ކ. މާލެ
|
7 އޭޕްރިލް 2021 | ބުދަ 18:57
ޗައިނާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރެއްވުން
ޗައިނާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރެއްވުން
ރައީސް އޮފީސް
ޗައިނާ ސަފީރުގެ ވަދާއީ ޒިޔާރަތް
ޗައިނާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
 
ކޮވިޑްގެ ޙާލަތާ ގުޅިގެން ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެއްވި އެހީތެރިކަން ރައީސް ފާހަގަކުރެއްވި
 
ޗައިނާއާ ދެމެދު އޮތް ޚާރިޖީގުޅުމާއި ދެޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައިވޭ

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒަންގް ލީ ޒޮންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ޗައިނާގެ ސަފީރުވަނީ ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުމާއި ދެޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާފައިވާ އަދި، ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަށްޓަކައި ޗައިނާ ސަފީރަށާއި، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާއްސަގޮތެއްގައި ކޮވިޑްގެ ޙާލަތާއިގުޅިގެން ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެއްވި އެހީތެރިކަމާއި ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން "ސިނޮފާރމް" ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ދެއްކެވި ވާހަކައިގައި ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީގެ ދާއިރާއާއި، ސިއްހީދާއިރާ އަދި އެހެންދާއިރާތަކުގެ ތަރައްގީއަށް ދެ ގައުމުން ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ސަފީރަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ. އަދި، މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ކުރިމަގުގައި އިތުރު ދާއިރާތަކުން ބަދަހިވެ ކުރިޔަށް ދިއުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
50%
0%
0%
50%
ކޮމެންޓް