މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ލައިވް ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުގައި ޑރ. މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި، ކުރިއަށް އޮތްތަނުގައި ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އެގޮތުން އެންމެނަށް ވެސް ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް ސީސީޓީވީގެ ނިޒާމު މާލޭސިޓީގައި ގާއިމުކުރާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޮޑު ކުށެއް ކުރާއިރު، ނުވަތަ މީހަކަށް ބޮޑު އަނިޔާއެއް ދޭއިރު އެކަން ކުރާ މީހަކު ހޯދުމަކީ ދަތިކަމެއް ކަމަށާއި، މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށެވެ. ނަމަވެސް ސީސީޓީވީގެ ނިޒާމާއެކު އެހަމަލާއެއް ދީނީ ކާކު ނޭނގިގެން އުޅެން ނުޖެހޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު ކެމްޕެއިން ތެރޭގައި ވެސް ހިއްސާކުރި މައިގަނޑު އެއްކަމަކީ އެއީ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެބަ ލިބެންޖެހޭ އަމާން ތަނެއް ރައްކާތެރިތަނެއް. އެހެންވީމަ ޕޮލިސް ސަރވިސްއާ ގުޅިގެން ކައުންސިލުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރާނަން މާލޭގެ ރައްކާތެރިކަން، މަގުމަތީގެ ރައްކާތެރިކަން، އެންމެނަށް ވެސް ލިބޭނެ ގޮތަކަށް ކަންކަން ރާވަން. އޭގެ ތެރެއިން އެއްކަމަކަށްވާންޖެހޭ ސީސީޓީވީގެ ނިޒާމު. އެއީ މިފަދަ ކަމެއް ކުރާ ފަރާތްތަކުން ގިނަ ފަހަރަށް އެއީ ކޮންބައެއްކަން ހޯދަން ދަތިވަނީ. އަޅުގަނޑަށް އަދިވެސް ނޭނގެ ރޭގެ މި ހަމަލާގައި ތިބި މީހުން ހޯދުނު ކަމެއް. އެންމެފަހުން ބެލިއިރުގައި ނުހޯދޭ. އެހެންވީމަ މިއީ ރަނގަޅު ނިޒާމެއް ވެއްޖެއްޔާ މީހުންނަށް އިތުބާރު ކުރެވޭ ސީސީޓީވީ ނިޒާމެއް މާލޭގައި އެބަޖެހޭ ގާއިމުވާން އެހެންވީމަ ސިޓީ ކައުންސިލުން އެއީ ތަރައްގީވެފައި ހުރި އެހެން ގައުމުތަކުގައި ސިޓީ ކައުންސިލުން އެކަމުގައި އިސްނަގާ ފަރާތަކީ. އަނެއްކާ އަޅުގަނޑުމެންގެ ގާނޫނުގައި ވެސް އެބައޮވޭ ސިޓީ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި އެކަން ބަޔާންކޮށްފައި. ވަރަށް މަސައްކަތް ކުރާނަން. އެއާއެކު ހުންނަން ކުރޭ މަސައްކަތްތައްއިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އަލިއަޅުއްވާލައްވާ ޑރ. މުއިއްޒު ވިދާޅުވީ މިފަދަ ނުރައްކާތެރި ހިތާވެރި ދަނޑިވަޅުގައި އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މިފަދަ ހާލަތުގައި ސިޔާސީ ފިކުރާ ދުރަށްދާން ޖެހޭ ކަަމަށެވެ. މިއަމަލު ކުށްވެރި ކުރައްވައި އަވަހަށް އިންސާފު ގާއިމުކޮށްދިނުމަށް ވެސް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފައެވެ.