ލޯނެއްގެ ދަށުން ކެނެޑާއާއި މެކްސިކޯއަށް އެސްޓްރަޒެނިކާގެ ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް ވައިޓް ހައުސްގެ ކޯޑިނޭޓަރ ޖެފް ޒެއިންޓްސް ވިދާޅުވެއްޖެއެވެ.
އެ ދެ ގައުމަށް ލޯނެއްގެ ދަށުން 4 މިލިޔަން ޑޯޒުގެ ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފަކަން ހުކުރު ދުވަހު ޖެފް ވަނީ ހާމަކޮށްފައެވެ. ސީއެންއެންއިން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުން މެކްސިކޯއަށް 2.5 މިލިޔަން ޑޯޒުގެ ވެކްސިން ދޭއިރު، ކެނެޑާއަށް ދޭނީ 1.5 މިލިޔަން ޑޯޒުގެ ވެކްސިނެވެ.
ޖެފް ވިދާޅުވީ އެމެރިކާގައި މިހާތަނަށް ތިން ވެކްސިނަކަށް އެފްޑީއޭއިން ހުއްދަދީފައިވާ ކަމަށާއި، އިތުރު ވެކްސިނަށް ހުއްދަ ދިނުމަށްޓަކައި ހަދަން ޖެހޭ ދިރާސާތަކާއި ޓެސްޓުތައް ހަދަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އެސްޓްރަޒެނިކާގެ ވެކްސިންވެސް ހިމެނެއެވެ. އޭނާ ވިދާޅުވީ ވެކްސިންގެ ނަތީޖާތަކަށް އިންތިޒާރުކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި އެސްޓްރަޒެނިކާ ހިމެނޭއިރު، އެހެން ގައުމުތަކުން އެސްޓްރަޒެނިކާއަށް ހުއްދަ ދެމުން އަންނަ ކަމަށެވެ.
ކެނެޑާއާއި މެކްސިކޯއަށް ވެކްސިން ފޮނުވުމަށް އެމެރިކާއިން ނިންމާފައިވަނީ މިހާރު ހަދަމުންދާ ޓެސްޓުގެ މަރުހަލާގައި ބޭނުން ކުރުމަށެވެ. އެގޮތުގެ މަތިން އެމެރިކާއިން އެހެން ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައިއިރު، އޭގެ ތެރޭގައި ކެނެޑާއާއި މެކްސިކޯވެސް ހިމެނޭ ކަމަށް ޖެފް ވިދާޅުވިއެވެ. އެކަމަކު މި ވެކްސިނަކީ އެމެރިކާގެ ރައްޔިތުންނަށް ދެމުން އަންނަ ވެކްސިންގެ ބައެއް ނޫން ކަމަށާއި، ސަބަބަކީ އެސްޓްރަޒެނިކާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެގައުމުގައި އަދި މިހާތަނަށް ދީފައި ނުވާތީ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގެ އެއްވެސް ރައްޔިތަކު ވެކްސިނުން މަހުރޫމް ނުވާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
ލޯނާ ގުޅޭ ގޮތުން ސުވާލުކުރުމުން ޖެފް ވިދާޅުވީ މި ލޯނުގެ ދަށުން ގައުމުތަކަށް ދެވޭ ވެކްސިން، އަނބުރާ ލިބޭނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ވެކްސިން އަނބުރާ ލިބޭނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ. އަދި މިކަމުގެ ސަބަބުން ވެކްސިން ބޭނުންވާ އެމެރިކާގެ ސަރަހައްދުގެ ގައުމުތަކަށް އެކަމުގެ މަންފާ ކުރާނެ ކަމަށާއި، އަވައްޓެރި ގައުމުތަކަށް ވެކްސިންގެ މުހިންމުކަން ބޮޑު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާގައި މިހާތަނަށް 121 މިލިޔަން ޑޯޒުގެ ވެކްސިން ވަނީ ދީފައެވެ. މީގެ ތެރެއިން 75 މިލިޔަން މީހުން ވަނީ ވެކްސިނުގެ ދެވަަނަ ޑޯޒް ޖަހާފައެވެ.