ކޮވިޑްގެ ހާލަތު މިހާރުވެސް ގޯސްވެފައިވާ ބްރެޒިލް އިން ކޮވިޑްގެ އެންމެ ބާރުމިނުގައި ފެތުރޭ އެއް ވޭރިއަންޓްކަމަށް މިހާތަނަށް ދެނެގަނެވިފައިވާ ދެކުނު އެފްރިކާ ވޭރިއަންޓްގެ ފުރަތަމަ ކޭސް ފެނިފައިވާކަން އެގައުމުން ބުނެފިއެވެ.
މިއާއެކު މިހާރުވެސް ދުނިޔޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ބަޔަކު މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ބްރެޒިލްގެ ހާލަތު މިހާރަށްވުރެ ގޯސްވާނެކަމަށް ވަނީ ބެލެވިފައެވެ.
އަނެއްކޮޅުން ބުދަ ދުވަހު ސައިންސްވެރިން ވަނީ ބްރެޒިލްގައި އެހެން ވޭރިއަންޓެއް އުޅޭކަމުގެ އިޝާރާތެއްވެސް ދީފައެވެ. އެގޮތުން އެގައުމުގެ ސިޓީއެއްކަމުގައިވާ ބޭލޯ ހޮރިޒޮންޓޭއިން ވައިރަސްގެ އައު މިޔުޓޭޝަނެއް ފެނިފައިވާކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
ފެޑެރަލް ޔުނިވަރސިޓީ އޮފް މިނަސް ގެރިއަސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެސިޓީން ނަގާފައިވާ ދެ ސާމްޕަލަކުން ކުރިން ފެނިފައިވާ ވައިރަސްގެ 18 ވައްތަރުގެ މިޔުޓޭޝަނާއި ތަފާތު މިޔުޓޭޝަނެއް ފެނިފައިވާކަމަށެވެ. މީގެތެރޭގައި ދެކުނު އެފްރިކާ ވޭރިއަންޓްގެ މިޔުޓޭޝަނަކާއި ބްރެޒިލްއިން ފެނިފައިވާ ވޭރިއަންޓްގެ މިޔުޓޭޝަނެއްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.
އަލަށް މިފެނުނު ވޭރިއަންޓާއެކު މިހާރަށްވުރެ ބޮޑަށް ބްރެޒިލްގެ ހާލަތު ގޯސްވަމުން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާއިރު އެގައުމުގައި އަންގާރަ ދުވަހު ވަނީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން އެއް ދުވަހާ އެންމެ ގިނައިން މަރުވެގެން ރިޕޯޓްކޮށްފައެވެ. އެއީ 4195 މީހުންނެވެ. ބުދަ ދުވަހު މަރުވެފައިވަނީ 3829 މީހުންނެވެ.
ބްރެޒިލްގެ އެންމެ ބޮޑު ސިޓީކަމުގައިވާ ސައުޕައުލޯ އިން ބުދަ ދުވަހު ބުނެފައިވަނީ އެސިޓީން ދުވާލަކު 600 ތަން މީހުން ވަޅުލުމަށް ދެން ކޮންނަމުންދާނެކަމަށެވެ. މާރޗް މަހުގެ 30ގެ ފަހުން ދުވާލެއްގެ މައްޗަށް 426 މީހުން އަންނަނީ ވަޅުލަމުންނެވެ.
ބްރެޒިލްގައި މިހާރު ކޮވިޑްގެ ހާލަތު ހުރި ގޮތުން ދުނިޔޭގައި ކޮވިޑްގެ ރިކޯޑް އަދަދަކަށް މީހުން މަރުވެގެންނާއި ބަލިޖެހިގެން ރިޕޯޓްކުރަމުން އަންނަ އެމެރިކާގެ އަދަދުތައް ފަހަނައަަޅައި ބްރެޒިލް ހިނގައިދާނެކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ސައުޕައުލޯއިން އަންހެނަކަށް ދެކުނު އެފްރިކާގެ ވޭރިއަންޓް ޖެހިފައިވާކަމަށް ބްރެޒިލްގެ އިދާރާތަކުން ބުނާއިރު މި ވޭރިއަންޓްގެ އިތުރު ކޭސްތައް އެގައުމުގައި މިހާރު ފެތުރިފައި ހުރެދާނެކަމަށް ވަނީ ބެލެވިފައެވެ.
އަނެއްކޮޅުން ކޮވިޑްގެ އަސްލު ވައިރަސްއަށް ވުރެ ބްރެޒިލްގެ ވޭރިއަންޓާއި ދެކުނު އެފްރިކާގެ ވޭރިއަންޓް ފެތުރޭ މިންވަރު ހަލުވިވެފައިވާއިރު އެކަމުގެ ކަންބޮޑުވުންތައް ސައިންސްވެރިން ވަނީ ފާޅުކޮށްފައެވެ. މިއާއެކު ކޭސްތައް ދެގުނަ ވެގެން ހިނގައިދާނެކަމަށް ސައިންސްވެރިން ބުނެއެވެ.
އަނެއްކޮޅުން މިހާރު އުފައްދާފައި ހުރި ވެކްސިންތަކަށް ދެކުނު އެފްރިކާގެ ވޭރިއަންޓް އެހެން ވޭރިއަންޓްތަކާ ޚިލާފަށް މަސައްކަތްކުރާ މިންވަރުވެސް ދަށެވެ.
އެހެންކަމުން ބްރެޒިލްގައި މިހާރު ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމަށްވެސް މިކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ.
ބްރެޒިލްގައި ޖަހަމުން އަންނަނީ އެސްޓްރަޒެނިކާ ވެކްސިނާއި ޗައިނާގެ ސިނޯވެކް ވެކްސިނެވެ. މި ދެވެކްސިންވެސް ބްރެޒިލްގެ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ރަނގަޅުކަމަށް މިހާތަނަށް ކުރިޔަށް ގެންދިޔަ ދިރާސާތަކުން ވަނީ އެނގިފައެވެ.