ރާއްޖޭޓީވީގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު މުހުސިނަށް ބަޔަކު ހަމަލާއެއްދޭން ރާވާކަމުގެ މައުލޫމާތު ލިބުމުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއަށް ހުށަހަޅައިފިއެވެ.
ހޯމަ ދުވަހު ރާއްޖޭޓީވީގެ ފަރާތުން އެ ދެމުއައްސަސާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖެޓީވީގެ ނޫސްވެރިޔާ އަދި އެސިސްޓަންޓް އެޑިޓަރު އަހުމަދު މުހުސިނަށް ހަމަލާއެއް ދިނުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އިތުބާރުހުރި ދެ ފަރާތަކުން ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން "ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފައިސާ ދީގެން ހަމަލާދޭން އުޅެކަމުގެ މައުލޫމާތު އިތުބާރު ހިފޭ ދެ ފަރާތަކުން ރާއްޖެ ޓީވީއަށް ވަނީ ހިއްސާކޮށްފައި" ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
"މުހުސިނަށް ޙަމަލާ ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބުމަކީ އެ ސްޓޭޝަނުން ނުހަނު ކަންބޮޑުވާ މައްސަލައަކަށް ވާތީ މުހުސިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަ ޅައިދިނުމަށް އެދޭ" ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
މުހުސިންއަށް ހަމަލާއެއް ދޭން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ރާއްޖެޓީވީގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު މީގެ ކުރިންވެސް ވަނީ ރާއްޖެޓީވީއަށާއި ރާއްޖެޓީވީގައި މަސައްކަތްކުރާ ނޫސްވެރިންނަށް އިންޒާރުތައް ލިބިފައެވެ.
މީގެ ކުރިން ވެސް މި ސްޓޭޝަނަށް ލިބިފައިވާ މިފަދަ އިންޒާރުތަކާއެކު ރާއްޖެޓިވީގެ ސީނިއާ ނޫސްވެރިޔަކަށް މަރުގެ ހަމަލާއެއް ދީފައި ވެއެވެ. މި ސްޓޭޝަން އަންދައި އަޅިއަށް ހަދާލާފައިވެ އެވެ.
މީގެ އިތުރުން ނޫސްވެރިޔާ އަޒްމޫން އަހުމަދާއި ބަޔަކު މަގުމަތިން ދިމާކޮށް މަރުގެ "ދުއްވާލާނެ" ކަމުގެ އިންޒާރު ދީފައިވާއިރު، އެސިސްޓެންޓް އެޑިޓަރު އަހުމަދު ފައިރޫޒްއަށް ބަޔަކު ފޯނުން ގުޅާ އެއް ގަޑިއިރުގެ ތެރޭގައި ހުރިތަނަކުން ހޯދާ މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިގެން ބަލާފައި ވެއެވެ.
ރާއްޖޭޓީވީ އަށާއި އެތައް ނޫސްވެރިންނަކަށް މަރުގެ އިންޒާރު ދީފައިވާއިރު މުހްސިނަށް މިފަހަރު ދިން އިންޒާރު ވެސް ރާއްޖޭޓީވީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފައި ވެއެވެ.