ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި އެއްޗެއް ގޮއްވާލައިފިއެވެ.
މަންޒަރުދުށް ރާއްޖެޓީވީގެ ކެމެރާމަން ކިޔާދިން ގޮތުގައި އެއްޗެއް ގޮވީ 8:39 ގައި އަތަމާ ޕެލެސް ހޮޓެލް ކުރިމަތީ ގައި އޮންނަ ގޯޅިއެއްގެ ތެރޭގައި ރައީސް ނަޝީދު އުޅުއްވާ ގެކޮޅު ކައިރީގައި ޕާކު ކޮށްފައިވާ ސައިކަލެއްގައެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމުންގެ ތެރެއިން އެކަކަށް ވަނީ އަނިޔާވެފައެވެ. އެއީ ބޭރު މީހެއްކަމަށާއި އެމީހާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ގޮވި ގަޑީގައި އިތުރު ދެ ފަތުރުވެރިއަކު އެސަރަހައްދުން ދުވެފައި ދިޔައެވެ.
މި ހަމަލާގައި ނަޝީދަށް އަނިޔާތަކެއް ލިބިވަޑައިގެންނެވި ކަމަށްވެސް ދަނީ މައުލޫމާތު ލިބެމުންނެވެ. އެކަމަކު ޒަޚަމްތަކުގެ ތަފްސީލު އަދި ސާފެއް ނޫނެވެ. ބައެއް މީހުން ބުނީ ނަޝީދުގެ މޫނުފުޅަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އަނިޔާތަކެއް ލިބިވަޑައިގެންނެވި ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމުގައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން އެމަނިކުފާނު ގެންދަވާއިރު އެ ހޮސްޕިޓަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެސް ވަޑައިގެން ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވާފައިވެއެވެ. ރައީސް ސާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދެވުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި މި ހަމަލަ މިހާރު ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދެވުނު ރަހުމްކުޑަ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އަނިޔާ ލިބުނު އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމުގައެވެ.
ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން ވެސް ހޮސްޕިޓަލަށް ވަޑައިގެން އެބަތިއްބެވިއެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލައާ ގުޅިގެން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ މިކަން ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރ އިމްރާން އަބްދު ﷲ ވެސް ވަނީ ރައީސް ނަޝީދަށް ދެވުނު ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައެވެ.
ސައިކަލު މަޑިދަށަށް އެއްޗެއް ލާފައި އޮތީ. އެމްއެންޑީއެފްގެ ވެހިކަލް އޮތް މަޑުކޮށްގެން ގޯޅި ކުރިމަތީގައި.ކެމެރާމަން
މިހަމަލާ އަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް އެމަނިކުފާނަށް ގެއްލުން ދިނުމުގެ މަގްސަދުގައި ދިން ހަމަލާއެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. "ރާއްޖެޓީވީ"ގެ ލައިވް ކަވަރޭޖަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވަނީ މިކަން ވީއެންމެ އަވަހަކަށް ތަހުގީގުކުރުމަށް ގޮވާލައްވާފައެވެ.
މިރޭގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ވަނީ ފަށާފައެވެ. މި ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބުރައީސާ އީވާ އަބްދު ﷲ ވިދާޅުވީ ގަސްތު ކުރަނީ މެންބަރުން ޖަލްސާގައި ތިއްބަވަން ކަމަށާއި މެދުކަނޑާލިޔަސް ޖަލްސާ ނުނިންމަވާ ކަމުގައެވެ. ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭ ގޮތުން މައުލޫމާތު ލިބޭ ވަރަކުން ހިއްސާ ކުރައްވަމުން ގެންދަވާނޭ ކަމުގައެވެ. މި ހާލަތުގައި ބަހުސްތަކެއް ކުރިއަށްގެންދަން ގަސްދު ނުކުރައްވާ ކަމަށާއި އިތުރު ޓެކްނިކަލް މައުލޫމާތުތައް ލިބުމުން ޖަލްސާ އަލުން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އީވާ ވަނީ އެކަމަނާގެ ނަމުގައާއި މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފައެވެ.
ރައީސް ނަޝީދުގެ ގެކޮޅުގެ ކައިރީގައި އެއްޗެއް ގޮވައިގެންދިޔައިރު، ކަންމަތީގައި އެމްއެންޑީއެފް ސެކިއުރިޓީ ވެހިކަލް ވެސް އޮތެވެ. ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް އެލާޓް ސްޓޭޓަސް މިހާރު ވަނީ މަތިކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހަމަލާދިން ސަރަހައްދުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ. ފުލުހުން އަންގަނީ އެސަރަހައްދަށް އާންމުން ނުދިޔުމަށާއި އިތުރު ތަފްސީލު ދެމުން ގެންދާނެ ކަމަށެވެ.
މި ހަމަލަޔާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފުލުހުންގެ ޚިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށައިފައި ކަމަށް ފުލުހުންވެސް ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާވި ސިފައިންގެ ތިން ބޭކަލުންގެ ތެރެއިން އައިޖީއެމްއެޗްއަށް ގެންދެވުނު ސިފައިންގެ މީހާ ވަނީ ދޫކޮށްލާފައި ކަމަށެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންދެވުނީ ކަންފަތަށް ތަދުވާތީއެވެ. މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ސިފައިންގެ ދެ ބޭކަލުންނަށް ދަނީ ފަރުވާ ދެމުން ކަމަށާއި، ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ މި ދެ ބޭކަލުންނަށް ލިބިފައިވަނީ ހަށިގަނޑުގެ ބައެއް ތަންތަނަށް ކުދި އަނިޔާތަކެއް ކަމަށެވެ.