Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 17:26
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން
އަޒުމޫން އަހުމަދު
ލޯކަލް ކައުންސިލް
ގދ. ތިނަދޫ އެމްއާރުޑީސީ މުވައްޒަފުންނަށް ވޯޓް ކަރުދާހުގައި ވަކި ކޯޑެއް ޖަހަން އަންގާފައެއް ނުވާނެ: ނިމާލް
ވަކި ގޮތަކަށް ވޯޓުލާތޯ ބެލުމަކީ އެމްއާރުޑީސީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން
ވޯޓު ކަރުދާސް ކޮޅުގައި މާކު ޖަހާކަމުގެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ލިބިފައިވޭ
މި އިންތިޚާބަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ 255987 މީހުން އެބަތިބި

ގދ. ތިނަދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކަށް ވޯޓުލާ އެމްއާރުޑީސީގެ މުވައްޒަފުންނަށް ވޯޓު ކަރުދާސްކޮޅުގައި ވަކި ކޯޑެއް ޖަހަން އަންގާފައި ނުވާނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ބަހައްޓާފައި ހުރި ފޮއްޓަކަށް ވޯޓުލުމަށް ގޮސްތިބި އެމްއާރުޑީސީގެ މުވައްޒަފުންނަށް ވަކި ކޯޑެއް ޖެހުމަށް އަންގާފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އޮބްޒާވަރަކު ރާއްޖެއެމްވީ އަށް މައުލޫމާތު ހިއްސާކޮށްފައިވާ އިރު، އެކަމާ ގުޅިގެން ނިމާލްއާ ގުޅާލުމުން ވިދާޅުވީ މުވައްޒަފުން ވަކި ގޮތަކަށް ވޯޓުލާތޯ ނުވަތަ ނޫންތޯ ބެލުމަކީ އެ ކުންފުނީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

"މިއަދަކީ ހުރިހާ ރައްޔިތުން ނުކުމެ ވޯޓުލާ ދުވަސް، އަޅުގަނޑުވެސް މިދަނީ ވޯޓުލާން، އެކަމާ މިއަދު އެންމެން މިއުޅެނީ، ދެން ތިޔަ ވިދާޅުވާ ވާހަކައެއް އަދި ތި މައުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނުވޭ، މި އޮފީހުގެ މެންޑޭޓުގަ ހިމެނޭ ކަމެއް ނޫން ވަކި މުވައްޒަފަކު ވޯތުލަނީ ކޮންގޮތަކަށްތޯ ބެލުމެއް." ކުރިން ފެނަކައިގެ އެމްޑީގެ މަގާމުވެސް އަދާކުރެއްވި މުހައްމަދު ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ ވޯޓުލުމުގެ ކަންތައްތައް މުޅި ރާއްޖޭގައި ކުރިއަށްދާއިރު، އެބޭފުޅާ ހުންނެވީ ތިނަދޫގައި ނޫން ކަމަށާއި އަދި އެތަނުގައި ވޯޓުލުން ކުރިއަށްދަނީ ކިހިނެއްކަން ބުނެދޭން ނޭނގޭ ކަމަށެވެ. އަދި ނިމާލް ވަނީ އެކަން ތެދު ކުރުމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ހިއްސާކުރި އޮބްޒާވަރުގެ ކިބައިން އެހުމަށް އެދިފައެވެ.

ވޯޓު ކަރުދާސް ކޮޅުގައި މާކު ޖަހާކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާއިރު، މިހާރުވެސް ބައެއް ސަރަހައްދުތަކުގައި ސިއްރުން ނަމަވެސް ކެމްޕެއިން ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ވޯޓު ފޮށިތައް ހިމެނޭ ބައެއް ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކެނޑިޑޭޓުންގެ މަންދޫބުންދަނީ އެ ސަރަހައްދުތަކަށް ވޯޓުލުމަށް އަންނަ ފަރާތްތަކަށް ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ވޯޓު ދިނުމަށް އެދެމުންނެވެ.

މިކަމާ ރާއްޖެޓީވީގެ ނޫސްވެރިއަކަށް ވެސް ވަނީ ކުރިމަތިލާންޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް