ކޮރެކްޝަނަލް ސަރވިސްގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ވިދާޅުވެއްޖެއެވެ.
ޑިސީޕީ ޒިލާލް މިހެން ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންގެންދާ އަންހެން ގައިދީންނަށް ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް 1 އިފްތިތާހުކުރުމަށް ރޭ މާފުށީ ޖަލުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒިލާލް ވިދާޅުވީ މި ކުށްވެރިން މުޖުތަމައުއަށް ކުރުމަށް ކުރާ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވޭނީ ހުރިހާ އޮފިސަރުންގެ އެހީތެރިކަމާއެކު ކަމަށެވެ. އެގޮތުން މިހާރުވެސް އެކިފާޑުގެ ވިސްނުން ހުރި މީހުންނާ ކުރިމަތިލާ އެމީހުންގެ ވިސްނުމާއި ފިކުރު ބަދަލުކުރުމަށް ހުރިހާ އޮފިސަރުން ކުރާ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ.
ޒިލާލްގެ ވާހަކަފުޅުގައި ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސްތައް ފުރިހަމަކުރާ ގައިދީންނަށް މުޖުތަމައަށް ދިޔުމުގެ ފުރުސަތު ޕެރޯލް ޕްރޮގްރާމް މެދުވެރިކޮށް ލިބިގެން ދާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ގައިދީންވެސް މި ޕްރޮގްރާމް ފުރިހަމަކުރުމަކީ މުހިންމު ކަމެއްކަމަށާއި އޮފިސަރުން އިތުރަށް މި މަސައްކަތުގައި ކުރިމަތިލާ ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް މަސައްކަތް ކޮށްދެއްވުމަށް އޭނާ ވަނީ އެދިފަ އެވެ.