މި މަހުގެ 4 ގައި ގޮވާމުން ޒަކާތް ދެއްކުމަށް ހުޅުވާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ދެއްކޭނެ ކަމަށެވެ. ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުން ކަމަށާއި ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ ، ރަތް ހަނޑޫ، އަދި އާޓާ ފުށުން ކަަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިއަހަރު ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ހަމަޖައްސާފައިވާއިރު ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 12:00ށް އަދި މެންދުރު 13:00ން 14:30ށެވެ. އަދި ރޭގަނޑު 21:00ން 22:30ށް ވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ 12 ވަނަ ދުވަހާ ހަމައަށް މާލޭ ސިޓީން ފިތުރު ޒަކާތުގެ ގޮތުގައި 899،031.00ރ ލިބިފައިވާ ކަމަށެވެ. އެއީ ޖުމްލަ 20،863 މީހުންގެ ފަރާތުން ލިބިފައިވާ އަދަދުކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އޭގެ ތެރެއިން 17،858 މީހުން ޒަކާތް ދައްކާފައިވަނީ އޮންލައިންކޮށެވެ. އަދި 3005 މީހުންވަނީ މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރަށް ޒަކާތް ދައްކާފައެވެ. މިނިސްޓްރީން ވަނީ ފިތުރު ޒަކާތް ދެއްކުމަކީ ވާޖިބެއްކަން ހަނދާންކޮށްދީ ހުރިހާ އެންމެންވެސް ޒަކާތް ދެއްކުމަށް އިލްތިމާސް ކޮށްފައެވެ.