Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 12:12
ގއ، ކޮލަމާފުށި ވޯޓުލާ މަރުކަޒުގައި ވޯޓުލުމަށް ތައްޔާރުވަނީ
ގއ، ކޮލަމާފުށި ވޯޓުލާ މަރުކަޒުގައި ވޯޓުލުމަށް ތައްޔާރުވަނީ
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް 2017
ވޯޓުލާ މަރުކަޒުތައް ކައިރީ ކިއު ހަދަން ފަށައި
ގިނަ ސަރަހައްދުތަކެއްގައި މިހާރުވެސް ދަނީ ކިއު ހަދަމުން
ބައެއް ސަރަހައްދުތަކަށް މިހާރު ދަނީ ވޯޓު ފޮށިތައް ގެންނަމުން
ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ޖުމުލަ މީހުންގެ އަދަދަކީ 255،987

ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބު ފެށުމަށް ވަގުތު ކުޑަތަންވެފައިވާ އިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ހިމެނޭ ސަރަހައްދުގައި ވޯޓުލުމަށް ކިއު ހަދަން ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަދުގެ އެއްވަގުތެއްގައި ވޯޓުލުން ފަށާއިރު، މައިގަނޑު ގޮތެއްގައި މިފަހަރުގެ އިންތިހާބުގައި ވާދަކޮށްފައި ވަނީ ސަރުކާރު އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. މީގެ އިތުރުން ވެސް އަމިއްލަ ގޮތުންނާއި އަދި ބައެއް ޕާޓީތަކުން އެކި ފަރާތްތައް މި އިންތިހާބުގައި ވާދަކުރެއެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް މިހާރު ވެސް ބައެއް ސަރަހައްދުތަކުގައި ކިއު ހަދާފައިވާ އިރު، ގއ. ކޮލަމާފުށީ ވޯޓުލާ މަރުކަޒަށް ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ވަނީ ވޯޓު ފޮށި ގެނެސްފައެވެ. މީގެ އިތުރުން އެރަށު ވޯޓުލާ މަރުކަޒު ކައިރިއަށް ހެނދުނު 6:15 އިން ފެށިގެން މީހުން ވަނީ ކިއުއަށް އަރަން ފަށާފައެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި 422 ވޯޓް ފޮށި ބަހައްޓާފައިވާއިރު، ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ޖުމުލަ މީހުންގެ އަދަދަކީ 255،987 އެވެ.

ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބު މި ބާއްވަނީ، ތިން ވަނަ ފަހަރަށް ފަސްކުރުމަށް ފަހު އެވެ. ފުރަތަމަ މި އިންތިހާބު ބާއްވަން ތާވަލްކުރީ ޖެނުއަރީ، 14، 2016 ވަނަ ދުވަހު އެވެ.

ނަމަވެސް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރި އެވެ. އެއަށް ފަހު ދެން އިންތިހާބު ބާއްވަން އުޅުނީ އޭޕްރީލް 8 ގަ އެވެ. އޭގެ ފަހުން ސްކޫލްތައް ނުލިބޭ ކަމަށް ބުނެ އިންތިހާބު އޭޕްރީލް 15 އަށް ފާސްކުރި އެވެ. އަދި މެއި 6 އަށް އިންތިހާބު ފަސްކުރީ އެޗްވަންއެންވަން ރޯގާ އާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް