ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 02:32
ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ މައްސަލަ
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް: ޓްރާންސްޕޯޓް މިނިސްޓްރީ
 
އޮތޯރިޓީ އުވާލުމަށްފަހު މިނިވަންތަނެއް އުފައްދާނެ ކަމަށް މިނިސްޓްރީން ބުނޭ
 
ބޯޑާއި މިނިސްޓްރީއާ ދެމެދު ފުށުއެރުންތަކެއް އުޅޭކަމަށް މިނިސްޓްރީން ބުނޭ
 
ގާނޫނު އުވާލަން ހުށަހަޅަނީ ގާނޫނުގެ މައްސަލައަކުން ނޫންކަމަށް މިނިސްޓްރީން ބުނޭ

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. މިބިލް ދިރާސާކުރަމުންދަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެ ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ މިބިލް އުވާލުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެޓަރނީ ޖެނެރަލް އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ބައްދަލުކޮށް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަނީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން މިނިސްޓަރ ބޭނުންފުޅުވާ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަމުން ނުދާކަމަށާއި މިނިސްޓަރުގެ ބަސް ނުވިކޭކަމަށް ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ވިސްނުމަކަށް އެންމެ ފުރަތަމަ ދިޔައީ އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށްފަހު އުފެއްދެވި ތަނެކެވެ. އޭގެފަހުން މިސަރުކާރު އައުމަށްފަހު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަލުން އުފައްދަވާފައެވެ.

ހަމަދު ވިދާޅުވީ މިނިސްޓްރީގެ ސިޔާސަތުގެ ދަށުން ކުރަންޖެހޭ ކަންކަން ހާސިލްނުކުރެވޭ ކަމަށެވެ. އެގޮތަށް ކަންތައްވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓްގެ ދަށުން އުދައްފާއިވާ ބޯޑުން އަމިއްލަ ކަންތައްތަކެއް ކުރަމުންދާތީ ކަމަށް ހަމަދު ވިދާޅުވިއެވެ.

އެބޯޑަކީ އަސްލު މިނިސްޓަރުގެ ލަފާގެ މަތިން ހިންގާ ބޯޑެއް. އެހެންނަމަވެސް ކަންދިމާކުރި ގޮތުން ބޯޑު ހިންގަމުން އައީކީ މިނިސްޓަރުގެ ލަފާގެ މަތިންނެއް ނޫން. ބޯޑު އައީ ބޯޑުގެ އަމިއްލަ މެންޑޭޓްތަކާއެކު އަމިއްލަ އެޖެންޑާއާއެކު ހިންގަމުން. އެހިސާބުން އަޅުގަނޑުމެން ވަރަށް ގިނަ ފަހަރު މަޝްވަރާ ކުރިން އޭޖީ އާވެސް. އޭޖީގެ ލަފާ ހޯދިން ސިވިލް ސަރވިސް މުވައްޒަފުންގެ ކަންތައް ކުރިޔަށް ގެންދިޔުމުގައި. މިނިސްޓްރީގައި ހުންނަނީ ޕާމަނެންޓް ސެކެޓްރީއެއް. ޒިންމާވާން ޖެހެނީ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނާވެސް. އެހެންނަމަވެސް 2016 ވަނަ އަހަރު އޮތޯރިޓީގެ ގާނޫނުގައި އޮވޭ ސިވިލް ސަރވިސް ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންގެ ކަންކަން ނިންމާނީ ބޯޑާ މަޝްވަރާކޮށްގެންނޭ. އެހެންވީމާ ގާނޫނު އުވާލާ މިނިސްޓްރީގެ ދަށަށް ގެންނަން ހުށަހެޅީ.
ހަމަދު އަބްދުލްޣަނީ /ޑެޕިއުޓީ މިނިސްޓަރ

އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ބަލާލާއިރު ދަތުރުފަތުރާ ގުޅުންހުރި ކަންކަން އަބަދުވެސް ބަލަމުންދާނީ މިނިވަން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކުން ކަމަށް ހަމަދު ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއަށް ބަލާނަމަ ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރޭގައި ވަރަށް ބޮޑަށް ކޮރަޕްޝަން އަށަގެންފައި އޮތުމާއި އެކަމުން އަރައިގަތުމަށް އޮތް ހައްލަކީ އެތަން އުވާލާ އެތަނުން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީގެ ދަށަށް ގެނައުން ކަމަށް ހަމަދު ވިދާޅުވިއެވެ. އަދި ފަހުން މިނިވަން ތަނެއް އުފެއްދުންކަމަށް ވެސް ވިދާޅުވިއެވެ.

ކޮމިޓީގައި މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި ކަމަކީ މައްސަލަ އޮތީ އޮތޯރިޓީގެ ބޯޑާއި މިނިސްޓަރާ ދެމެދު ކަމަށްވާއިރު ގާނޫނު އުވާލުމަށް މިނިސްޓްރީން ބޭނުންވާ ސަބަބާމެދުއެވެ. އެކަން ސާފުނުވާކަމަށް ތަކުރާރުކޮށް މެމްބަރުން ގެންދެވީ ވިދާޅުވަމުންނެވެ. އެގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ބޯޑު އުވާލުމުގެ ބާރު ރައީސަށް ލިބިދޭއިރު އަދި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަކީ ގުޑް ގަވަރނަންސްގައި ރާއްޖެއިން ފަހަތަށް އަޅާ ފިޔަވަޅެއްކަމަށް މިނިސްޓްރީން ދެކޭއިރު މިކަން ކުރެވެނީ ރަނގަޅަށްތޯ މިނިސްޓްރީއާ ސުވާލުކުރައްވާފައެވެ.

އެއީ މައްސަލަ ހައްލުކުރުމަށް އެތަން އުވާލަނީ. ފަހުން އެބަޖެހޭ އުފައްދަން. އެސްއައިޕީވެސް ބާރު އަޅާ ހުންނަން މިފަދަ އިދާރާއެއް މައި ސަރުކާރުގައި. އެހެންވީމާ ސަރުކާރުގެ ސިޔާސަތާއި ދިމާވާ މައްސަލައާއި މިހާރު ހުށަހަޅާފައިވާ ހައްލާ ދިމާނުވޭ. ގާނޫނު ބޭނުންވޭ އެބަ މިކަން ކުރެވެނީ ރަނގަޅަށްތޯ؟. ސާފުކޮށް ވިދާޅުވެދެއްވާ ގަވަރނަންސްގެ ގޮތުން ކުރިޔަށް އެޅޭ ފިޔަވަޅެއްތޯ ނުވަތަ ފަހަތަށް އެޅޭ ފިޔަވަޅެއްތޯ މިއީ؟
އަހުމަދު ސަލީމް/ ހޯރަފުށީ ދާއިރާ

އެސުވާލަށް ޖަވާބު ދެއްވަމުން ހަމަދު ވިދާޅުވީ އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި މިނިސްޓްރީއެއް އޮވެ އޮތޯރިޓީއެއް އޮވުމުން ކަންކަން ރަނގަޅަށް ކުރިއަށް ނުދާކަމަށް ހަމަދު ވިދާޅުވިއެވެ.

ފަހަތަށް އެޅޭ ފިޔަވަޅެއް އެއީ. ފަހަތަށް ފިޔަވަޅެއް އަޅާފައި ކުރިޔަށް ލަކިޖަހަން ބޭނުން. މިނިސްޓަރ އައިސް ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ޓްރާންސްޕޯޓް އޮތޯރިޓީ މެރިޓައިމް އޯގަނައިޒޭޝަންގައި ބައިވެރިވެފައި އޮތީ 2019 ގައި އެކަނި. އެކަމަށް އަހައްމިއްޔަތު ދެވުނީ މިނިސްޓަރ އައިސް އެކަމަށް އަހަންމިއްޔަތުކަން ދިނީމާ. މެރިޓައިމް އިންފްރާސްޓަރކްޗަރ އަށް މިނިސްޓަރ އަހައްމިއްޔަތުކަން ދިނީމާ. ސިވިލް އޭވިއޭޝަން އޮތޯރިޓީއަކީ މިނިވަން މުއައްސަސާ އެއް. މިނިސްޓްރީ އެއް އޮވެ އޮތޯރިޓީ އޮތީމާ ފަންކްޝަންތައް ރަނގަޅަށް ކުރިޔަށް ނުދޭ. މިނިސްޓްރީގެ ދެ އަހަރުތެރޭގައި ހިނގި، ފެނުނު ކަމަށް ބަލާއިރު. ކަންކަން ނުވެގެން ވާހަކަދެއްކީމާ އަންނަ ފްރަސްޓްރޭޝަން މާބޮޑު. ކެބިނެޓުން ނިންމާފައި އޮތް ނިންމެވުމަކީ އެންމެ މުހިންމު ނިންމުން ކަމަށް ދެކެނީ.
ހަމަދު އަބްދުލްޣަނީ /ޑެޕިއުޓީ މިނިސްޓަރ

ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އެގާނޫނުން ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ބޯޑު ހިނގަމުންދާންވާނީ މިނިސްޓަރުގެ ބެލުމުގެ ދަށުންކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

އެހެންކަމަށްވާއިރު މުޅި ގާނޫނު އުވާނުލާ ބޯޑުގައި ތިބި ބަޔަކު ބަދަލުކޮށްގެން އެކަން ނުވާނެތޯ މެމްބަރުން ވަނީ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ. އެކަމަށް ޖަވާބު ދެމުން މިނިސްޓްރީން ފާހަގަކުރަމުން އައީ ދެ ފަރާތުގެ މަސައްކަތުގައި ފުށު އެރުންތަކެއް ހުރުމާއި އޮތޯރިޓީގެ މަސައްކަތްތަކުގައި ލަސްތަކެއް ހުރުމެވެ. އަދި މިނިސްޓަރ އަންގަވާގޮތަށް އޮތޯރިޓީގެ ބޯޑުން މަސައްކަތްތައް ކުރަމުން ނުދިޔުމެވެ. އޮތޯރިޓީގެ ގާނޫނު އުވާލުމަށް މިނިސްޓްރީން ބޭނުންވަނީ ގާނޫނުގައި މައްސަލަތަކެއް އުޅޭތީ ނޫންކަމަށް މިނިސްޓްރީގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަޔާއި އެއްގަމާއި ކަނޑުގެ ދަތުރުފަތުރާ ގުޅޭ އެންމެހާ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް ވަކި ގާނޫނުތަކަކުން ވަކިވަކި ބޯޑުތަކެއް އެކުލަވާލުމަށް ވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
25%
25%
0%
50%
0%
ކޮމެންޓް