ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 14:49
މާފަންނު ޕޮލިސް ސްޓޭޝަން
މާފަންނު ޕޮލިސް ސްޓޭޝަން
ޕޮލިސް
މާފަންނު ޕޮލިސް ސްޓޭޝަން
މާފަންނު ޕޮލިސް ސްޓޭޝަނުގެ އިމާރާތް ރަސްމީކޮށް ހުޅުވައިފި
 
އައު އިމާރާތުގެ ސަބަބުން އަވަށްޓެރި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާ ވެގެންދާނެ

މާލެ ސިޓީ ވެސްޓު ޕާކު ހިމެނޭ ސަރަހައްދުގައި ގާއިމު ކޮށްފައިވާ މާފަންނު ޕޮލިސް ސްޓޭޝަނުގެ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތް ހުޅުއްވައިދެއްވީ ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުންނާއި މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ މުޖުތަމައެއްގެ ތެރޭގައި ހަމަޖެހުމާއި މަސްލަހަތު ގާއިމުކޮށް، ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެބައެއްގެ މެދުގައި އުފެދިފައި އޮންނަ މުއައްސަސާއަކީ އަބަދުވެސް އެންމެ ލޮބުވެތި އެންމެ ޝަރަފުވެރި، ގަދަރާއި އިހުތިރާމް ލިބިގެންވާ މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި އެ ޒިންމާ ފުލުހުން އަދާކުރަމުންދާތާ 88 އަހަރު ވެގެންދާއިރު، މި ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އައިސް، މިއަހަރު މި ބައްދަލުކުރީ އުފާވެރި މުނާސަބަތު ތަކާއެކުކަމަށްވިދާޅުވިއެވެ..

އެގޮތުން ފުލުހުންގެ ޚިދުމަތުގެ ގާނޫނު އަލަށް ވުޖޫދުކުރެވި އަމަލުކުރެވިގެންދިއުމަކީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއް ކަމަށާއި ފުލުހުންގެ މަސައްކަތަށް މަގުދައްކައިދޭ ފުލުހުންގެ ދުރު، ދިގު ރާސްތާއަށް އަލިކޮށްދޭ ބައްތިއެއްކަމަށް ވިދާޅުވިއެވެ.

ހުރިހާ ފުލުހުންނަކީ ފުލުހުންގެ އައު ގާނޫނަށް އަހުލުވެރި، ގާނޫނުގައި ބުނާ ކަންކަން ރަނގަޅަށް ފުރިހަމައަށް އެނގޭބަޔަކަށް ވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. އައު ގާނޫނުގެ ދަށުން ގިނަ ގަވާއިދުތަކެއް ހެދިގެންދާނެކަމަށާ މިއީ ފުލުހުންގެ ޚިދުމަތް ފުރިހަމައަށް ބައްޓަންކޮށްދީ ސަފުތައް ތަރުތީބުކޮށްދީ މަސައްކަތުގެ ރާސްތާ ކަނޑައަޅައި ދޭނެ މަސައްކަތަކަށް ވެގެން ދާނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ޚިދުމަތެއް ދިނުމަށްޓަކައި ނުވަތަ ޒިންމާއެއް އަދާކުރުމަށްޓަކައި ދެ ސިފައެއް ލިބިގަންނަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށާއި އެމަސައްކަތެއް ކުރުމަށްޓަކައި ކޮންމެހެން ލިބިގަންނަންޖެހޭ ގާބިލުކަމާއި ހުނަރު ލިބިގަތުމާއެކު އެ މަސައްކަތުގައި އިޚުލާސްތެރިކަމުގެ ސިފަ ވަރަށް ފުރިހަމަގޮތުގައި އެމީހެއްގެ ކިބައިގައި އަށަގަންނުވަން ޖެހޭކަމަށް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އައު ގާނޫނުގެ ދަށުން ފުލުހުންގެ އިޖުތިމާއީ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކުރައްވައި، ރައްޔިތަކަށް ދަތިވާ، އުނދަގުވާ އަދި ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުން އެކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރިއޮޅާލައި ތައްޔާރަށް ތިބެންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މާފަންނު ޕޮލިސް ސްޓޭޝަނުގެ އިމާރާތުގެ ސަބަބުން އަވަށްޓެރި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންނާ ހިއްސާކޮށް ފުލުހުންނާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލުތައް ހިއްސާކުރެއްވުމަށް ފަސޭހަ ވެގެންދާނެކަމަށް ވިދާޅުވިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަން ކުރިން ހިންގަމުން އައީ ފަންހިޔާ ބިލްޑިން ގައެވެ. މާފަންނު ޕޮލިސް އައު އިމާރާތަކަށް ބަދަލުވެގެންދިއުމާއެކު އެ ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މެރިން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް