Advertisement
ކ. މާލެ
|
8 މެއި 2017 | ހޯމަ 23:10
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމްގެ ޝަރީއަތް
ގާސިމްގެ ޝަރީއަތް: ދިފާއުގައި ޕީޕީއެމްގެ މެނިސްފެސްޓޯއާއި ސިޔާސީ ފަރާތްތަކެއް ދައްކާފައިވާ ވާހަކަތަކެއް!
ޕީޕީއެމްގެ މެނިފެސްޓޯއާއި ސިޔާސީ ފަރާތްތަކެއްގެ ވާހަކަތައް
ވޯޓްތަކަށް ލޮބީކުރުމާއި ތާއީދު ހޯދުމަށް މަސައްކަތް ކުރުން ހުއްދަކުރާ އެމެރިކާގެ ގާނޫނު
އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވުމަކީ ރިޝްވަތު ހުށަހެޅުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އިން ދިފާއުވުމަށް މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ބޭނުންކުރި މެނިފެސްޓޯއާއި ބައެއް ސިޔާސީ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކެއް ހުށަހަޅައިފި އެވެ.

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކޮށްފައިވާއިރު، ހޯމަ ދުވަހުގެ ބޭއްވި އަޑުއެހުމުގައި އޮތީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އަށް ޖަވާބުދާރީވުމާއި ހެކި ހުށަހެޅުމެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހު ގާސިމްގެ ފަރާތުން ފާހަގަކުރި ނުކުތާތަޖަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމެވެ.

ގާސިމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅީ ކުރީ އަޑުއެހުމުގައި ހުށަހެޅީ ވީޑިއޯގެ އެނެލެސިސް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރު ކުރި ފުލުސް މީހާ އެވެ. ދިފާއުގައި ގާސިމްގެ ފަރާތުން ހުށަހެޅީ، އެމެރިކާގެ ގާނޫނެކެވެ. އެ ގާނޫނު ހުށަހެޅި ބޭނުމެއް ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓްތަކަށް ތާއީދު ހޯދުމާއި ލޮބީކުރުމަކީ ހުއްދަކަމެއްކަން ސާބިތުކުރުމަށް ކަމަށެވެ. އިތުރަށް ގާސިމް ފަރާތުން ހުށަހަޅާފައިވަނީ އިންތިޚާބުތަކާ ގުޅިގެން އެކިއެކި ސިޔާސީ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކެވެ. ދެން ހުށަހެޅީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ބޭނުންކޮށްފައިވާ މެނިފެސްޓޯގެ ކޮޕީއަކާއި މަޖިލިސް ރައީސްގެ ވޯޓާ ދިމާކޮށް ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ވީޑީއޯ އެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާ ވެސް ވަނީ ހުށަހަޅާފަ އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާސިމްގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދޭ މެންބަރުންނަށް ހަމައެކަނި ދާއިރާގެ ޓިކެޓް ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ ނޫން ކަމަށާއި، ޓިކެޓްގެ އިތުރުން ހުރިހާ ގޮތަކުން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ހުރިހާ ގޮތަކުން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވުމަކީ ރިޝްވަތު ހުށަހެޅުން ކަމަށް ބެލެވިދާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ރިޝްވަތު ހުށަހަޅަން ޖެހެނީ ކޮންމެހެން ތިމާއަށް ވުރެ ދަށް ފަންތީގެ ބަޔަކަށް ނޫން ކަމަށާއި، ތިމާއާއި އެއް ފަންވަރެއްގެ މަގާމުތަކުގައި ތިބި ބަޔަކަށް ވެސް ރިޝްވަތު ހުށަހެޅިދާނެ ކަމަށެވެ. އަދި އިޚްތިޔާރީ ބާރެއްގެ ގޮތުގައި ވޯޓް ލުން އޮންނައިރު، ވަކި ގޮތަކަށް ވޯޓް ލުމަށް ގާސިމް ހުށަހެޅުއްވިކަން އެ ވާހަކައިން ދޭހަވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ކުށުގެ ނިޔަތް ސާބިތުވާނީ ދައްކާ ވާހަކައިގެ އިބާރާތް ހުންނަ ރާގަކުން ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ވަކީލު ވިދާޅުވީ ގާސިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ގާސިމް ފާޅުކުރެއްވި ޚިޔާލަކާ ގުޅިގެން ނޫން ކަމަށާއި، ޚިޔާލާއި ވާހަކަ ދެއްކުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. އަދި ރިޝްވަތު ހުށަހެޅުމާއި ރިޝްވަތު ހިފުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަދާކުރުމުގައި ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން ގާސިމްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އެހީތެރިވެ ދިނުމަކީ ދީން ވެސް ބާރުއަޅާ ކަމެއްކަން ފާހަގަކުރައްވާ، އެހީތެރިވެދިނުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވަނީ ކޮން ގާނޫނެއްގައިތޯ ސުވާލު ކުރައްވާފަ އެވެ. ގާސިމްއަށް ދައުވާ ކޮށްފައިވަނީ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށް ދައުލަތުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި ނޫރުއްސަލާމް ވިދާޅުވީ ވާހަކައެއް ދެއްކޭނީ ޚިޔާލަށް ގެނެސްގެން ކަމަށެވެ. އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ޚިޔާލު ފާޅުކުރޭނެ ކަމަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ޚިޔާލުފާޅުކުރުން ކުށަކަށްވީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓް ތަކަށް ރާއްޖެއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެސް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އެކަން ފާހަގަކުރައްވާ އޭނާ ވަނީ މަޖިލީހުގައި ނަގާ ވޯޓަކަށް ތާއީދު ހޯދުން ކުށަކަށް ވަނީ ކިހިނެއްތޯ ސުވާލުކުރައްވާފަ އެވެ. އަލްއަޒްހަރު ޔުނިވާސިޓީގެ ޕްރޮފެސަރެއް ލިޔުއްވާފައިވާ ފޮތަކާ ހަވާލާދީ ނޫރުއްސަލާމް ވިދާޅުވީ ރިޝްވަތު ދެންޏާ ދޭނެ ކަމަށާއި ދޭން އުޅުމަކީ ކުށެއް ކަމުގައި ކަނޑަނޭޅޭނެ ކަމަށެވެ. އެކަމުގެ މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ ރޯދަ މަހު ރޯދައަށް ހުންނަ މީހަކު ރޯދަ ދޫކޮށްލާނެ ކަމަށް ބުނެ ރޯދަ ދޫކޮށްލަން އުޅުން ކުށެއްގެ ގޮތުގައި ކަނޑައެޅިފައިނުވާ ކަމަށާއި އެކަން ކުށަކަށް ވަނީ ރޯދަ ދޫކޮށްލުމުން ކަމަށެވެ.

ގާސިމްގެ ގާނޫނީ ވަކީލު ވިދާޅުވީ ހިސާން ހުސެއިން ދައުލަތުގެ މުވައްޒަފަކަށް ހުށަހެޅި މަންފާއަކީ ކޮބާ ކަމާއި ހުށަހެޅި ގޮތް ދައުލަތަށް ބަޔާން ކޮށްދެވިފައިނުވާ ކަމަށެވެ. ހިސާން ވިދާޅުވީ ހުށަހެޅި ހުށަހެޅުން ރިޝްވަތަށް ވީގޮތެއް ބުނެ ނުދެވޭ ކަމަށާއި އެކަންތައްތައް ބުނެ ނުދީ ދައުލަތުން ރިޝްވަތު ހުށަހެޅި ކަމަށް ދައުވާކުރުން ނޫން ކަމެއް ނުކުރާ ކަމަށެވެ.

ޝަރީއަތް ބައްލަވާ ފަނޑިޔާރުންގެ ބެންވުން ވަނީ ގާސިމްގެ ވަކީލުން ފާހަގަކުރެއްވި ނުކުތާތަކަށް ޖަވާބުދާރީވުމަށް ދައުލަތަށް އިތުރު ފުރުސަތެއް ދެއްވައި އަޑުއެހުން ނިންމަވާ ލައްވަވާފަ އެވެ. ނަމަވެސް، ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް އިއުލާނެއް ނުކުރައްވަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 މެއި 2017 | ހޯމަ 23:14
އަލީ އިހުސާން
2013 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލާފައި ރައީސް ޔާމިނު ބުނި، އަލަތު ކައިވެންޔަކަށް ފުލެޓެއް، މަސްވެރިޔަކަށް 10000ރ، ދަނޑުވެރިޔަކަށް 8000ރ، ޒުވާނުންނަށް 95000 ވަޒީފާ، ފުލުހުންގެ މުސާރަ ބޮޑުކުރަން، މިހެންގޮސް ނޫފޫޒު ފޯރުވައިގެން ވޯޓްހޯދާ މީހުންގެ ތާއީދު ހޯދަން އެތައް ވާހަކަތަކެއްދެއްކި، އެކަންކަން ފުރަތަމަ ތަހުގީގު ކުރަންވީނުންތޯ. ގާސިމްއަށް ވުރެ ރިސްވަތުގެ ވާހަކަ މާފާޅުކަން ބޮޑުކޮށް ޔާމީންދެއްކީ. އެހެންވީމަ އަހަރެމެން ބުނަނީ އިންސާފެއް މިގައުމަކުނެތޭ. ﷲ އިރާދަ ކުރެއްވިއްޔާ މި އަނިޔާވެރި ވެރުކަން ވަރަށް އަވަހަށް ނިމޭނެއެވެ. ﷲ އަކްބަރު، ﷲ އަކްބަރު.