ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ކުރާ ދައުވާތަކުގައި އިތުރު އަޑުއެހުމެއް ހޯމަދުވަހަށް ތާވަލް ކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙުމަދު ސަމީރު ވިދާޅުވީ، ދައުލަތުން ޤާސިމްގެ މައްޗަށް ކުރާ 3 ދައުވާ އާއި ގުޅިގެން ފަށާފައިވާ ޝަރީޢަތުގެ އިތުރު އަޑުއެހުމެއް، ހޯމަ ދުވަހުގެ މެންދުރު 14:00 އަށް ތާވަލްކޮށް، އެކަން އަންގާފައިވާ ކަމަށެވެ.
މާމިގިލި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޤާސިމަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ.
ގާސިމްގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާއާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ގާނޫނުލް އުގޫބާތު 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން އުޅުނު މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ދައުވާއެވެ.
މި ދައުވާތަކައި ގުޅިގެން ދައުލަތުން ޤާސިމް އާއި ދެކޮޅަށް މިހާތަނަށް ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ މ. ކުނޫޒުގައި ޤާސިމް ދެއްކެވި ވާހަކަފުޅުތަކެއްގެ ތެރެއިން ވަކިން ނަގާފައިވާ ކުރު ވީޑިއޯ ކްލިޕެކެވެ.
ޤާސިމްގެ މައްޗަށް 3 ދައުވާއެއްކޮށް، ޝަރީއަތް ކުރިއަށްގެންދާއިރު ޤާސިމް މިހާރު ހުންނެވީ އެހެން ތުޙުމަތުތަކެއްގައި ފުލުހުންގެ ހައްޔަރުގައެވެ.