އައްޑޫސިޓީގައި ހޮނިހިރު ދުވަހު ވެކްސިން ޖަހާނީ އެނދުމަތި ކުރެވިފައިވާ ބަލިމީހުންނަށް އެކަނިކަމަށް އައްޑޫސިޓީގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އެ ސެންޓަރުން ބުނީ އެހެން ފަރާތްތަކަށް ވެކްސިން ޖެހުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އެހެން ފަރާތްތަކަށް ވެކްސިން ޖެހުން މެދުކަނޑާލި ސަބަބު އެ ސެންޓަރުން ހާމަކޮށްފައެއް ނުވެއެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން 9 މާރޗްގައި ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އެ ސިޓީން ޖުމްލަ 10900 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.
އައްޑޫގައި 6 ފެބްރުއަރީ އިން ފެށިގެން މިހާތަނަށް ޖުމްލަ 4889 ސާމްޕަލް ނަގާފައިވާއިރު މާޗު 12 ވަނަ ދުވަހުގެ އިރުއޮއްސި 06:00 ޖެހުމާއި ހަމައަށް 262 ސާމްޕަލް ވަނީ ނަގާފައެވެ. އައްޑޫސިޓީ އިން ޖުމްލަ 92 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެއީ ހިތަދޫ އިން 22 މީހުންނާއި މަރަދޫފޭދޫ އިން 4 މީހުންނާއި ފޭދޫ އިން 17 މީހުންނާއި މީދޫ އިން 14 މީހުންގެ އިތުރުން އެމްޓީސީސީ ސައިޓުން ޕޮޒިޓިވްވި 35 މީހުންނެވެ.
އައްޑޫސިޓީގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ޖުމްލަ 207 ގެ ކަރަންޓީން ކުރެވިފައިވާ ކަަމަށެވެ. އަދި މިހާތަނަށް ބަލިން 86 މީހަކު ވަނީ ފަސޭހަވެފައެވެ.
އައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެނުމާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައިވެއެވެ. ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ރައްޔިތުން ސަމާލުކަން ދޭ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވެއެވެ. އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓަރއަކާއި، އޭވިއޭޝަން ކްލަސްޓަރއެކެވެ.