ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް އަނިޔާވެއްޖެއެވެ.
މަންޒަރުދުށް ރާއްޖެޓީވީގެ ކެމަރާމަން ކިޔާދިން ގޮތުގައި އެއްޗެއް ގޮވީ 8:39 ގައި އަތަމާ ޕެލެސް ހޮޓެލް ކުރިމަތީ ގައި އޮންނަ ގޯޅިއެއްގެ ތެރޭގައި ރައީސް ނަޝީދު އުޅުއްވާ ގެކޮޅު ކައިރީގައި ޕާކު ކޮށްފައިވާ ސައިކަލެއްގައެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ނާއިބުރައީސް ފޮނުއްވި މެސެޖެއްގައި ނާއިބްރައީސް ފައިސަލް ނަސީމް ވިދާޅުވީ ރައީސް ނަޝީދަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ލިބުނު އަނިޔާތަކާއި ގުޅިގެން އޮޕަރޭޝަނެއް ކުރަންޖެހިފައިވާ ކަމަށާއި، މިއޮޕަރޭޝަނަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނުގެ އިސްތަށިފުޅުގެ ދެތަނަކަށް ވަނީ އަނިޔާވެފައެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑަށް ވެސް އަނިޔާވެފައިވެއެވެ. ނާއިބްރައީސްގެ މިމެސެޖްގައި މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ގޭގައި ތިއްބެވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖެޓީވީއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް މިދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މިތަހުގީގުގައި ސިފައިނުންނާއި ފުލުހުން އަދި ބޭރުގެ ބޭފުޅުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާފަދަ އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ އެއް ޒަޚަމަށްވުރެ ގިނަ ޒަޚަމްތަކެއް ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށާއި ހޮސްޕިޓަލުގެ ޚާއްސަ ޓީމަކުން އެމަނިކުފާނަށް ފަރުވާ ދެމުން ގެންދާ ކަމުގައެވެ. ރައީސް ނަޝީދުގެ ހާލުކޮޅު މިވަގުތު ސްޓޭބަލް ކަމަށްވެސް އޭޑީކޭއިން ބުނެފައިވެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާގައި އިތުރު މީހަކަށް ވެސް ވަނީ އަނިޔާވެފައެވެ. އެއީ ބޭރު މީހެއްކަމަށާއި އެމީހާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ގޮވި ގަޑީގައި އިތުރު ދެ ފަތުރުވެރިއަކު އެސަރަހައްދުން ދުވެފައި ދިޔައެވެ. އެސަރަހައްދުގައި އެއްޗެއް ގޮވައިގެންދިޔައިރު، ކަންމަތީގައި އެމްއެންޑީއެފް ސެކިއުރިޓީ ވެހިކަލް ވެސް އޮތެވެ. މިހާދިސާއާ ގުޅިގެން އެސަރަހައްދު ބަންދުކޮށްފައިވާއިރު، ސިފައިނުންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.