Advertisement
ކ. މާލެ
|
5 މެއި 2017 | ހުކުރު 21:02
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބު
ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް
އަނިޔާވެރިކަމާއި ނާއިންސާފާ ދެކޮޅުކަން ހާމަކުރަންޖެހޭނެ

ކޮރަޕްޝާނާއި ނާއިންސާފާ ދެކޮޅުކަން ހާމަކުރުމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ވާޖިބެއް ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް، ޖަލަށް ހުކުމްކޮށްފައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

 

ލޯކަލް ކައުންސިލް އިންތިހާބު މާދަމާ މުޅި ރާއްޖޭގައި ބާއްވާއިރު، ނާޒިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިދިކޮޅު އިއްތިހާދާއި އަދި ސަރުކާރަށް ތާއިދުނުކުރާ މެމްބަރުންނަށް ވޯޓް ދެއްވުމަށެވެ.

 

"ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިލްތިމާސް އަކީ މިއަދު ހާލަތުން ދިވެހިރާއްޖޭގައި ހައްގަށް މަސައްކަތް ކުރާ އެއްވެސް ބަޔަކަށް ކާމިޔާބެއް، ދައުލަތުން އަދި ހައްގުތައް ހޯދައިދޭން މަތިކުރުވާފައިވާ އެއްވެސް މުއައްސަސާއަކުން އަދި އިންސާފު ހޯދައިދޭން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ބާރުތަކުން ވެސް ނުކުޅެދިފައިވާ ހިނދު ދިވެހި ހުރިހާ ރައްޔިތުން އަނިޔާވެރިކަމާއި ނާއިންސާފަށް ނޫނެކޭ ބުނުމަށް، އިދިކޮޅު އިއްތިހާދާއި އަދި ސަރުކާރަށް ތާއިދުނުކުރާ މެމްބަރުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދެެއްވުމާއި އަޅުގަނޑަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކާއި އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން އަދަބުވެރިކަމާއެކު އެދެމެވެ،" ނާޒިމް ވިދާޅުވެފައިވެ އެވެ.

 

"މި ހިނގާ ވަގުތަކީ ރާއްޖޭގެ ދިފާއީ ބާރާއި ފުލުހުންނާއި ޖުޑިޝަރީ އާއި މަޖިލީހާއި އަދި އެހެނިހެން މުއައްސަސާތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށް ދިވެހި ރައްޔިތުން ތިބީ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި އަދި ނާއިންސާފާ ދެކޮޅަށް ކަން ހާމަކަން ބޮޑުކޮށް ދައްކައިދިނުން އެެއީ ވާޖިބަކަށް ހަދަންޖެހިފައިވާ ވަގުތުކަން ޔަގީނެވެ."

 

ބައިނަލްއަގުވާމީ ފަރާތްތަކަށް އަޅުގަނޑުމެން މި ވެރިކަމާއި އަދި އަނިޔާވެރިކަމާއި ހިތްހަމަ ނުޖެހޭކަން ދެއްކޭނީ އެންމެ ރަނގަޅު ފުރުސަތަކީ ލޯކަލް ކައުންސިލް އިންތިހާބުކަން ކަށަވަރު ކަމަށާއި އެހެންވެ ސާބިތުކަމާއެކު ކުރިއަށް ވަޑައިގަތުމަށް ނާޒިމް އިލްތިމާސް ކުރެއްވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް