ފުލުހުންެގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒްކޮށް ނިމުނުތާ، ހަތަރު މަހެއްހާ ދުވަސް ފަހުން އިސްތިއުނާފް ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ މަޚުލޫފް ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވަނިކޮށް، އިސްތިއުނާފު ޝަރީއަތް ނުފަށަނީސް މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ހުކުމް ތަންފީޒްކޮށް ވަނީ ނިމިފަ އެވެ.
މަޚުލޫފްގެ އިސްތިއުނާފް ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިމަހުގެ 15 ދުވަހަށް ތާވަލުކޮށް، މަޚުލޫފްގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރަށް ހައިކޯޓުން ވަނީ އެކަން އަންގާފަ އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 9:00 އަށެވެ.
ނާޒިމް ވިދާޅުވި މަޚުލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒްކޮށް ނިމި މައްސަލައިގެ މުއާލާތް ކެނޑުނު ފަހުން އިސްތިއުނާފް އަޑުއެހުމެއް ތާވަލުކުރުމުން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. ނާޒިމް ވިދާޅުވީ އިސްތިއުނާފް އަޑުއެހުންތައް ނުފަށައިގެން އެތައް ފަހަރެއްގެ މަތިން ކޯޓަށް ސިޓީ ފޮނުވި ކަމަށާއި، އެހެންނަމަވެސް ހުކުމް ތަންފީޒްކޮށް ނިމުނުތާ އެތައް ދުވަހެއް ފަހުން އިސްތިއުނާފް ފެށުމަކީ މަޚުލޫފަށް ދިން އަނިޔާއެއް ކަމަށެވެ.
މަޚުލޫފްގެ މައްޗަށް ޖުމްލަ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، މިހާރު ތަންފީޒް ކުރައްވަމުން ގެންދަވަނީ ފުލުހުންގެ ދައުރަށް ދަތިކުރި ކަމަށް ބުނެ އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ތަންފީޒްކޮށް ނިންމައި މަޚުލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ.