ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 12:38
އދ. އޮމަދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ
އދ. އޮމަދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ
ޕޮލިސް
އދ. އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުވުން
އިޖުތިމާއީ މައްސަލަތަކުން ކުށަށް ބަދަލުވާ ކަންކަމާމެދު ވަރަށް ސަމާލުވަން: ސީޕީ ހަމީދު
 
ފުލުހުންގެ ޚިދުމަތް ދޭންވާނީ ކޮމިއުނިޓީ ޕޮލިސިން ފަލްސަފާއާއި އެއްގޮތަށް

އިޖުތިމާއީ މައްސަލަތަކުން ކުށަށް ބަދަލުވާ ކަންކަމާމެދު އިތުރަށް ސަމާލުވެ ފުލުހުންގެ ޚިދުމަތްތައް ކުރިއަށް ގެންދިއުމަކީ މިއަދު ވަރަށް އިސްކަންދޭ ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. އޮމަދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށްޓަކައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ހަމީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ދޭންވާނީ ކޮމިއުނިޓީ ޕޮލިސިން ފަލްސަފާއާއި އެއްގޮތަށް ރައްޔިތުންނާއި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ޚިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ބަދަލުކުރަން ކަމަށެވެ. އޮމަދޫގައި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓަކީ މިދެންނެވި އަމާޒަށް ވާސިލުވުމަށްޓަކައި ކުރިޔަށް އެޅުނު ފިޔަވަޅެއްކަމަށް ސީޕީ ވިދާޅުވިއެވެ.

އދ. އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުވުން

ހަމައެއާއެކު ފުލުހުންގެ އައު ގާނޫނު އެކުލަވާލުމުގެ ކުރިންވެސް 2019 ވަނަ އަހަރު އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ ހަ ޕްރައޯރިޓީގެ ތެރޭގައި " ލޯކަލް ޕޮލިސިން" ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ޚިދުމަތަށް އިތުރު އަހައްމިޔަތުކަމެއް ދިނުމުގެ މަގުސަދުގައި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އޮމަދޫގައި ޕޮލިސް ޕޯސްޓް ހުޅުވުމާއެކު، އދ. މަހިބަދޫން ފުލުހުން އޮމަދޫ އައިސް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުން އައި އައުމަށް ނިމުން އައިސް، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވިގެންދާނެކަމަށް ވިދާޅިވިއެވެ.

ފުލުހުންގެ ޚިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއް އިންގިލާބީ ބަދަލަކީ ނެއިބަރހުޑް ޕޮލިސިން ނުވަތަ އަވަށްޓެރި ފުލުހުންގެ މަސައްކަތްކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ރައްޔިތުންނާއި ފުލުހުންގެ ގުޅުމުގެ ތެރެއިން މުޖުތަމައުގައި ހިނގާ ކުށާއި އެކުށުން އުފެދޭ ބިރުވެރިކަމުގެ އިހުސާސް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި އިޖުތިމާއީ މައްސަލަތަކުން ކުށަށް ބަދަލުވާ ކަންކަމާމެދު އިތުރަށް ސަމާލުވެ ޚިދުމަތް ދެމުން ގެންދިއުމަކީ މިއަދު ވަރަށް އިސްކަންދޭ ކަމެއްކަން ފާހަަގަކުރެއްވިއެވެ.

އދ. އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުވުން

އދ. އޮމަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕޯސްޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި  ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިސް އޮފިސަރުންނާއި އޮމަދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންނަގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް