ބްރެޒިލްއިން މިހާރު ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓުން މާބަނޑު މީހުންނަށް ކުރާ އަސަރު ކުރީގެ ވޭރިއަންޓް ތަކަށްވުރެ ބޮޑުވުމުން އެގައުމުގެ އަންހެނުން މާބަނޑުވުން ލަސްކޮށްލުމަށް ހެލްތު މިނިސްޓްރީން އެދެފިއެވެ.
ބްރެޒިލްއަކީ މިވަގުތު މުޅި ދުނިޔޭގައިވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެގައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އެހެން އެއްވެސް ގައުމަކާ ނުބައްދަލެވެ. ބަލި މީހުންނައިގެން ހޮސްޕިޓަލްތައް ފުރި ބަންޑުން ވަމުންދާއިރު އެމަރޖެންސީކޮށް ބޭނުންކުރާނެ ސިއްހީ ސާމާނަށް އެގައުމު ވަނީ ޖެހިފައެވެ. އެއާއެކު ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމަށްވެސް ބްރެޒިލްއިން ވަނީ އެދިފައެވެ.
ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލެއް ކަމުގައިވާ ރަފެލް ވިދާޅުވީ ހާލަތު މިހާރަށްވުރެ ރަނގަޅުވަންދެން މާބަނޑުވުން ލަސްކޮށްލުމަށް އެދޭކަމަށެވެ.
މިގޮތަށް ލަފާދޭންޖެހެނީ ބްރެޒިލްގެ ސިއްހީ ނިޒާމު މިވަގުތު ބާރުބޮޑުވެފައިވާ މިންވަރުންކަމަށް ރަފެލް ވިދާޅުވިއެވެ. މީގެއިތުރުން އެންމެ ފަސޭހައިން ފެތުރޭ ކޮވިޑްގެ ވޭރިއަންޓްކަމުގައިވާ ބްރެޒިލްގެ ޕީވަން ވޭރިއަންޓަކީވެސް އެގޮތަށް އިރުޝާދުދޭ ސަބަބެއްކަމަށް ރަފެލް ވިދާޅުވިއެވެ.
އަދި މިހާރު އެނގިފައިވާ ގޮތުގައި މާބަނޑު މީހުންނަށް މިވޭރިއަންޓުން ކުރާ އަސަރު ވަރަށް ބޮޑުކަމަށް ރަފެލް ވިދާޅުވިއެވެ.
ކުރީގައި ހާލަތު ގޯސްވަމުން އައީ ވިހަން ކައިރިވެފައި ތިބި މީހުންގެ ކަމަށާއި ނަމަވެސް މިހާރު ގިނަ އަދަދަކަށް ހާލަތު ގޯސްވެގެން ފުރަތަމަ އަދި ދެވަނަ ޓްރައިމެސްޓަރ ގައި ތިބި އަންހެނުން ރިޕޯޓްކުރަމުން އަންނަ ކަމަށް ރަފެލް ވިދާޅުވިއެވެ.
އެމާޒޮން ސިޓީން ފެނިފައިވާ ޕީވަން ވޭރިއަންޓަކީ ބްރެޒިލްގައި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ވޭރިއަންޓެވެ. ބްރެޒިލްއަށް ކޮވިޑްގެ ދެ ވަނަ ރާޅެއް އައިސް މަރުވާ މީހުންގެ އަދަދު ކޮންޓްރޯލު ނުކުރެވޭ ހިސާބަށް ގޮސްފައިވަނީ މިވޭރިއަންޓްގެ ސަބަބުންކަމަށް ވަނީ ބެލެވިފައެވެ.
އަނެއްކޮޅުން ގިނަ އަދަދަކަށް ޒުވާން އުމުރުފުރައިގެ މީހުންނަށް އަންނަނީ ކޮވިޑް ޖެހެމުންނެވެ. އެގޮތުން މާޗް މަހު ކޮވިޑް ޖެހިގެން އައިސީޔޫތަކުގައި ފަރުވާ ދިން މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ އުމުރުން 40 އަހަރާއި އެއަށްވުރެ ދަށު އުމުރުފުރައިގެ މީހުންކަމަށް އެގައުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ބްރެޒިލްގައި ހާލަތު ގޯސްވަމުން ދިޔަނަމަވެސް އެގައުމުގެ ރައީސް ޖައިރް ބޮލްސޮނާރޯ ގެންދަވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ލޮކްޑައުންކުރުމާއި ދެކޮޅު ހައްދަވަމުންނެވެ. އަދި ބޮޑެތި އެއްވުންތައް ބާއްވަމުން އަންނައިރު މާސްކު އަޅުއްވަނީވެސް މަދުންނެވެ. މިފަހުން ބްރެޒިލްގައި ވެކްސިން ދޭން ފަށާފައިވީނަމަވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ކަންކަން އެދެވޭގޮތެއްގައި ކުރިޔަކަށް ނުދެއެއެވެ.
މިހަފްތާގައި ބްރެޒިލްގެ ގިނަ ސިޓީތަކަކަށް ވެކްސިން ލިބިފައިނުވާތީ ވެކްސިން ދިނުން ވަނީ މެދުކަނޑާލާފައެވެ.