ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ބޭނުންވަނީ އަސާސީ ހައްގުތަކާއި އަސާސީ ހިދްމަތްތައްކަން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ރައްޔިތުން ހާމަކޮށްދީފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކޮންކްރީޓް ތަރައްގީ ގެނައުމުގެ ކުރިން އަސާސީ ހައްގުތަކާއި އަސާސީ ހިދްމަތްތައް ކަށަވަރު ކޮށްދިނުމަށް ކަމަށެވެ. އަދި ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ތަރައްގީ ބޭނުންވާގޮތް ސަރުކާރަށް ބުނެދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގައި ރަށްރަށަށް ވަޑައިގެންނެމުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެނގި ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. ބައެއް ރަށްރަށުގައި ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތް ކަމަށާއި ބައެއް ރައްޔިތުން ގައިން ތާހިރުވުމަށް ބޭނުންކުރަންޖެހިފައިވަނީ ވެސް ނަޖިސް ފެނުން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި ސާފު ބޯފެން ނުލިބި ރައްޔިތުން ދިރިއުޅޭ ނިކަމެތި ދިރިއުޅުން ތަޖުރިބާ ކޮށްލުމަށް އަތޮޅު ތެރޭގެ ރަށްރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައިގެންނެ ވުމަށްވެސް އަލީ ހުސައިން ވަނީ އެދިވަޑައިގަންނަވާފަ އެވެ.
ތަރައްގީ ބޭނުންނުވާ ރައްޔިތަކު ނެތް ކަމަށާއި ނަމަވެސް ތަރައްގީގެ ނަމުގައި ހިންގާ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ކުރިން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތަކާއި އަސާސީ ހިދްމަތްތައް ފޯރުކޮށްދިނުމަށް އަލީ ހުސައިން ވަނީ ގޮވާލައްވާފަ އެވެ.
އަލީ ހުސައިން އެގޮތަށް ވިދާޅުވިއިރު، ރާއްޖޭގައި އެންމެ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގާ މާލޭ ސިޓީ އޭރިއާއި އައްޑޫ ސިޓީން ސަރުކާރު ނިސްބަތްވާ އެއްވެސް ކެންޑިޑޭޓަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވުފައި ނުވެއެވެ. އަދި ހދ. އަތޮޅުތައް ފަދަ ބޮޑެތި އަތޮޅުތަކުން ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނެވެ.
މިޖަލްސާގައި އަލީ ހުސައިން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދޫކޮށްލުމަށް ގޮވާލައްވާފަ އެވެ. އަދި ގައުމުގެ ކަންކަން އިސްލާހުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށްވެސް އަލީ ހުސައިން ވިދާޅުވި އެވެ.