ކ. މާލެ
|
10 މެއި 2021 | ހޯމަ 00:02
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މިވަގުތު ބޭއްވުމާމެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް އިލްތިމާސް ކުރައްވައިފި
އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހު
އިންތިޚާބަކީ އަބަދުވެސް ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވާ ވަގުތެއް
ރައީސް ވިދާޅުވީ މިއީ ޕާޓީގެ އެއްބައިވަންތަކަން އިތުރުކުރަންވީ ވަގުތު ކަމަށް

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މި ހާލަތުގައި ބޭއްވުމާ މެދު ޕާޓީގެ ލީޑަރޝިޕާއި މެމްބަރުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސްކުރައްވައިފިއެވެ.

މެއި މަހުގެ 29 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލާނާމަ އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ 50 މީހުންގެ ސޮއި ހަމަކުރަންޖެހެއެވެ. އަދި ޕްރޮވިންސް ނުވަތަ ސިޓީއެއްގެ ރައީސްކަމަށް ކުރިމަތިލާނަމަ 200 މެންބަރުންގެ ސޮއި ހޯދަން ޖެހެއެވެ.

ޖުމްލަ 455 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުމަށް އެމްޑީޕީން ނިންމާފައިވާއިރު އިންތިޚާބުގައި ވާދަކުރުމުގެ ސުންގަޑިއަކީ މެއިމަހުގެ އަށްވަނަ ދުވަހުގެ 4:00 އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދީ އެކަންކަން ފެންމަތިވެފައި މިވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ތައްޔާރުވަމުން އައި ވަގުތުގައި ކަމަށެވެ. އިންތިޚާބުުގެ ވަގުތަކީ އަބަދުވެސް ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވާ ވަގުތެއް ކަމަށާއި މިއީ އެފަދަ ކަމަކަށް ފުރުސަތު ދޭންވީ ދަނޑިވަޅެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ޕާޓީގެ އެއްބައިވަންތަކަން އިތުރުކުރަންވީ ވަގުތު ކަމަށާއި، އެހެންވީމާ މި އިންތިޚާބު މި ވަގުތު ބޭއްވުމާ މެދު ޕާޓީގެ މެމްބަރުން ވިސްނާލުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ކުރިން ވެސް ރޭވިފައިވާގޮތަށް ކަނޑައެޅި ތާރީހުގައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނެ ކަމަށް އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެފައި ވަނިކޮށެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިންތި ވިދާޅުވީ އިންތިޚާބު ކުރިއަށްދާނެ ކަމަށާއި އިންތިޚާބުގެ ހުރިހާ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އިންތިޚާބުގެ ކަންތައްތައް އެމްޑީޕީން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ރާއްޖޭގައި މިވަގުތު ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ އެޕްލިކޭޝަން ފޯމް އޮންލައިންކޮށް ވެސް ބަލައިގަންނާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

- ކޮމެންޓް