ކަރަންޓީނާ ނުލައި ކެމްޕޭން ކުރެވޭނެ ހެން ނެރުނު އުސޫލު އާއްމުކުރީ އިލެކްޝަން ކޮމިޝަން (އީސީ)އާ މަޝްވަރާ ކުރުމަށްފަހު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާއްމު ގޮތެއްގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ގައިޑްލައިންއެއް ތައްޔާރުކުރާއިރު މަޝްވަރާކުރަނީ އެކަމާ ގުޅޭ މުއައްސާސާތަކާއި ދާއިރާތަކާ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ މި ގައިޑްލައިން ތައްޔާރު ކުރުމުގައި މަޝްވަރާ ކުރީ އިލެކްޝަން ކޮމިޝަންއާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ކައުންސިލް އިންތިޚާބާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ އެދުމުގެ މަތިން ގަވާއިދެއް ތައްޔާރުކުރެވިފައިވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ކެމްޕެއިން ކުރެވޭ ގޮތާއި، ޚާއްސަކޮށް އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގޮތް އާއްމުކުރުމާ ގުޅިގެން އީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުންފާޅު ކޮށްފައިވާ ކަމަށެވެ. އަދި މި ގައިޑްލައިންގެ ސަބަބުން ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމުގެ ފުރުސަތު ނުލިބޭކަން ފާހަގަކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން ކެމްޕެއިން ކުރެވޭ ގޮތަށް ފުރުސަތު ފަހިކޮށްދިނުމަށް އެދިފައިވާތީ މިހާރުގެ އެސެންޝަލް ކަންތައްތަކުގައި އަތޮޅުތެރެއަށް ދަތުރުކުރުމަށް ފަސް ދުވަހަށް ހުއްދަދޭ ގައިޑްލައިންއަށް ބެލުމަށްފަހު އިތުރު ފިޔަވަޅުތަކާއެކު ޚާއްސަ ގައިޑްލައިންއެއް އެކުލަވާލީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެގައިޑްލައިން ތައްޔާރުކުރުމަށް އަޅުގަނޑުމެން ބެލި ބޭސިސްއަކީ ނޫނީ އޭތި ބޭސްކޮށްފައި މިވަނީ މިހާރު ވެސް އެސެންޝަލް ކަންތައްތަކުގައި އަތޮޅުތެރެއަށް ދަތުރުކުރުމަށް ފަސް ދުވަހަށް ހުއްދަދޭ ގައިޑްލައިންއަށް. އެގައިޑްލައިން ތައްޔާރުކުރުމުގައި މިހާރު އޮންނަ ގައިޑްލައިންއަށްވުރެ އިތުރަށް ރައްކާތެރިކަމަށް ވަރަށް ގިނަ ކަންތައްތަކަށް ބަލާފައިވާނެ. އެގޮތުން ހަމަ ރަށަށް ގޮސްފައި ވަކިތަނެއްގައި އެބޭފުޅުންގެ އެކޮމަޑޭޝަން ހަމަޖެހިފައި ހުންނަންވާނީ. ކެއުން ވެސް އެރަށުގެ މީހުންނާ ވަކިން ހަމަޖެހިފައި ހުންނަންވާނީ. ކެމްޕެއިން ކުރުމުގެ މަސައްކަތުގެ ތެރޭގައި ވެސް އައުޓްޑޯގައި ބައްދަލުވުންތައް ބާއްވަން ޖެހޭނީ. މީގެ އިތުރުން ދޮރުން ދޮރަށް ދިއުމާއި މިކަހަލަ ކަންތައް މިވަނީ މަނާ ކުރެވިފައި.އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ކަރަންޓީނާ ނުލައި ކެމްޕޭން ކުރެވޭނެހެން އެޗްޕީއޭއިން ނެރުނު އުސޫލަށް އިސްލާހު ގެނައުމަކީ ސަރުކާރުން ކުރި ކަމެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވާއިރު، ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ކަރަންޓީންނުވެ ދެވޭ ގޮތަށް ގެނައި އިސްލާހު އެޗްޕީއޭއިން މިހާރު ވަނީ އުވާލާފައެވެ. އަދި ކަރަންޓީންނުވެ ރަށްރަށް ކެމްޕެއިންކުރުމަށް ދެވޭގޮތަށް ހަމަޖެއްސުމުން ގިނަ ބަޔަކު އެކަމަށް ފާޑު ވެސް ކިޔާފައިވެއެވެ.
އެގޮތުން އަމިއްލަ އާއިލާ ގާތަށް ކަރަންޓީންނުވެ ދެވޭނެ ގޮތެއް ނެތްއިރު އެފުރުސަތު ކެމްޕެއިން ކުރުމަށް ދިނުމުން އާންމު ރައްޔިތުން ކަންބޮޑުވުންތަކުން ވަނީ ސޯޝަލް މީޑިޔާގެ ޕްލެޓް ފޯރމްތައް ފުރާލާފައެވެ. އަދި މި ނިންމުން ބަދަލުކުރުމަށް އާންމު ރައްޔިތުން ގޮވާލަމުން ދިޔައިރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ވެސް ވަނީ އެ އުސޫލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.