ކ. މާލެ
|
27 މާރޗް 2021 | ހޮނިހިރު 23:28
ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- އާ ގާނޫނުގެ ދަށުން ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމު އަދުނާން
ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- އާ ގާނޫނުގެ ދަށުން ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމު އަދުނާން
ޕޮލިސް
އާ ގާނޫނުގެ ދަށުން ފުލުހުން ހުވާކުރުން
އާ ގާނޫނުގެ ދަށުން ފުލުހުން ކުރި ހުވަޔާއެކު، ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް އަންނާނެތަ؟
ފުލުހުންގެ ބޯޑެއް އެކުލަވާލުން މި ޤާނޫނުގެ ދަށުން ލާޒިމުކުރޭ
ފުލުހުން އިތުރަށް ޒިންމާދާރު ކުރުވުން މި ބޯޑުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ
މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ ގޮތާއި، ޖަވާބުދާރީ ވާންޖެހޭ ކަންކަން އައު ޤާނޫނުގައި ސާފުކޮށް ބަޔާންވެފައިވޭ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު، އައު ޤާނޫނުގެ ދަށުން ހޮނިހިރު ދުވަހު ފުލުހުން މިވަނީ އަލުން ހުވާކޮށްފައެވެ. އައު ޤާނޫނަކަށް އަމަލު ކުރަން ފެށުމާއެކު، ފުލުހުންގެ ޚިދުމަތަށް އަންނާނެ ބަދަލުތަކަކީ ކޮބައިތޯ މިއީ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. ފުލުހުންގެ ޚިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާ ބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ. އެއާއެކު، އެންމެންވެސް އަހާ ސުވާލަކީ، އައު ހުވައަކާއެކު ފުލުހުން އައު މަރުޙަލާއެއް ގިރާކުރާއިރު، ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ މައިގަނޑު ބަދަލުތަކަކީ ކޮބައިތޯއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކު، ލިބިގެންދާނެ އެންމެ ބޮޑު އެއް ބާރަކީ ނުފޫޒުން މިންޖުވެ، މިނިވަންކަމާއެކު ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެން ދިއުންކަމަށް ފުލުހުން ބުނެއެވެ. އެކަމާ ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ޔޫނުސް ސަބާޙް ވިދާޅުވީ، ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަށް މި ޤާނޫނުން މަގުފަހިވެގެންދާ ކަމަށެވެ. އަދި އެކަމަށް ޚާއްސަ އޮނިގަނޑެއް މި ޤާނޫނުން އެކުލަވާލެވިފައިވާކަން ޔޫނުސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ފުލުހުންގެ ބޯޑެއް އެކުލަވާލުން މި ޤާނޫނުގެ ދަށުން ލާޒިމުކުރާކަން ފާހަގަ ކުރައްވައި ޔޫނުސް ވިދާޅުވީ، ފުލުހުންނަށް ނަތީޖާ ނެރެވޭވަރު މި ބޯޑުން މިނެކިރާނެ ކަމަށެވެ. އަދި ފުލުހުން އިތުރަށް ޒިންމާދާރު ކުރުވުން މި ބޯޑުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަން ފާހަގަ ކުރައްވައި ޔޫނުސް ވިދާޅުވީ، މިއީ ޒަމާނީ ދިމިޤްރާތީ ޤައުމުތަކުގައިވެސް ބޭނުންކުރާ އުސޫލެއް ކަމަށެވެ.

ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުން މަދު ކުރުން، ނޫނީ ސިޔާސީ ނުފޫޒު ނުވަންނާނެކަން ކަށަވަރު ކުރުމަށްޓަކައިވެސް މި ޤާނޫނުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި އެބަހުރި، މިސާލަކަށް ފުލުހުންގެ ތެރެއަށް ނުފޫޒު މި ވަންނަނީ ސިޔާސީ މީހުންގެ ފަރާތުން، އެހެންވީމާ އެ ސިޔާސީ ފަރާތްތަކާ ގުޅޭގޮތުން ފުލުހުން ޖަވާބުދާރީވާންޖެހޭ އެއްފަރާތަކީ މިނިސްޓަރ، ނޫނީ ވަޒީރު، ވަޒީރުގެ ދައުރު ވަރަށް ސާފުކޮށް ވަރަށް ޞަރީޙަކޮށް މި ޤާނޫނުގައި ބަޔާންކޮށްފައިވޭ، ވަޒީރަށް އެންގެނީ ސްޓްރެޓެޖިކް ރިކުއަރމަންޓެއް، ސްޓްރެޓެޖިކް ޕޮލިސިންގ ރިކުއަރމަންޓެއް ވަޒީރު މި ކަނޑައަޅަނީ، ކަނޑައަޅައި އެ ސިޔާސަތުގެ ލެވެލްގައި ވަޒީރުގެ ދައުރު މި އޮންނަނީ، އަދި އިތުރު ބައެއް ކަންކަން އެބަހުރި
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ޔޫނުސް ސަބާޙް

7 މެމްބަރުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބޯޑުގައި ހިމެނޭނެ މެމްބަރުން އައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ ބޯޑުގެ 2 މެމްބަރުންނަކީ އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންނެވެ. އަދި 2 މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެމްބަރުންނަށްވާއިރު، ދެން ތިއްބަވާ 3 މެމްބަރުންނަކީ ވަޒީރުގެ ލަފަޔާއި އިރުޝާދާއެކު އައްޔަނު ކުރާ 3 މެމްބަރުންނެވެ. ޔޫނުސް ވިދާޅުވީ، ބޯޑުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންވެސް ކަނޑައެޅިގެން މިދަނީ ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ކަމަށެވެ. އަދި ބޯޑުގެ މެމްބަރުންނަކީ އެއްވެސް ސިޔާސީ ނުފޫޒެއްގެ ދަށުން މަސައްކަތެއް ކުރައްވާނެ ބައެއް ނޫންކަން ޔޫނުސް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމާއި ގުޅޭގޮތުން ޔޫނުސް ވިދާޅުވީ، ދަށުން މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ ގޮތާއި، ޖަވާބުދާރީ ވާންޖެހޭ ކަންކަން އައު ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ވަކި ޙުދޫދުތަކެއް ކަނޑައެޅި ބަޔާންވެގެންވާކަމަށް ޔޫނުސް ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ އިލްމީ ޤާބިލުކަން އިތުރު ކުރުމަށްޓަކައި، ބަލަންޖެހޭ ކަންކަން ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެކި ރޭންކްތަކުގައި ހިމެނޭ ފުލުހުންގެ ތައުލީމާއި، ތަޖުރިބާއާއި ތަމްރީނު ހުރި މިންވަރު ވަޒަން ކުރެވިގެންދާނެއެވެ. މިއީ މަޤާމުގައި ތިއްބަވާ ފުލުހުންގެ ޤާބިލުކަން އިތުރަށް ކަށަވަރު ކުރެވޭނެ މަގެއްކަމަށް ޔޫނުސް ފާހަގަ ކުރެއްވިއެވެ. އަދި މި އެސެސްމަންޓުގެ ސަބަބުން ވަކި ފުލުހަކަށް ދެރަ ގޮތެއް ވެގެން ނުދާނެކަމަށްވެސް ޔޫނުސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނޭ ހޭދަވި މުއްދަތާއި، ކޮށްފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ތަމްރީނުތަކާއި، ލިބިފައިވާ ތައުލީމު ފަދަ ކަންކަމަށް ރިއާޔަތްކުރަން ވާނެ ކަމަށް، ހަޤީޤަތުގައި މިކަމުންވެސް އަޅުގަނޑުމެންނަށް ފެންނަނީ ހަޤީޤަތުގައި ފުލުހުންގެ މެނޭޖްމަންޓް ލެވެލްގައި ޚާއްސަ ގޮތެއްގައި ތިބި ފަރާތްތަކަކީ މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތަކެއްތޯ ކަށަވަރު ކުރެވޭނެ ގޮތެއް އުފެދިގެން މި އަންނަނީ ނޫނީ ވުޖޫދުވެގެން މި އަންނަނީ، ފުލުހުންގެ ތެރޭގައި ތިބި ސީނިއަރ ހުރިހާ ބޭފުޅުންނަކީވެސް ވަރަށް ތައުލީމީ ތަޖުރިބާހުރި ބޭފުޅުން، ވަކި ފުލުހަކަށް މިކަމުގެ ސަބަބުންނެއް ސީދާ ކަނޑައެޅިގެން ގެއްލުމެއް ނޫނީ ދެރަގޮތެއް ވާނެކަމަކަށް ނޫނީ ވާން ޖެހޭނެކަމަށް އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭ،
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ޔޫނުސް ސަބާޙް

ފުލުހުންގެ ތަމްރީނުތަކުގެ ސިޔާސަތުތަކެއް ކަނޑައެޅުން މި ޤާނޫނުގެ ދަށުން ވަޒީރަށްވެސް ލާޒިމުކުރާއިރު، އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ތަމްރީނުތަކާއި ޤާބިލުކަން އިތުރު ކުރުމަށްވެސް މިހާރަަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު މިވަނީ ބޮޑުވެފައެވެ. އަދި ފުލުހުންގެ އިންހައުސް ޓްރެއިނިންގތައްވެސް މިހާރަށްވުރެ ފުޅާވެގެންދާނެކަމަށް އުއްމީދުތަކެއް ކުރެވެއެވެ. މި ޤާނޫނު ބައްޓަންވެފައި އޮތީވެސް އެ ވިސްނުމާއެކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގުކުރެއްވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ބިލު ތަސްދީޤު ކުރެއްވުމާއެކު، ފުލުހުންގެ ޤާނޫނު (2008/5) މިވަނީ އުވިފައެވެ. އަދި ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވެގެންދާއިރު، އާ ގާނޫނުގެ ދަށުން ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމު އަދުނާންއެވެ. ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މާލޭގެ އިތުރުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފައިވާ ހުރިހާ ރަށެއްގައި ވަނީ ބާއްވާފައެވެ.

- ކޮމެންޓް