ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން، ބޭންކަށް ނަގާފައިވާ ގއ. މަހައްދޫ ވިއްކާލުމަށް އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.
މަހައްދޫ އަކީ، ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ނަގާފައި އޮތް ރަށެކެވެ. އެ ކުންފުނިން ނެގި 206 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުން ބީއެމްއެލް އިން ވަނީ 2013 ވަނަ އަހަރުގެ ތެރޭގައި އެ ރަށް ނަގާފައެވެ. މަހައްދޫގެ އިތުރުން ފުަނައްޑޫގައި ހިންގަމުންދިޔަ މަސް ފެކްޓްރީ އާއި ރީތި ބީޗް ރިސޯޓް ވެސް ބޭންކަށް ނެގި އެވެ. ބީއެމްއެލް އިން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ރީތި ބީޗް ރިސޯޓް ވިއްކާލާފަ އެވެ.
މަހައްދޫ ވިއްކާލުމަށް ބީއެމްއެލްއިން ހަވާލުކޮށްފައި ވަނީ، ރީތި ބިޗް ރިސޯޓް ވިއްކާލުމަށް ވެސް ހަވާލުކުރި ސިންގަޕޫރުގެ ޖޯން ލޭންގް ލަސެލްސް ހޮސްޕިޓާލިޓީ ގްރޫޕް (ޖޭއެލްއެލް) އާ އެވެ.
މަހައްދޫ ވިއްކާލުމާ ގުޅޭ ގޮތުން ޖޭއެލްއެލް އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ 87 ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ މަހައްދޫގައި ރިސޯޓް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މަހައްދޫ ވިއްކާލުމަށް ހަމަޖެހިފައި ވަނީ ތިން ލައްކަ ޑޮލަރު (4.6 މިލިއަން ރުފިޔާ) އަށް ވުރެ މަތީގެ އަގެއް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.
ޓޫރިޒަމް މިނިސްޓްރީން 50 އަހަރަަށް ބީއެމްއެލްއަށް ރަޖިސްޓްރީ ކޮށްދީފައިވާ މަހައްދޫ ގަންނަ ފަރާތަކަށް، އެކި ޕޭމަންޓްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ ލުއި ގޮތެއް ބީއެމްއެލް އިން ވަނީ ހަމަޖައްސައިދީފަ އެވެ.
މަހައްދޫ ވިއްކާލުމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އިއުލާނުކުރި އެވެ. އެގޮތުން، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ އިތުރުން 2016 ވަނަ އަހަރުގެ ތެރޭގައި ވެސް އެ ރަށް ވިއްކާލުމަށް ބީއެމްއެލްއިން ހުޅުވާލި އެވެ. ނަމަވެސް އެ ރަށް ގަންނަން އެއްވެސް ފަރާތަކުން ހުށަހެޅި ކަމެއް ބީއެމްއެލް އިން ހާމައެއް ނުކުރެ އެވެ.