އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ގަނެފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ 100،000 ޑޯޒު މިއަދު ރާއްޖެ ގެނެސްފިއެވެ.
މިއީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުއާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާ އެކު 23 މާޗް 2021 ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނެވުނު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ބެޗް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން (ChAdOx1 nCoV-19) ކޮރޯނާ ވައިރަސް ވެކްސިން (ރިކޮމްބިނެންޓް) ކޮވިޝީލްޑް ވެކްސިންގެ 200،000 ދިވެހިރާއްޖެއިން ގަނެފައިވެއެވެ.
މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގައި އިންޑިއާގެ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް 200000 ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާކޮށްފައެވެ. އަދި ކޮވެކްސް (COVAX) ފެސިލިޓީއިން ވެސް ދިވެހިރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައިވެއެވެ.
ކޮވިޝީލްޑް ވެކްސިން ގެނެސްފައިވާއިރު އެޗްއީއޯސީގެ ތަރުޖަމާނު ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 200،000 ޑޯޒް ވެކްސިން ލިބޭނެ ކަމަށެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 108،000 ޑޯޒްގެ ވެކްސިންގެ 12،000 ޑޯޒް މިހާތަނަށް ލިބިފައިވާ ކަމަށާއި, އޭގެ ބާކީ ބައި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފައިޒާ ވެކްސިންގެ 58،050 ޑޯޒް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
ވެކްސިން ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރު ތަފްސީލް ކޮށްދެއްވައި ޑރ. ނަޒްލާ ވިދާޅުވީ އެސްޓްރާޒެނެކާގެ 700،000 ޑޯޒް ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މި ވެކްސިން ވެސް މިމަހު ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ލިބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ސައިނޯފާމްގެ 18،000 ޑޯޒްގެ ވެކްސިން ލިބިފައިވާ ކަމަށެވެ. މި ވެކްސިންއަށް ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންކަން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންނަނީ ބަލަމުން ކަމަށާއި، އުންމީދަކީ ވީހާ ވެސް އަވަހަށް ވެކްސިން ޖެހުމުގެ ހުއްދަ ލިބިގެންދިއުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.