ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 04:51
ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
ބްރެޒިލްގައި ކޮވިޑް-19 ވަނީ ކޮންޓްރޯލްނުކުރެވޭ ހިސާބުގައި، ވައިރަސް ޖެހިދާނެތީ ބިރުގަނޭ: ސަރވޭ
 
ބްރެޒިލްގައި އަންނަނީ ރިކޯޑް މިންވަރަށް މީހުން މިބަލީގައި މަރުވަމުން
 
ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 79 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ހާލަތު މިހާރު ވަނީ ކޮންޓްރޯލްނުކުރެވޭ ހިސާބުގައި
 
ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބުނާގޮތުގައި ވައިރަސް ޖެހިދާނެތީ އެމީހުން ވަރަށް ބިރު ގަނޭ

ބްރެޒިލްގެ ކޮންމެ ދިހަ މީހަކުން އަށް މީހަކު ގަބޫލުކުރާ ގޮތުގައި އެގައުމުގައި ކޮވިޑް-19 މިހާރު ވަނީ ކޮންޓްރޯލްނުކުރެވޭ ހިސާބަށްގޮސްފައި ކަމަށް ހިޔާލުހޯދުމުގެ ޕޯލަކުން ދައްކައިފިއެވެ.

ޕޯލުގައި ބައިވެރިވި ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބުނާގޮތުގައި ވައިރަސް ޖެހިދާނެތީ އެމީހުން ވަރަށް ބިރު ގަނެއެވެ. މިކަންބޮޑުވުންތައް ފާޅުކޮށްފައިމިވަނީ ކޮވިޑްގެ ޕެންޑަމިކް ފެށުނު ފަހުން އެގައުމުގެ ހެލްތު މިނިސްޓަރ ތިން ވަނަ ފަހަރަށް ބަދަލުކޮށްފައިވާ ވަގުތެއްގައެވެ. ބްރެޒިލްއަކީ މުޅި ޕެންޑަމިކްގައިވެސް ފެށުނީއްސުރެވެސް އެންމެ ހާލަތު ގޯސްވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެކެވެ.

ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 79 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ހާލަތު މިހާރު ވަނީ ކޮންޓްރޯލްނުކުރެވޭ ހިސާބުގައެވެ. ޖެނުއަރީ މަހު ނެގުނު ހިޔާލު ހޯދުމުގައި ހާލަތު ކޮންޓްރޯލުނުކުރެވޭ ހިސާބުގައިވާކަމަށް ގަބޫލުކޮށްފައިވަނީ 62 އިންސައްތަ މީހުންނެވެ.

ބުރާސްފަތި ދުވަހަކީ އެގައުމުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރި ދެ ވަނަ ދުވަހެވެ. އެއީ 2724 މީހުންނެވެ. ބުރާސްފަތި ދުވަހު ރިކޯޑް މިންވަރަކަށް މީހުން މަރުވެގެން ރިޕޯޓްކުރިއިރު އޭގެ ދެ ދުވަސްކުރިން 2841 މީހުން މަރުވެގެން ވަނީ ރިކޯޑް އަދަދެއް ހަދާފައެވެ. އަނެއްކޮޅުން ބުދަ ދުވަހު އެގައުމުގައި 90،303 މީހުންނަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ.

ހިޔާލު ހޯދުމުގެ ޕޯލުގައި ބައިވެރިވި މީހުންގެ 55 އިންސައްތަ މީހުން ބުނެފައިވަނީ ވައިރަސް ޖެހިދާނެތީ އެމީހުން ވަރަށް ބިރު ގަންނަކަމަށެވެ. ޖެނުއަރީ މަހުގެ ޕޯލުގައި ވައިރަސް ޖެހިދާނެތީ ބިރު ގަންނަކަމަށް ބުނެފައިވަނީ 44 އިންސައްތަ މީހުންނެވެ.

ބްރެޒިލްގައި ކޮވިޑްގެ އައު ވޭރިއަންޓެއް ފެތުރެމުން އަންނައިރު އައިސީޔޫތަކާއި ހޮސްޕިޓަލްތައް ވަނީ ކޮވިޑްގެ ބަލި މީހުންނައިގެން ފުރިފައެވެ.

އަނެއްކޮޅުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތުތައް ރަނގަޅުނޫންކަމަށް އެގައުމުގެ 54 އިންސައްތަ މީހުން ގަބޫލުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
67%
0%
33%
0%
0%
0%
ކޮމެންޓް