Advertisement
ކ. މާލެ
|
5 މެއި 2017 | ހުކުރު 23:26
އިންތިޚާބެއްގައި މީހަކު ވޯޓް އަޅަނީ
އިންތިޚާބެއްގައި މީހަކު ވޯޓް އަޅަނީ
ކައުންސިލް އިންތިިޚާބު
ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމާލައިފި
ތިން ވަނަ ލޯކަލް ކައުންސިލް އިންތިޚާބު
664 ގޮނޑިއަށް 1439 ކެނޑިޑޭޓުން
ވޯޓް ލުމުގެ ހައްގު ލިބިގެންވަނީ 255،987 މީހުންނަށް

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންތައް ނިންމާލައިފި އެވެ.

އިންތިޚާބާ ބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގައި ބުނާ ގޮތުން ވޯޓްލާ ދުވަހުގެ ކުރީ ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާއެކު ކެމްޕެއިން ހަރަކާތްތައް ހުއްޓާލަން ޖެހެ އެވެ. ގާނޫނުގައިވާ ގޮތުން އެ ވަގުތުގައި ކެމްޕެއިން ކުރުމަކީ މަނާ ކަމެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ އިންތިޚާބު ބާއްވާއިރު، މި އިންތިޚާބު ބާއްވާ ތާރީޚު ތިން ފަހަރެއްގެ މަތިން ވަނީ ފަސްކޮށްފަ އެވެ. ގާނޫނުގައި ބުނާ ގޮތުން އިންތިޚާބު ބާއްވަން ޖެހެނީ ޖެނުއަރީ 14 ވަނަ ދުވަހު އެވެ. ނަމަވެސް ޕީޕީއެމްގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިޚާބު ދެ މަސް ދުވަސް ފަހުން ބޭއްވުމަށް ކޯޓުން ހުކުމް ކުރުމުންނެވެ. އޭގެ ފަހުން އިންތިޚާބު ބާއްވަން ނިންމީ އޭޕްރީލް 8 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭޕްރީލް 15 ވަނަ ދުވަހު އިންތިޚާބު ބާއްވަން އިއުލާނުކޮށްފައިވަނިކޮށް، އެޗްވަންއެންވަން ރޯގާ ފެތުރެން ފެށުމާއެކު މެއި މަހުގެ 6 ވަނަ ދުވަހަށް އިންތިޚާބު ފަސްކުރި އެވެ.

އެތައް ފަހަރެއްގެ މަތިން އިންތިޚާބު ފަސްވެފައިވުމުން، އެހެން އަހަރުތަކާ އަޅާބަލާއިރު، މި ފަހަރުގެ އިންތިޚާބުގެ ފޯރި ވަނީ ކުޑަވެފަ އެވެ. ވެރިރަށް މާލޭގައި ހުކުރު ދުވަހުގެ ހަވީރު ކެމްޕެއިން ހަރަކާތްތައް ނިންމާލި އިރު މާބޮޑު ފޯރިއެއް ފެނިގެން ގޮސްފައިނުވެ އެވެ. ނަމަވެސް ބައެއް ރަށްރަށުގައި ފޯރިއާއެކު ކެމްޕެއިން ކުރިއަށް ގެންގޮސްފައިވެ އެވެ.

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ ޖުމްލަ 1439 ކެނޑިޑޭޓުންނެވެ. 2014 ވަނަ އަހަރު ބޭއްވި އިންތިޚާބާ އަޅާބަލާއިރު، ކެނޑިޑޭޓުންގެ އަދަދު މަދުވެފައިވަނީ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން އިންތިޚާބު ކުރާ ކެނޑިޑޭޓުންގެ އަދަދު މަދުވެފައިވާތީ އެވެ. މިފަހަރުގެ އިންތިޚާބު ކުރާނީ 664 ކެނޑިޑޭޓުންނެވެ. 

މިއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން ބާއްވާ ތިން ވަނަ ލޯކަލް ކައުންސިލް އިންތިޚާބެވެ. އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 255،987 މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. މި ފަހަރުގެ އިންތިޚާބަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 422 ވޯޓް ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ.

މި ފަހަރުގެ އިންތިޚާބަށް ޗާޕްކޮށްފައިވަނީ ޖުމްލަ 431،939 ވޯޓް ކަރުދާސް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް