ދޫނިދޫގައި ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މަތިން ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުމާއި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދެވުމަށް ގާސިމް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.
ގާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން މ. ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެ ކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަމުން ދާތީ އާއި މި ކަންތައްތަކަކީ މިހާރު ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަމަށް ވާތީ، ގާސިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މި ކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެއް ކަމެއް ކަމަށާއި، އަދި ގާސިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ފެނުމަކީ ވެސް އެމަނިކުފާނު ހައްޔަރު ކުރަންޖެހޭ ސަބަބެއް ކަމަށް ކޯޓް އަމުރުގައިވެ އެވެ.
ގާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމާފައިވަނީ މިއަދު މެންދުރު 1:30 އަށެވެ.
ގާސިމް ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު ފުރަތަމަ ޖެހީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު ގާސިމްގެ ބަންދަށް 15 ދުވަސް ޖެހިއިރު، އޭގެ ފަހުން މިމަހުގެ ފަސް ވަނަ ދުވަހު ބަންދުގެ މުއްދަތަށް ހަތަރު ދުވަސް ވަނީ އިތުރުކޮށްފަ އެވެ. ގާސިމްގެ ބަންދަށް 15 ދުވަސް ޖެހީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެކަން ބާތިލްކުރުމަށް ހައިކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ނިންމާފައިވަނީ ގާސިމްގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ރަނގަޅަށް ކަމަށާއި، ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ގާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި ބަންދުގެ މަޖިލީހަށް ފަހު ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ބަންދަށް 15 ދުވަސް ޖެހި ދުވަހު ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓް ފިޔަވައި އިތުރު އެއްޗެއް ފުލުހުން ހުށަހަޅާފައި ނުވާކަން ގާޒީ ފާހަގަކުރެއްވި ކަމަށެވެ. އަދި ބަންދަށް ޖެހި ހަތަރު ދުވަހަށް ފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރާ އިތުރު ހެކި ގެނެއުމަށް ގާޒީ އެންގެވި ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ގާސިމްގެ ސިއްޚީ ހާލުކޮޅާ މެދު ސަމާލުވެ، ދޭންޖެހޭ ބޭސްފަރުވާ ދިނުމަށް ފުލުހުންނަށް ގާޒީ އަމުރު ކުރެއްވި ކަމަށެވެ.
ގާސިމް ހައްޔަރުކޮށްފައިވާއިރު، ތިން ދައުވާއެއް އުފުލައި އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ދަނީ ހިންގަމުންނެވެ. އެ ޝަރީއަތްތައް ނިމެންދެން ގާސިމް ބަންދުކުރުމަށް ވެސް ދައުލަތުން ކޯޓުގައި އެދުނެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ގާސިމް ބަންދުކުރަން ޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.