ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫންކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާރޕާޝަން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ވުމަކީ މިނިވަންކަމާއެކު ކެމްޕެއިން ކުރުމާއި ބިރުދެއްކުމާއި ހަމަހަމަކަން ނެތް އިންތިހާބަކުން ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.
ޕީޕީއެމުން އާދިއްތަ ދުވަހުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވެފައިވަނީ އިންތިހާބު ބޭއްވުމަށް ނިންމުމާއެކުހެން އިދިކޮޅު އެމްޑީޕީން އިކްޝަން ކޮމިޝަނަށް ފާޑުކިޔާ، ބާއްވަން އުޅޭ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫކަމަށް ތަކުރާރުކޮށް ބުނަމުން އައިސް އިންތިހާބުގެ ނަތީޖާއިން އެމްޑީޕީއަށް ކާމިޔާބު ލިބޭތަން ފެނުމުން މިހާރު އެ ވާހާކަ ނުދައްކާ ކަމަށެވެ. އެއީ މިހާރު އިލެކްޝަންސް ކޮމިޝަން ރަނގަޅުވެ، މިނިވަން އިންސާފުވެރި އިންތިހާބެއްކަމަށް ގަބޫލުކުރުންތޯއޭ ވިދާޅުވެ ނިހާނުވަނީ ސުވާލު އުފައްދަވާފަ އެވެ.
ނިހާނުގެ އެވާހަކަތަކާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިނިވަން އިންސާފުވެރި ނޫންކަމަށް އަބަދުވެސް ބުނަމުން އަންނަ ކަމަށާއި އެކަން މިއަދުވެސް އޮތީ އެގޮތަށް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން އެމްޑީޕީއަށާއި އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ވުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިފައިވާ ކަމަށް ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި މިނިވަން އިންސާފުވެރި ނޫންކަމަށް ބުނަމުން މިދަނީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން ކުރަމުންދިޔަ ގޮތާއި ކެމްޕެއިން ކުރުމަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކުން ކުރިމަތި ކުރިވި ހުރަސްތަކާއި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމަށް ކެމްޕެއިން ކުރުމަށް އެ މީހުންބޭނުންވާ ވަރަށް ފަހި ފުރުސަތުތައް ދެވިފައި، އިދިކޮޅު ސިޔާސީ ޕާޓީތަކަށް އެ ފުރުސަތު ނުދިނުމަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ނުބޭއްވޭނެ ކަމުގެ ހެކިތައް ކަމަށެވެ.
އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލުމަށްފަހު، އަދި ބިރު ދެއްކުމާއި ވަޒީފާގެ ނުފޫޒު ފޯރުވައިގެން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ވަރަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.
ސިދާތާ ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ހަމައެކަނި ކައުންސިލަރުން އައްޔަން ކުރުމަށް ބޭއްވި އިންތިހާބެއް ނޫންކަމަށެވެ. އެގޮތުން މި އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ގިނަ ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލުބަދަލުކޮށްލުމުން އެނގުނީ މިއީ މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނުމަށް ރައްޔިތުންނަށް ލިބިގެންދިޔަ ފުރުސަތެއްގެ ގޮތުގަ ކަމަށެވެ.