރަކާތްތައްވެސް ރާވާލާފައިވަނީ ތީމްއާއި އެއްގޮތަށެވެ.
" އެންމެ ފުރަތަމަ ކުދިން އައިސް މުޅިތަން ބަލާލާއި ގޭމްސްތައް ކުޅެލާއިފައި ޓީޕާޓީއެއްވަނީ ރާވާލެވިފަ." ބްރިޖުގެ ޕްރީ ސްކޫލު ޓީޗަރެއް މައުލޫމާތުދެއްވި އެވެ.
މިއަދުގެ ހަރަކާތްތައް ރާވާލާފައިވަނީ، ކުޑަކުދިންނަށް އުވާކޮށްލާ މަޖާ ކުރެވޭނެ މާހަލެއް ގާއިމް ކުރުމަށް ކަމަށް އެ ސްކޫލުން ބުނެ އެވެ. އަދި އެކުދިންނަކީ މުހިއްމު ބައެއްކަން އިހްސާސްކޮށްދިނުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ސްކޫލުން ބުނެ އެވެ.
މިދުވަހާއި ގުޅިގެން ކެންގަރޫ ކިޑްސް އިން ކުރިއަށްގެން ދިޔަ ހަރަކާތްތަކާއި ގުޅޭ ގޮތުން އެ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ ވިދާޅުވީ، ކުދިންނަށް ޚާއްސަކޮށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށާއި އެގޮތުން ޓީޗަރުންގެ ޓެލެންޓް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު ސްކޫލުގެ ކަންކަން ރާވާލާފައިވަނީ ގާޑެން ތީމް އަށް ކަމަށެވެ.
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބިލަބޮންގް ސްކޫލުންވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ. އެ ސްކޫލުގެ ޕްރިންސިޕަމް އަޒީނާ ގާސިމް ވިދާޅުވީ، ސްކޫލުގެ ހަރަކާތްތައް ރާވާލާފައިވަނީ ކުދިންނަށް އެކި ހަރަކާތްތަކުގައި ބައިވެރިވެ، ހިތްއުފާ ކޮށްލެވޭނެ ގޮތައް ކަމަށެވެ.
" ކުދިންނަށް މަޖާ ހަރަކާތްތަކެއް ކުރިއަށްގެންދަނީ ތިން ސެޝަންއަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކެއް މިކުރިއަށްދާނެ. ކުދިންގެ ޓެލެންޓް ދައްކާލުމުގެ ހަރަކާތްތައް މިކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ." އަޒީނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާ އިރު މި ދުވަސް ކޮންމެ އަހަރަކުވެސް އެންމެ ކުލަ ގަދަކޮށް ފާހަގަކުރަނީ ސްކޫލުތަކުންނެވެ.