ސަރަހައްދީ ކުރިއެރުމަށާއި އަވައްޓެރި ގައުމުތަކުގެ ތަރައްގީއަށް ރާއްޖޭގެ ފަރާތުން ދޭންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އިންޑިއަން ސްޕޭސް ރިސާރޗް އޮގަނައިޒޭޝަން (އައިއެސްއާރުއޯ)އިން މިސަރަހައްދަށް އަމާޒުކޮށް އުފައްދާފައިވާ ޖީސެޓް-9 ކޮމިއުނިކޭޝަންސް ސެޓެލައިޓް އިފްތިތާހުކޮށްދެއްވުމަށް ލައިވް ވީޑިއޯ ކޮންދަރެންސް މެދުވެރިކޮށް، ސާކުގެ ހަތް ގައުމުގެ ވެރިން ހުކުރު ދުވަހު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހުކުރު ދުވަހުގެ ހަވީރު ބޭއްވި ލައިވް ކޮންފަރެންސްގައި ރައީސް ޔާމީންގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ އާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ އާއި، ބޫޓާނުގެ ބޮޑުވަޒީރު ޝެރިންގ ޓޮބްގޭއާއި، ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލް އާއި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަ ބައިވެރިވެވަޑައިގެންނެވި އެވެ.
މިލައިވް ކޮންފަރެންސްގައި، އިންޑިއާގެ ފަރާތުން މި ސަރަހައްދުގެ ގައުމުތަކަށް ތައާރަފްކުރެވުނު އަގުހުރި ހަދިޔާއަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސް ޔާމީން ޝުކުރު އަދާކުރައްވަމުން، އިންޑިއާ ގެންގުޅުއްވާ "ނެއިބަރހުޑް ފަސްޓް ޕޮލިސީ"އަށް ތައުރީފް ކުރެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އިފްތިތާހު ކުރެވުނު ސެޓެލައިޓްގެ ސަބަބުން މިސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޓެލެކޮމިއުނިކޭޝަން، ޓެލެމެޑިސިން، ޓެލެއެޑިއުކޭޝަން ފަދަދާއިރާތަކަށް އިތުރު ކުރިއެރުންލިބި، ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގައި އަދި ކާރިސާއެއް ދިމާވެއްޖެނަމަ އެކަމާކުރިމަތިލުމުގައި މިސެޓްލައިޓުން ގިނަގުނަ ފައިދާ ކުރާނެކަމަށް ގަބޫލު ކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އުއްމީދަކީ ދޭދޭ ގައުމުތަކުގެ ދެމެދުގައިވާ ތަފާތުކުރުންތައް އެއްފަރާތްތަކޮށް، އެއް ޖަމާއަތެއްގެގޮތުގައި، މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ އުއްމީދުތައް ހާސިލްކުމަށް މަސައްކަތް ކުރުންކަމުގައި ވިދާޅުވިއެވެ.
"ސައުތު އޭޝިއާ ސެޓެލައިޓް"ގެ ނަމުން ނަން ދެވިފައިވާ ޖީސެޓް-9 ސެޓެލައިޓަކީ އިންޑިއާގެ ސަރަހައްދުގެ ގައުމުތަކުގެ ޓެލެކޮމިއުނިކޭޝަންސް އަދި ބްރޮޑްކާސްޓިންގގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.