ހުޅުމާލެ ފޭސް އެކަކުން ފޭސް ދެއަކަށް ކަރަންޓު ނެޓްވޯކް ގުޅާލުމުގެ މަސައްކަތް މި ހަފުތާތެރޭގައި ނިންމާލެވޭނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯއިން ނެޓްވޯކް އަޅާނީ ފޭސް އެކެއްގެ އިންޖީނުގެއިން ފޭސް ދޭކަށް އެކަނި ކަމަށެވެ. އަދި އެތެރޭގެ ކޭބަލްތައް އަޅައި ސްޓެލްކޯގެ ނެޓްވޯކާ ގުޅާލާނީ ފޭސް ދޭއްގެ ކަރަންޓު ނެޓްވޯކް އެޅުމަށް ހަވާލުކުރި ޗައިނާގެ ސީއެމްއީސީ ކުންފުނިން ކަމަށް މުޣުނީ ވިދާޅުވިއެވެ. ބޭރު ޤައުމެއްގެ ކުންފުންޏާކާއި ފޭސް ދޭއްގެ ކަރަންޓު ނެޓްވޯކް އެޅުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާ ބޭރު ޤައުމެއްގެ ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ ސްޓެލްކޯއިންވެސް މިކަމަށް ބިޑްކޮށްފައިވަނިކޮށްކަން މުޣުނީ ފާހަގަކުރެއްވިއެވެ. ސަރުކާރުން މިހާރު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުރަތަމަ ފިޔަވައްސެކޭ އެއްގޮތަށް 50 މެގަވޯޓްގެ އިންޖީނުގެއެއް އެޅުމަށް ރާވާފައެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅުމަށް އިމާރަތްތައް ކުރަން ފެށިއިރު، އަބްދުﷲ ޔާމީންގެ ސަރުކާރުން އެޔާއެކު އަންނަންޖެހޭ އެހެން ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ. ދެ ވަނަ ފިޔަވަހީގައި ސުކޫލެއްވެސް ނެތްއިރު، ސުކޫލެއް އިމާރަތްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އޭގެއިތުރުން ބަސް ސްޓޮޕްތަކާއި، އެހެނިހެން އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމް އެޗްޑީސީން އަންނަނީ ހަމަޖައްސަމުންނެވެ.